ހައިރާންނުވޭ، ޕްރޮފެސަރުގެ ވެބްސައިޓް ހަދަނީ މިކުދިން!

ވެބްސައިޓް ހަދާ ހަ ކުދިންނާ އެކު އެގެއިލް--

އެދުވަހު އެކުދިން ތިބީ ބާކީވެފަ އެވެ. ހާއްސަ ކަމެއްނެތި، ކުރާނެ ކަމެއް ނެތި ރަށު ތެރޭގައި އެހެން މިހެން އުޅެނީ އެވެ. ކިޔަވަމުން ވެސް ދިޔައީ ސެން ކުލާހުގަ އެވެ. އެކުދީން ބާކީވާންޖެހުނު ހަމައެކަނި ސަބަބަކަށްވީ އުފެދުމުގައި ހުރި ނުކުޅެދުންތެރިކަމެވެ. ނަމަވެސް މިއަދު އެއީ ތަފާތު ކުދިންތަކެކެވެ. ކުރު ކޯހެއްގެ އެހީގައި އެކުދިން މިއަދު ވެފައި ވަނީ ހުނަރުވެރި ގަދަރުވެރި ކުދީންނަށެވެ. އެންމެ ފަހުން ބޮޑު ޝަރަފެއް ވެސް ހޯދައިފި އެވެ.

އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްއިން މިދިޔަ އަހަރު ނޮވެމްބަރު 12 އިން ފެށިގެން ހއ. އިހަވަންދޫގައި ހިންގާ މަލްޓިމީޑިއާ އެންޑް ވެބްޑިޒައިނިން ކޯހުގައި ބައިވެރިވި 178 މީހުންގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ހަ ކުއްޖަކު ހިމެނުނެވެ. އެ ކުދިނަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބިގެންދާނެ އެވެ. އެކުދީންނަކީ އަމިއްލައަށް ވެބްސައިޓް ފަރުމާކޮށް މަލްޓިމީޑިއާގެ އެކިއެކި މަސައްކަތް ކުރަން ދަސްކުރާ ކުދިންނެވެ.

އެ ކޯހުގެ ބައިވެރިންގެ ތެރެއިން އެންމެ ހުނަރުވެރި ކުދިންގެ ގޮތުގައި ފާހަގަވެފައި ވަނީ ނުކުޅެދުންތެރިކަން ހުރި ކުދީންނެވެ. އެކުދީންގެ ތެރޭގައި އިހަވަންދުއަށް ނިސްބަތްވާ ހުސެއިން ޝާލިމް އާއި މުހައްމަދު މާއިޒްގެ އިތުރުން މުހައްމަދު ރިލްވާނާއި އަބްދުﷲ ޝާމިލް އަދި ހުސެއިން ޝަރީފް އާއި ހއ. މޮޅަދޫ ޖާދުލް އަރަފާތު ހިމެނެ އެވެ. އޭގެ ތެރޭގައި ރަނގަޅަށް ވާހަކަ ނުކެއްދޭ ކުދިންނާއި ނުހިނގޭ ކުއްޖަކު ވެސް ހިމެނެ އެވެ. އެ ހަ ކުދިންނަކީ ވެބްސައިޓް ޑިޒައިން ކުރުމުގެ ގާބިލްކަން ލިބިފައިވާ ކުދީންނެވެ.

ޕްރޮފެސަރު އުގެއިލްގެ ވެބްސައިޓް ހަދާނީ އެކުދިން

އެކުދީންގެ ނަސީބު އަތުގައިހިފީ ރާއްޖެ ދުށް އެންމެ ބޮޑު އެއް އިލްމުވެރިޔާ ޕްރޮފެސަރު ހަސަން އުގެއިލް މިދިޔަ މަހު ފަހުކޮޅު އެރަށަށް ކުރި ޒިޔާރަތެއްގެ ތެރޭންނެވެ. އެތައް ހާސް ހުނަރުވެރިންނަކާ ބައްދުލުވެފައިވާ އުގެއިލަށް އެކުދީންގެ ހުނަރުފެނި ހައިރާންވި އެވެ. އެ ހައިރާންކަމުގައި އުގެއިލް ވަނީ ހާއްސަ މަސައްކަތެއް އެކުދީންލަށްވައި ކުރަން ނިންމައިފަ އެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑުގެ އަމިއްލަ ވެބްސައިޓް ފަރުމާ ކުރުމަށް މިހާރުވާނީ ހަވާލުކޮށްފައި،" އެކުދީންގެ ވާހަކަ ސަން އާ ހިއްސާކުރައްވަމުން އުގެއިލް ވިދާޅުވި އެވެ.

ވެބްސައިޓް ފަރުމާކުރާ އެތައް ގައުމެއްގެ އެތައް ހާސް ބަަޔަކާ ބައްދަލުވެފައިވާ އުގެއިލް ވިދާޅުވިގޮތުގައި އެކުދީންނަކީ ވަރަށް ވެސް ހުނަރުވެރި ކުދީން ތަކެކެވެ. މުޖުތަމައު އެކުދީން ބަލައިގަންނަންޖެހޭ ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.

"އެކުދީންނަށް ބޭނުންވާ ތަމްރީން އަދި އަޅާލުން ލިބޭ ނަމަ އެކުދިން ވާނެ ގައުމަށް ފައިދާ ހުރި މީހުން ކަމަށް. އެއްވެސް ޝައްކެއްނެތް،" އުގެއިލް ވިދާޅުވި އެވެ.

އާއިލާތައް އުފަލުން

ތަފާތު އެކިއެކި ނުކުޅެދުންތެރިކަން ހުރި އެކުދީން ބަލަހައްޓަމުން ދިޔަ އާއިލާތަކަށް މިއަދު މިވަނީ ބޮޑު އުފަލެއް ލިބިފަ އެވެ. ބަލި ކުދީންތަކެއްގެ ގޮތުގައި އުމުރު އެއްކޮށް ހޭދަކުރާން ނުޖެހި، ހިދުމަތަށް ނުކުމެވޭނެކަމުގެ އުންމީދު އާވެއްޖެ އެވެ.

އެކުދީންގެ ތެރޭގައި ހިމެނޭ ޖާދުލްގެ މަންމަ ފާތުމަތު އާދަމް ބުނިގޮތުގައި އޭނާގެ ދަރިފުޅަކީ މުޖުތަމައަށް ހިދުމަތްކޮށް ވެބްސައިޓް ހެދުމުގެ ދާއިރާއިން ކުރިއަށްދެވޭނެ ކުއްޖަކަށް ވާނެކަމުގެ އުންމީދު ލިބިއްޖެ އެވެ.

އެމްއެންޑީއެފުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދެނީ-- ފޮޓޯ:

"ވަރަށް ޝައުގުވެރިކަން ހުރޭ ގަޑިޖެހުމުގެ ކުރިން ތައްޔާރުވެގެން އިންނާނެ. ގެއަށް އައިސް ވެސް ކުރިން ނޭނގޭ އެތައް ކަމެއް ކުރޭ. ލެޕްޓޮޕް ބޭނުންކޮށްގެން ކުރަހާ ކުލަ ޖައްސާ ކަންކަން ކުރޭ،" ދަރިފުޅަށް ލިބިފައިވާ ހުނަރު ހިއްސާކުރަމުން އުފާވެފައިވާ މަންމަ ބުންޏެވެ.

އެ އާއިލާތަކުގެ އުންމީދަކީ އެކުދީންނަށް އެ ދަސްވި އެއްޗެއް އަދި އިތުރަށް ދަސްކޮށްދީގެން އެކުދީން ހިދުމަތަށް ނެރުމެވެ. ނަމަވެސް ނިކަމެތި އެ އާއިލާތަކަށް އެކަމަށް އެހީތެރިކަން ބޭނުންވެ އެވެ.

މިއަދު އެއީ އިހްތިރާމް ލިބިގެންވާ ކުދިން

މިއަދު މުޅި އިހަވަންދޫ ވެސް އެކުދީން ބަލައިގެންފި އެވެ. މިއަދު އިހަވަންދޫ ރައްޔިތުން އެކުދިންނާ ދޭތެރޭ ފަހުރުވެރިވެ އެވެ. އެކުދީންނަށް ލިބުނު ފުރުސަތުގެ ބޭނުން އެކުދިން ހިފީ ހުނަރު ދައްކައިދީގެންނެވެ.

"ރަށުން ވެސް ބަލައިގަނޭ ކަމެއް ޝަރަފްވެރިކުރާ އިރު ރަސްމިއްޔާތުތަކުގައި ވެސް އެކުދިން ބޭނުންކުރަނީ. މުޖުތަމައު ވަރަށް ބަލައިގަނޭ. ކުރިން ޝަރަފްވެރި ކުރުމަށް ސިޔާސީ މަގާމު ބޭނުންކުރިޔަސް މިހާރު ފުޓްބޯޅަ މުބާރާތް ފަދަ ކަންކަން އޭގެ ކުއްޖަކު ލައްވައި ޝަރަފްވެރިކޮށްލެވޭތޯ ބަލަނީ،" އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލްމުއީދު އިބްރާހިމް ވިދާޅުވި އެވެ.

ކޯހުގެ ކުލާސްތަކަށް ހާޒިރު ކުރުމާއި، ގެއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދެމުންދަނީ ކޯހުގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވާ ސިފައިންނާއި އެރަށުގެ ކޯޑިނޭޝަން ޓީމުންނެވެ. މި ކޯހުގެ އިންތިޒާމްތައް ހަމަޖައްސައިދެވިފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހައިން ކްލާސް ރޫމްގައި ތިބެވޭ ގޮތަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިން ގެއަށް ގެންދަނީ-- ފޮޓޯ އެމްއެންޑީއެފް

ނުކުޅެދުންތެރިކަން ހުންނަ އެކިއެކި ކުދިންގެ ފަރާތުން މިއަދު މިފެންނަ މިސާލުން ގައުމަށް ބޮޑު މެސެޖެއްދެ އެވެ. އެކުދީންނަކީ ނުކުޅެދޭ ބައެއް ނޫނެވެ. އެކުދީންގެ ކުޅެދޭކަން މާބޮޑެވެ. ބޭނުމީ ފުރުސަތެވެ. އަދިވެސް ފުރުސަތު ތަނަވަސް ކުރަންވީ އެވެ.

comment ކޮމެންޓް