ކިމް ޖޮންގް ނަމްގެ މަރާ ގުޅިގެން އުތުރު ކޮރެއާގެ ހަތަރު މީހަކު ހޯދަނީ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމް -- ފޮޓޯ: އޭޕީ

ކުއަލަލަމްޕޫރު (ފެބްރުއަރީ 19): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމްގެ މަރާ ގުޅިގެން އެގައުމަށް ނިސްބަތްވާ ހަތަރު މީހަކު ހޯދުމުގެ މަސައްކަތް މެލޭޝިއާއިން ފަށައިފި އެވެ.

އެ ހަތަރު މީހުން މެލޭޝީއާއިން ފުރައިގެން ދިޔައީ ކިމް ޖޮންގް ނަމް އަވަހާރަކޮށްލި ދުވަހު ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ފުލުހުން ގަބޫލު ކުރާ ގޮތުގައި ހޯމަ ދުވަހު ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓާ ކިމް އަވަހާރަކޮށްލީ އޭނާގެ މޫނަށް ވިހައެއް ސްޕްރޭކޮށްގެންނެވެ.

އެހަމަލާއާ ގުޅިގެން މެލޭޝިއާއިން ވަނީ މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އުތުރު ކޮރެއާގެ މީހަކާއި، މެލޭޝިއާގެ ފިރިހެނަކާއި، އިންޑޮނޭޝިއާގެ އަންހެނަކާއި، ވިއެޓްނާމުގެ ޕާސްޕޯޓެއް އޮތް އަންހެނަކު ހިމެނެ އެވެ.

މީގެ ކުރިން ކިމް ޖޮންގް ނަމް ވަނީ އުތުރު ކޮރެއާގައި އޮތް އާއިލީ ވެރިކަމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އަދި 2012 ވަނަ އަހަރު ނެރުނު ފޮތެއްގައި އޭނާ ވަނީ އޭނާގެ ކޮއްކޮގެ ލީޑާޝިޕަށް ފާޑު ވިދާޅުވެފަ އެވެ. ނަމަވެސް އޭނާ ވަނީ ވެރިކަމަށް ޝައުގެއް ނެތް ކަމަށްވެސް ވިދާޅުވެފަ އެވެ.

ދެކުނު ކޮރެއާއިން ވަނީ ކިމްގެ މަރުގެ ފަހަތުގައި ވަނީ އުތުރު ކޮރެއާ ކަމަށާއި މީގެ ކުރިންވެސް އުތުރު ކޮރެއާއިން ވަނީ ކިމް އަވަހާރަކޮށްލަން މަސައްކަތްކޮށްފަ ކަމަށް ބުނެފަ އެވެ.

"އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަސް މީހުންނަކީ އުތުރު ކޮރެއާއަށް ނިސްބަތްވާ މީހުން ކަމުން އަޅުގަނޑުމެން ގަބޫލު ކުރަނީ އެހާދިސާގެ ފަހަތުގައި ވަނީ އުތުރު ކޮރެއާ ކަމަށް،" ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީން ބުންޏެވެ.

ނަމަވެސް އެތުހުމަތުތަކާ ގުޅިގެން އުތުރު ކޮރެއާއިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. (ބީބީސީ)

comment ކޮމެންޓް