ބަންގާޅު ޗެމްޕިއަން އަތުން ޓީސީ މޮޅުވެއްޖެ

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަނގުލަދޭޝްގެ އަބަހާނީ ބައްދަކުރި މެޗުގައި ލަނޑުޖެހުމަށް ފަހު ޓީސީ ކުޅުންތެރީން އުފާފާޅުކުރަނީ --

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕުގައި ވާދަކުރާ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު ފުރަތަމަ މެޗުން، ބަނގްލަދޭޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން ދާކާ އަބަހާނީ އަތުން 1-0 ލަނޑުން މޮޅުވެއްޖެއެވެ.

މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ، އެޓީމުގެ ފޯވާޑް އިބްރާހިމް މަހުދީ (އިއްބެ)އެވެ.

މިއީ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތެއްގައި ޓީސީ ކުޅުނު ފުރަތަމަ މެޗެވެ. އަދި މިނިވަން ޗެމްޕިއަންޝިޕްގައި ސ. ފޭދޫ ޓީމުން ވިދާލީ އިއްބެ ޓީސީއަށް ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.

ހޮނިހިރު ދުވަހު ހަވީރު ޗިޓަގޮންގެ އެމްއޭ އަޒީޒް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ޓީސީއަށް ތިން ޕޮއިންޓް ލިބުނު ލަނޑު އިއްބެ ކާމިޔާބުކުރީ، އަބަހާނީގެ ޕެނަލްޓީ އޭރިޔާތެރައަށް، ނާއިޒު ހަސަން (ދާދު) ވަރަށް ރީތިކޮށް ހުރަސްކޮށްލި ބޯޅައެއް ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަނގުލަދޭޝްގެ އަބަހާނީ ބައްދަކުރި މެޗުގެތެރޭން --

މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ދެޓީމަށް ވެސް ނަތީޖާ ބަދަލުކޮށްލާނޭ ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔައެވެ.

މި މުބާރާތުގައި ޓީސީ ކުޅޭ ދެ ވަނަ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ. އެ މެޗުގައި ޓީސީ ނުކުންނާނީ ކިރްގިސްތާން ލީގުގެ ތިންވަނަ އެފްސީ އަލްގާ ބިޝްކެކްއާ ދެކޮޅަށެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ފުރަތަމަ މެޗުގައި، ދެކުނު ކޮރެއާގެ އެފްސީ ޕޮޗިއޮން ވަނީ ކިރްގިސްތާން އަލްގާ މައްޗަށް 2-0ގެ ނަތީޖާއަކުން ކުރިހޯދައިފައެވެ.

މިމަހުގެ 18 އިން ފެށިގެން އަންނަމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި ހިމެނެނީ، ދާކާ އަބަހާނީ، އެފްސީ ޕޮޗިއޮން އަދި އެފްސީ އަލްގާ ބިޝްކެކްއެވެ.

އެ މުބާރާތުގެ 'ގްރޫޕް ބީ'ގައި ހިމެނެނީ ބަނގްލަދޭޝް ލީގުގެ ރަނަރަޕް އަބަހާނީ ލިމިޓެޑާއި އެ ލީގުގެ ދިހަވަނަ ދާކާ މޮހައްމެދަންއާއި ހަތް ފަހަރު ނޭޕާލް ލީގު ކާމިޔާބުކޮށްފައިވާ މަނަންގް މަރްޝިޔަންގްޑި ކްލަބު އަދި އަފްޣާނިސްތާން ޕްރިމިއާ ލީގު ޗެމްޕިއަން ޝަހީން އަސްމަޔީ އެފްސީއެވެ.

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕުގެ ޗެމްޕިއަނުންނަށް ފައިސާގެ އިނާމެއްގެ ގޮތުގައި 30،000 ޑޮލަރު ހުށަހަޅާފައިވާއިރު، ރަނަރަޕަށް ހުށަހަޅާފައިވަނީ 15،000 ޑޮލަރުގެ ފައިސާގެ އިނާމެކެވެ.

comment ކޮމެންޓް