ހުޅުމާލެއަކީ ކުރިން ނިދަންދާ ތަނެއް، މިހާރު ޒުވާނުންނަށް ވަޒީފާ ލިބޭ ތަނެއް: ސައިމަން

ހުޅުމާލޭގައި މިއަދު ކުރިއަށް ގެންދިޔަ "ޔޫތު ކެރިއާ އެކްސްޕޯ 2017" ފެށުމުގެ ގޮތުން ސައިމަން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މީގެކުރިން ހުޅުމާލެއާ މެދު މީހުން ދެކެނީ، ކައިރީ ރިސޯޓްތަކާއި މާލޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުން ވަޒިފާ ނިންމާލުމަށްފަހު ނިދަންދާ ތަނެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މިހާރު އެކަން ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވެއްޖެއެވެ.

އެއް ދުވަހުގެ ނިޔަލަށް މިއަދު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ "ޔޫތު ކެރިއާ އެކްސްޕޯ 2017" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ސައިމަން ވިދާޅުވީ، ހުޅުމާލޭގައި އެކި ފަރާތްތަކުން ވަރަށް ގިނަ ވަޒީފާތަށް އުފައްދާފައިވާ ކަމަށާއި އެކްސްޕޯގެ ސަބަބުން ވަޒީފާ ބޭނުންވެފައި ތިބި ފަރާތަތަކަށް ފަސޭހަ ކަމާއެކު ވަޒީފާ ހަމަޖެހިގެން ދާނެ ކަމަށެވެ.

ހުޅުމާލޭގައި މިއަދު ކުރިއަށް ގެންދިޔަ "ޔޫތު ކެރިއާ އެކްސްޕޯ 2017" ރަސްމީކޮށް މެޑަމް ފާތުން ހުޅުއްވައިދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

"ހުޅުމާލޭގެ ޒުވާނުންނާއި ހުޅުމާލޭގައި ދިރިއުޅުއްވާ ވަރަށް ގިނަ ފަރާތްތަކަކަށް އޮތް އެންމެ މުހިންމު އެއް ބޭނުމެއްގެ ގޮތުގައި ފާހަގަވެފައިވާ އެއް ކަމަކީ ވަޒީފާގެ ފުރުސަތުތަށް. ވަޒީފާގެ ފުރުސަތުތަށް ހުރި މިންވަރަކަށް ވަޒީފާގެ ފުރުސަތުތަށް ބޭނުންވާ ފަރާތްތަކަށް ގެންގޮސްދިނުން ނުވަތަ ފެސިލިޓޭޓް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށް ފާހަގަވެފައި ވަނީ،" ސައިމަން ވިދާޅުވިއެވެ.

ހުޅުމާލޭގައި ހުރި ވަޒީފާތަކުގެ މައުލޫމާތު ދިނުމަށް މިއަދު ހެނދުނު 10 އިން ފެށިގެން މިރޭ 10:30 އާހަމައަށް ރެހެންދި ސްކޫލްގައި ކުރިއަށް ގެންދިޔަ އެ ފެއާގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުންނަށް އެއްހާހަށް ވުރެން ގިނަ ވަޒީފާގެ ފުރުސަތު ފަހިވެގެން ދާނެކަމަށް އެޗްޑީސީއިން ބުނެއެވެ.

"އަޅުގަނޑުމެން އެންމެނަށް ވެސް ދެބަސް ނުވެވޭ ހަގީގަތަކީ މިއަދު ރާއްޖެ މިއޮތީ ވަރަށް ބޮޑު އިންގިލާބީ ބަދަލެއްގެ ތެރޭގައި ކަން. އެ ބަދަލަކީ އިންގިލާބީ އިކޮނަމިކް ޓްރާންސްފޮމޭޝަނަލް ޗޭންޖެއްގެ ތެރޭގައި މިރާއްޖެ އޮތްއިރު އެފަދަ ޗޭންޖަސް އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެއްތަނަކަށް ހުޅުމާލެ ވެގެންދޭ،" ސައިމަން ވިދާޅުވިއެވެ.

ރެހެންދި ސްކޫލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެ އެކްސްޕޯ ރަސްމީކޮށް ހުޅުއްވައި ދެއްވީ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމެވެ. އެ ރަސްމިއްޔާތުގައި އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް