އިބްތިހާލްގެ ހަށިގަނޑުން ލަކުނުތަކެއް ފެންނަން ހުރި: ޑޮކްޓަރު

އާފިޔާ ފުލުހުންގެ އޮފިސަތުންތަކާއެކު ކްރިމިނަލް ކޯޓަށް ވަންނަނީ -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ވ. ރަކީދޫގައި މަންމަގެ ފަރާތުން ލިބުނު އަނިޔާތަކަކާ ގުޅިގެން މަރުވި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ ހަށިގަނޑުން ލަކުނުތަކެއް ފެންނަން ހުރި ކަމަށް އެކުއްޖާ ބެލި އައިޖީއެމްއެޗުގެ ޑޮކްޓަރެއް ކަމުގައިވާ ޑރ. އަހުމަދު ޒިޔާން ވިދާޅުވެއްޖެއެވެ.

އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައިވާ ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދެމުން ޑރ. ޒިޔާން ވިދާޅުވީ އިބްތިހާލްގެ ހަށިގަނޑުގައި ގިނަ ލަކުނުތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.

ޑރ. ޒިޔާން ވިދާޅުވީ އިބްތިހާލުގެ ބޮލަށް ވެސް އަނިޔާތަކެއް ލިބިފައިވާއިރު ކަންފަތާއި ކުރިމަތި ފަރާތް ވަނީ ވަރަށް ބޮޑަށް ދުޅަވެފައި ކަމަށެވެ. އަދި ކަރުގައި ނިޝާންތަކެއް ހުރި ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.

އިބްތިހާލަށް ގިނަ އަނިޔާތަކެއް ލިބިފައިވާކަންް ފާހަގަކުރައްވައި ޑޮކްޓަރު ވިދާޅުވީ އެކުއްޖާގެ ތުންފަތާއި މޭގެ އިތުރުން ބަނޑަށް ވެސް އެކި ޒަޚަމްތައް ލިބިފައިވާއިރު މޭކަށިޑު ވަނީ ބިނދިފައި ކަމަށެވެ.

އިބްތިހާލުގެ ކަރުގައި ނިޔަފަތީގެ ނިޝާންތަކެއް ހުރި ކަމަށާއި އެ ނިޝާންތައް ވަރަށް ތާޒާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި އެ ނިޝާންތަކަކީ ކަރުގައި ވަރަށް ބާރަށް ހިފާފައި ހުރުމުން އެޅިފައިވާ ނިޝާންތަކެއް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވިގޮތުގައި އިބްތިހާލު މަރުވެފައިވަނީ ނޭވާ ހުއްޓުވާލުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

ޑޮކްޓަރު ވިދާޅުވީ އިބްތިހާލުގެ ކަރުގެ އެތެރަށް ހުރީ ލޭ އެޅިފައި ކަމަށާއި އެއީ ބަނޑަށް ލިބިފައިވާ ޒަޚަމެއްގެ ސަބަބުން އެޅިފައިވާ ލެޔެއް ކަމަށް އެކަށީގެންވާ ކަމަށެވެ.

ހެކިބަހާ ގުޅޭގޮތުން އެއްވެސް ސުވާލެއް ޑޮކްޓަރާ ކުރަން ބޭނުންނުވާ ކަމަށް އާފިޔާ ވަނީ ބުނެފައެވެ.

އަފިޔާގެ މަންމަ ކޮބައިތޯ މިއަދުވެސް ގާޒީ ވަނީ ސުވާލު ކުރައްވައިފައެވެ. ޖަވާބުގައި އާފިޔާ ބުނީ މަންމަ އުޅެނީ މާލޭގައި ކަމަށާއި ނަމަވެސް އުޅޭ ވަކި އެޑްރެހެއް ނޭނގޭ ކަމަށެވެ.

ގަޒީގެ ސުވާލުތަކަށް ޖަވާބު ދެމުން އާފިޔާ ބުނީ އެއް ބަނޑު އެއްބަފާ ތިން މީހުން ތިބޭ ކަމަށާއި އެމީހުންނަކީ އައިޝަތު މުހައްމަދު މަނިކާއި އާދަމް މަނިކާއި ޔޫސުފް މުހައްމަދު މަނިކު ކަމަށެވެ. އެ އެންމެން ވެސް އުޅެނީ މާލޭގައި ކަމަށް އާފިޔާ ބުންޏެވެ.

މީގެކުރިން ބޭއްވި އަޑުއެހުމުގައި އިބްތިހާލުގެ ހަށިގަނޑު މޮނީޓާކުރި ޑރ. އަހުމަދު ނިޝާން ވަނީ ހެކިބަސްދީފައެވެ. އެ މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޑރ. އައްބާސް އަބްދުލް ހަމީދުގެ ހެކިބަސް ނެގުމެވެ.

އިބްތިހާލަށް އަނިޔާކުރިކަމަށް އާފިޔާ ވަނީ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައެވެ.

comment ކޮމެންޓް