ހުޅަނގުގެ ކޮންޓްރޯލް ދުނިޔޭން ކުޑަވެ ބައިނަލްއަގްވާމީ އައު ނިޒާމެއް އުފަންވަނީ

ލާވްރޯވް

މިޔުނިކް (ފެބްރުއަރީ 19) : ހުޅަނގުގެ އަސްކަރީ ޖަމާއަތް ކަމަށްވާ ނޯތު އެޓްލާންޓިކް ޓްރިޓީ އޮގަނައިޒޭޝަން (ނޭޓޯ) އަކީ ފިނި ހަނގުރާމައިގެ ދުވަސްވަރުގެ ބައު އޮޑިއެއް ކަމަށާއި ދުނިޔޭގެ ކޮންޓްރޯލް ހުޅަނގަށް ގެއްލެމުންދާ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ޖަރުމަނުގެ މިޔުނިކްގައި ކުރިޔަށްދާ ދުނިޔޭގެ އެންމެ ބޮޑު 20 އިގްތިސާދު (ޖީ ޓުވެންޓީ)ގެ ފޯރަމްގައި ވާހަކަ ދައްކަވަމުން ރަޝިޔާގެ ޚަރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ (ނޭޓޯ) އަކީ ފިނި ހަނގުރާމައިގެ ބައު އޮޑިއެއްކަމަށާއި މިއަދުގެ ބައިނަލްއަގްވާމީ މަސްރަހުގައި މާގިނަދުވަހު ނޭޓޯ އަށް ކެތްކޮށް ނުލެވޭނެ ކަމުގަ އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އެމެރިކާގެ އައު ޒަޢާމަތުން ވެސް ނޭޓޯއާ މެދު ދެކޭގޮތް ބަދަލުކޮށްފިކަމަށާއި އަސްކަރީ ޖަމާއަތެއްގެ ގޮތުގައި ދެން މާގިނަދުވަހު ނޭޓޯއަށް ބައިނަލްއަގްވާމީ މަސްރަހުގައި ހަރަކާތްތެރި ނުވެވޭނެ ކަމުގަ އެވެ.

މިދިޔަ ހަފްތާގައި ބްރަސަލްސްގައި ބޭއްވި ނޭޓޯގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމެރިކާގެ އައު ދިފާއީ ވަޒީރު ޖޭމްސް މާޓީސް ވަނީ ނޭޓޯ އަށް ކުރަންޖެހޭ ޚަރަދުތަކުގެ ބޮޑުބައި ދެން އެމެރިކާއަށް އެކަނި ނުކުރެވޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

މާޓީސް

މާޓީސް ވިދާޅުވީ ނޭޓޯއަށް އެމެރިކާ ކުރަންޖެހެނީ ވަރަށްބޮޑު ޚަރަދުތަކެއް ކަމަށްވާތީ އެޖަމާއަތުގެ ޚަރަދުތައް މެންބަރު ހުރިހާ ގައުމުތައް އެއްނިސްބަތަކުން ހިއްސާ ކުރަންޖެހޭކަން އެމެރިކާ ގަބޫލުކުރާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. މާޓީސްގެ ވާހަކަފުޅުގެ ސަބަބުން ނޭޓޯ ކުރިއަރުވަން މަސައްކަތްކުރާ އަދި އަމިއްލަ ދިފާއުގައި އެޖަމާއަތަށް ބަރޯސާވާ ޔޫރަޕްގެ ކުދި ގައުމުތައް ވަނީ ވަރަށް ކަންބޮޑުވެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނޭޓޯއަކީ މިޒަމާނާ ނުގުޅޭ ބޯދާ ޖަމާއަތެއްކަމަށާއި އެމެރިކާގެ ދިފާއީކަންކަން އެޖަމާއަތަށް ބަރޯސާ ކުރަން ބޭނުންނުވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. މިމޭރުމުން ޓްރަމްޕް ވާހަކަ ދައްކަވާފައި ވަނީ އެމެރިކާގެ ރައީސް ކަމުގެ ހުވާކުރެއްވުމުގެ ތަންކޮޅެއް ކުރިންނެވެ. ޓްރަމްޕްގެ މިބަޔާނާ މެދު ޔޫރަޕުން ވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.

ޖީ ޓުވެންޓީގެ ފޯރަމްގައި ވާހަކަ ދައްކަވަމުން ރަޝިޔާގެ ޚަރިޖީ ވަޒީރު ވިދާޅުވީ ނޭޓޯ ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ކުރިމަތީގައި ރަޝިޔާ މަޑުން ނޯންނާނެ ކަމުގަ އެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ހުޅަނގު ޔޫރަޕާއި އެމެރިކާ ގުޅިގެން ބިނާކުރި "ހުޅަނގުގެ ނިޒާމު" މިހާރު ފޫވެއްޓިއްޖެ ކަމަށާއި ބައިނަލްއަގްވާމީ މަސްރަހަށް މިހާރު އުފަންވަމުން މިދަނީ މުޅިން އެހެން ނިޒާމެއްކަމަށާއި މިނިޒާމުގައި އިސްކޮށް ހަރަކާތްތެރި ވާނީ ރަޝިޔާއާއި ޗައިނާ ކަމުގަ އެވެ.

ބައިނަލްއަގްވާމީ މަސްރަހަށް އަލަށް އުފަންވާ ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރަންބޭނުންވާ ނަމަ އެމެރިކާ ވެސް އަދި ޔޫރަޕް ވެސް ޖެހޭނީ އެހެންގައުމުތަކަށް އިހްތިރާމްކުރަން ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

ރަޝިޔާއާއި ޗައިނާއަކީ އދ. އާއި ބައިނަލްއަގްވާމީ މަސްރަހުގައި އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކަށް ފާޅުގައި ގޮންޖަހަމުން ގެންދާ ދެގައުމެވެ. މިދެގައުމުގެ ތެރެއިން ޗައިނާ ދާދިފަހުންވަނީ އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެއްވަނަ އިގްތިސާދީ ބާރުގެ މަގާމު ހޯދާފަ އެވެ. އަދި ރަޝިޔާ ވަނީ ޔުކްރޭންއާއި ސޫރިޔާ އަދި ޖޯޖިޔާގެ މައްސަލަތަކުގައި ނޭޓޯއާއި އެމެރިކާއާ ދެކޮޅަށް ފާޅުގައި ގޮންޖަހައި ރަޝިޔާގެ އަސްކަރީ ބާރު ދައްކާލާފަ އެވެ. އަދި ޗައިނާ ގެންދަނީ ދެކުނު ޗައިނާ ކަނޑުގައި އެމެރިކާ އަށް އަސްކަރީ ގޮތުން ޗައިނާގެ މުލައްދަނޑީގެ ބާރު ދައްކަމުންނެވެ.

ހުޅަނގުގެ ބައު ނިޒާމާ ދެކޮޅަށް އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން ތެދުވުމުގެ ހިއްވަރު ޗައިނާއާއި ރަޝިޔާއަށް ލިބުނީ އެމެރިކާގެ އެތެރެ ބައިބައިވެ އެމެރިކާގެ އެތެރޭގެ ސިޔާސީ ހަމަނުޖެހުންތައް ފެންމަތިވުމާއެކު ބައިނަލްއަގްވާމީ މަސްރަހުގައި އެމެރިކާ ފަހަތަށް ޖެހެމުންދާ މަންޒަރު ވަރަށް ބޮޑަށް ފެންނަން ފެށުމުންނެވެ.

މީގެ އިތުރުން ޔޫރަޕްގެ އިއްތިހާދުން އިނގިރޭސިވިލާތް ބޭރުވުން (ބްރެކްސިޓް)އާ އެކު އެއިއްތިޙާދު ބަލިކަށިވުމާއި ހަނގުރާމަތައް ހިނގަމުންދާ އަރަބި ގައުމުތަކުން ހިޖްރަކުރާ ރެފިއުޖީންގެ ސަބަބުން ޔޫރަޕްގެ އިގްތިސާދު އަރިއަޅާލަމުންދާތަން ފެންނަން ފެށުމަކީ ވެސް ދުނިޔޭގައި ލީޑް ރޯލެއް އަދާކުރުމުގެ ހިއްވަރު ޗައިނާއާއި ރަޝިޔާއަށް ލިބިގެންދިޔަ ކަމެކެވެ.

ދުނިޔޭގެ ބޭންކިން ނިޒާމުގެ ކޮންޓްރޯލް އަދިވެސް އެމެރިކާ އަތްދަށުގައި އޮތުމަކީ ޗައިނާއާއި ރަޝިޔާއަށް އޮތް ގޮންޖެހުމެއް ނަމަވެސް ޖީ ޓުވެންޓީގެ ގައުމުތައް ދުނިޔޭގެ މަސްރަހުގައި ބާރުގަދަވަމުން ދިޔުމާއި ޗައިނާގެ އިގްތިސާދީ ބާރާ އެކު އެގައުމުތަކުން ޑޮލަރު ނޫން އެހެން ފައިސާތަކުން އިގްތިސާދީ މުއާމަލާތްތައް ކުރަންފެށުމާ އެކު ދުނިޔޭގެ ބޭންކިން ނިޒާމުގެ ކޮންޓްރޯލް އެމެރިކާގެ އަތްދަށުން ދާނެކަމަށްވަނީ ބެލެވިފަ އެވެ. މިމައްސަލާއާ ބެހޭ ގޮތުން ޖީ ޓުވެންޓީގެ ފޯރަމްގައިވަނީ މަޝްވަރާކޮށްފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު