ޖައިލަމް ހޯދަން 1000 ނޯޓިކަލް މޭލު ބަލައިފި، އަދިވެސް ނުފެނޭ

ޑައިވިނައް ގޮސް އުޅެނިކޮން ގެއްލުނު ޖައިލަމް-- ފޮޓޯ/ އެމްއެންޑީއެފް

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އއ. ހުރުއެޅި ނަމަކަަށް ކިޔާ ފަޅުރަށް ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބި ޒުވާނާ ހޯދުމަށް 1000 ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި އަދިވެސް އޭނާ ފެނިފައި ނުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

ނުވަ މީހުންނާއެކު ރ. ދުވާފަރު "މަންފާ" ނަމަކަށް ކިޔާ ދޯނިން މިދިޔަ ބުރާސްފަތި ދުވަހު ހުރުއެޅި ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބި ށ. ޅައިމަގު، އަހުމަދު ޖައިލަމް ގެއްލިގެންް އެމްއެންޑީފަށް ރިޕޯޓް ކޮށްފައި ވަނީ މިދިޔަ ބުރާސްފައި ދުވަހުގެ މެންދުރުފަހު 3:45ގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކޯސްޓްގާޑް ބިލްޑިންގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ އެމްއެންޑީއެފުގެ އުޅަނދުތައް ބޭނުން ކޮށްގެންނާއި އެކިއެކި ފަރާތްތަކުގެ އެހީތެރިކަމާ އެކު ޖައިލަމް ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާ ކަމަށެވެ.

ޖައިލަމާއެކު ދަތުރުކުރި ދޯނީގެ މީހުންނާ ވާހަކަދެއްކުމުން ޖައިލަމް ޑައިވިން ޓުރެއިނިންއެއް ހަދާފައިވާކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ޖައިލަމް ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނާ ގުޅޭ ގޮތުން ކާނަލް ސަލީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އޭނާ ވިދާޅުވީ، "މަންފާ" ދޯނިން އެ ސަރަހައްދަށް ހުއިފިލަނޑާ ނަގަން ފޭބި ތިން މީހުންގެ ތެރޭގައި ހިމެނޭ ޖައިލަމް ފީނަން ފޭބިކަމަށް ވަނީ، ބުރާސްފަތި ދުވަހު މެނދުރުފަހު 1:15 ހާއިރު އެވެ. އަދި ޑައިވިންއަށް ފޭބީ މެންދުރު 2:00 ގައި މައްޗަށް އަރާ ގޮތަށް ކަމަށް އެ ދޯނިން މަޢުލޫމާތު ދީފައިވާ ސަލީމް ވިދާޅުވި އެވެ.

އެމްއެންޑީއެފް އިން ބުނީ ޖައިލަމް ހޯދުމުގެ މަސައްކަތް ފެށީ، އޭނާއާއެކު ފީނަން ފޭބި ދެ މީހުން މައްޗަށް އެރިއިރު ވެސް، އޭނާގެ ހަބަރެއް ނުވުމުން ކަމަށެވެ. ހަމާ އެއާ އެކު ކޯސްޓުގާޑު އެސަރަހައްދަށް ދަތުރުކުރަން ފެށިކަމަށާއި އެ ސަރަހައްދުގައި އޮންނަ ބައެއް ރިސޯޓް ތަކުގެ އެހީތެރިކަމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ކާނަލް ސަލީމް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ސީޕްލޭން ބޭނުނުންކޮށްގެންނާއި އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ބޭނުން ކޮށްގެން ޖައިލަމް ހޯދުމަށް ވައިގެ މަހުން އިއްޔެއިން ފެށިގެން މަސައްކަތް ކުރަމުންދާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ޖައިލަމް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ވެސް އެކަން ބަލައިދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެއްވެސް ފަރާތަކުން ޖައިލަމާ ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ އެކަން އެމްއެންޑީއެފަށް އެންގުމަށް ވެސް ވަނީ އެދިފަ އެވެ.

comment ކޮމެންޓް