ކޫއްޑުއަށް ޖެއްސި މޯލްޑިވިއަންގެ ފްލައިޓަކަށް ގެއްލުން ވެއްޖެ

މޯލްޑިވިއަންގެ ފްލައިޓެއް ގއ. ކޫއްޑޫ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި އެ ފްލައިޓަށް ވަނީ ގެއްލުންތަކެއް ލިބިފައި -- ސަން ފައިލް ފޮޓޯ

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއް މިއަދު ގއ. ކޫއްޑޫ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި އެ ފްލައިޓަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ މިއަދު ހެނދުނު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަައިގެން ކޫއްޑޫ އެއާޕޯޓަށް އެ ބޯޓް ޖައްސަން އުޅުމުގެ ތެރޭގައެވެ. އެ ބޯޓުން ދަތުރުކުރީ، ކޫއްޑޫ ސަރަހައްދުގައި އޮތް ސަފާރީއަކަށް ދިޔަ ފަތުރުވެރީންތަކެއް ކަންވެސް ސަންއަށް ވަނީ އެނގިފައެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިރޭ ސަންއަށް ވިދާޅުވީ، އެބޯޓަށް ގެއްލުން ލިބުނީ، ކިހިނެއްވެގެންކަން މިވަގުތު އަދި ބުނެދޭން ނޭނގޭ ކަމަށާއި އެހެން ނަމަވެސް، އޭގައި ދަތުރުކުރި އެއްވެސް ފަސިންޖަރަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ދެން އެ ބޯޓު ދަތުރުކުރާނީ، ބޯޓަށް ލިބުނު ގެއްލުންތައް ފުރިހަމައަށް ބެލުމަށްފަހު، އަދި ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމަށްފަހު އެއްވެސް ނުރައްކަލެއް ނެތްކަން ޔަގީންކޮށްފައި،" ނަޝާތު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިންޖިނޭރުން ދަނީ، އެތަނުގައި މަސައްކަތްކުރަމުން. ސަބަބު ނޭނގެނީސް ދަތުރެއް ނުކުރާނަން."

ސަންއަށް ލިބިފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ބޯޓު ރަންވޭއަށް ޖެއްސި ވަގުތު ބޯޓުގެ ތިރިންބައެއް ވަނީ ރަންވޭގައި ގޭނިފައެވެ. އަދި ބޯޓުގެ ތިރީ ބައިގައި ބޮޑެތި ކޫރުންތަކެއް ވެސް ވަނީ އެޅިފައެވެ.

comment ކޮމެންޓް