ނިއު ޔޯކަށް ހަމަލާ ދޭން ރޭވި ދީނީ އިލްމުވެރިޔާ އެމެރިކާގެ ޖަލުގައި މަރުވެއްޖެ

"ލޯ އަނދިރި ޝޭހު"ގެ ގޮތުގައި މަޝްހޫރުވެފައިވާ ޝޭހް އުމަރު އަބްދުއްރަހުމާން -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ފެބްރުއަރީ 19): ނުވަދިހައިގެ އަހަރުތަކުގައި އެމެރިކާގެ ނިއު ޔޯކަށް ބޮމުގެ ހަމަލާތަކެއް ދޭން ރޭވި ކަމުގެ ކުށުގައި އެ ގައުމުން ޖަލަށް ހުކުމް ކުރި ދީނީ އިލްމުވެރިޔާ ޝޭހް އުމަރު އަބްދުއްރަހުމާން މަރުވެއްޖެ އެވެ.

ނިއު ޔޯކުގެ މިސްކިތްތަކުގައި ދަރުސް ދެމުން ދިޔަ އަބްދުއް ރަހްމާން، 1996ގައި އުމުރަށް ޖަލަށް ހުކުމް ކުރީ އެމެރިކާ އިން އިސްރާއީލަށާއި މިސްރަށް ކުރާ ތާއީދު ހުއްޓުވުމުގެ ގޮތުން ނިއުޔޯކަށް ހަމަލާތަކެއް ދޭން ރޭވިކަން ކޯޓުގައި ސާބިތުވުމުންނެވެ.

އަބްދުއް ރަހްމާންގެ ޝަރީއަތް ކުރިއަށް ގެންދިޔަ ފަނޑިޔާރުން ވިދާޅުވި ގޮތުގައި އޭނާގެ ރޭވުންތައް ކާމިޔާބުވި ނަމަ އެތައް ހާސް މީހުން މަރުވެގެން ދިޔައީސް ކަމަށެވެ. އަދި 1993 ވަނަ އަހަރު ޓުވިން ޓަވަރަށް ދިން ހަމަލާ ރޭވުމުގައި ވެސް އޭނާގެ އަތެއްވާ ކަމަށް ތުހުމަތު ކުރި އެވެ. ނަމަވެސް އެކަން ސާބިތުވެފައި ނުވެ އެވެ.

މީގެ އިތުރުން ވެސް "ލޯ އަނދިރި ޝޭހު"ގެ ގޮތުގައި މަޝްހޫރުވެފައިވާ އަބްދުއްރަހްމާންގެ މައްޗަށް މިސްރުގައި ދިން ގިނަ ހަމަލާތަކެއްގެ ފަހަތުގައިވާ ކަމަށާއި އަލް ގައިދާއާ ގުޅުން ހުރި ކަމުގެ ތުހުމަތުތައްކޮށްފައިވެ އެވެ.

މިސްރަށް އުފަން އަބްދުއްރަހުމާން އެމެރިކާގެ ރަށްވެއްސަކަށްވީ 1991 ވަނަ އަހަރެވެ. އޭނާ މަރުވިކަން އިއުލާން ކުރީ މިސްރުގައި ދިރިއުޅޭ އޭނާގެ އާއިލާއިންނެވެ. އަބްދުއްރަހުމާނަކީ ހަކުރު ބަލި އާއި ހިތުގެ ބަލި ހުންނަ މީހެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް