ބަންގާޅު ޗެމްޕިއަނުންނާ ދެކޮޅަށް ޓީސީ ނުކުތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން: ނިޒާމްބެ

ބަންގާޅު މުބާރާތުގައި ވާދަކުރުމަށް އެގައުމަށް ފުރުމުގެ ކުރިން ނިޒާމްބެ ނޫސްވެރިންނަށް މައުލޫމާތުދެނީ: މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ޓީސީ ވާދަކުރާ ފުރަތަމަ ފަހަރު --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ބަނގްލަދޭޝްގައި ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ފުރަތަމަ މެޗުގައި އެގައުމުގެ ޗެމްޕިއަން ދާކާ އަބަހާނީއާ ދެކޮޅަށް ނުކުތީ ހުރިހާ ކަމަކަށް ވިސްނައިގެން ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށް ރާއްޖެއިން ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ބަންގާޅު ލީގު ޗެމްޕިއަން ދާކާ އަބަހާނީއާ ދެކޮޅަށް އެ މުބާތާރާތުގެ ފުރަތަމަ މެޗުގައި ވާދަކޮށް ޓީސީ މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. މެޗުގައި ޓީސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މިސީޒަނުގައި އެޓީމާ ގުޅުނު ހުނަރުވެރި ފޯވަޑް އިބްރާހިމް މަހުދީ (އިއްބެ)އެވެ.

އިއްޔެގެ މެޗާ ގުޅޭގޮތުން ނިޒާމްބެ ބުނީ، މެޗުން މޮޅެއް ހޯދުމަށް ޓީސީގެ ހުރިހާ ކުޅުންތެރީން ވެސް ވަރަށް ބުރަ މަސައްކަތެއް ކުރި ކަމަށާއި އިދިކޮޅަށް ނުކުތް އަބަހާނީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށެވެ.

"ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް މެޗުގައި ވަރަށް ބުރަކޮށް މަސައްކަތްކުރި. އެޓީމު ވަރަށް ރަނގަޅު. ބަނގްލަދޭޝްގެ ލީގު ޗެމްޕިއަނުންނަށްވެފައި، އޭއެފްސީ ކަޕަށް ރަނގަޅަށް ތައްޔާރުވެފައިވާ ޓީމަކަށްވުމުން އެކަމަށް ވިސްނައިގެން އަޅުގަނޑުމެން މެޗަށް ނުކުތީ،" އޭނާ ބުންޏެވެ.

މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ޓީސީ އަދި ކޯޗު ނިޒާމްބެއަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ހޯދުނު ފުރަތަމަ ކާމިޔާބެވެ. އަދި މިއީ ޓީސީން ވާދަކުރާ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ. ޓީސީއަކީ މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގެ ރަނަރަޕެވެ.

މުބާރާތުގައި ޓީސީ ކުޅޭ ދެ ވަނަ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ. އެ މެޗުގައި ޓީސީ ނުކުންނާނީ ކިރްގިސްތާން ލީގުގެ ތިންވަނަ އެފްސީ އަލްގާ ބިޝްކެކްއާ ދެކޮޅަށެވެ.

މިމަހުގެ 18 އިން ފެށިގެން އަންނަމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި ހިމެނެނީ، ދާކާ އަބަހާނީ، އެފްސީ ޕޮޗިއޮން އަދި އެފްސީ އަލްގާ ބިޝްކެކްއެވެ.

އެ މުބާރާތުގެ 'ގްރޫޕް ބީ'ގައި ހިމެނެނީ ބަނގްލަދޭޝް ލީގުގެ ރަނަރަޕް އަބަހާނީ ލިމިޓެޑާއި އެ ލީގުގެ ދިހަވަނަ ދާކާ މޮހައްމެދަންއާއި ހަތް ފަހަރު ނޭޕާލް ލީގު ކާމިޔާބުކޮށްފައިވާ މަނަންގް މަރްޝިޔަންގްޑި ކްލަބު އަދި އަފްޣާނިސްތާން ޕްރިމިއާ ލީގު ޗެމްޕިއަން ޝަހީން އަސްމަޔީ އެފްސީއެވެ.

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕުގެ ޗެމްޕިއަނުންނަށް ފައިސާގެ އިނާމެއްގެ ގޮތުގައި 30،000 ޑޮލަރު ހުށަހަޅާފައިވާއިރު، ރަނަރަޕަށް ހުށަހަޅާފައިވަނީ 15،000 ޑޮލަރުގެ ފައިސާގެ އިނާމެކެވެ.

comment ކޮމެންޓް