ލައިޝާއަށް "ހޯދޭތޯ މަންޒިލެއް"ގެ ރާގު ދެވުނީ އިހުމާލަކުން: ސްޓޫޑިއޯ

މިނިވަން ދުވަހުގެ ހަރަކާތެއްގައި ލައިޝާ ލަވަ ކިޔަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވިއަން އައިޑޮލް ގެ ފުރަތަމަ ސީޒަން ކާމިޔާބު ކުރި ލައިޝާ ޖުނައިދުގެ ފުރަތަމަ ވީޑިއޯ ލަވަ "ހޯދޭތޯ މަންޒިލެއް"އަކީ ޓޮނިކް ލައިވް ސްޓޫޑިއޯގެ އުފެއްދުމެއް ކަމަށާއި ނަމަވެސް ކުރިން އެ ރާގު ބޭނުންކޮށްފައިވާއިރު އެ ރާގު ލައިޝާއަށް ދެވުނީ އިހުމާލަކުން ކަމަށް އެ ސްޓޫޑިއޯ އިން ބުނެފި އެވެ.

ޓޮނިކް ލައިވް ސްޓޫޑިއޯ އިން ހެދި އެ ލަވައަކީ 2014 ވަނަ އަހަރުގެ އިންޓަ ސްކޫލް ލަވަ މުބާރާތުގައި ދަރިވަރަކު ކިޔުމަށް އެ ސްޓޫޑިއޯ އިން ތައްޔާރުކުރި ރާގެކެވެ. އަދި ލައިޝާއަށް އެ ރާގު ދިނީވެސް އެ ސްޓޫޑިއޯގެ އުފެއްދުމަކަށް "ހޯދޭތޯ މަންޒިލެއް"ގެ ރާގު ވާތީ ކަމަށް އެ ސްޓޫޑިއޯ އިން މައުލޫމާތުދެ އެވެ.

ޓޮނިކް ލައިވް ސްޓޫޑިއޯ އިން ނެރުނު ބަޔާނެއްގައި ބުނީ، ލައިޝާ ލައްވައި ކިޔުއްވި ލަވައިގެ ރާގަކީ 100 ޕަސެންޓް ޓޮނިކް ލައިވް ސްޓޫޑިއޯގެ އުފެއްދުމެއް ކަމަށެވެ. ނަމަވެސް މައްސަލައަކަށްވީ އެ ރާގަށް މީގެ ކުރިން ސްކޫލް މުބާރާތެއްގައި ކުއްޖަކު ލަވައެއް ކިޔާފައިވާތީ ކަމަށް އެ ސްޓޫޑިއޯގެ ބަޔާނުގައިވެ އެވެ. އެ ރާގަކީ މީގެ ކުރިން "ވިޔަފާރީގެ އެއްވެސް މުއާމަލާތެއްގައި ބޭނުންކޮށްފައި ނުވާ ރާގަކަށް ވުމުން،" ލައިޝާއަށް ދިނީ ކަމަށް އެ ސުޓޫޑިއޯއިން ބުންޏެވެ.

"މިކަން ކުރީ އެއްވެސް ހާލެއްގައި ޕީއެސްއެމް އަދި ލައިޝާ އަށް އެއްވެސް ކަމެއް އޮޅުވައިލުމުގެ ބޭނުމުގައެއް ނޫނެވެ. ނަމަވެސް މިކަން މި ގޮތަށް ހިނގާފައި ވަނީ ސްޓޫޑިއޯގެ އިހުމާލުން ކަމަށް ދެކެމެވެ،" ބަޔާނުގައިވެ އެވެ. "ވީމާ ސްޓޫޑިއޯގެ މުޅި ޓީމްގެ ފަރާތުން ޕީއެސްއެމް، ލައިޝާ، ލައިޝާގެ ސަޕޯޓަރުން އަދި އެންމެހައި އާންމު ރައްޔިތުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ."

ޓޮނިކް ލައިވުން ބުނީ އެ އަލްބަމުގައި ހިމެނޭ ހަ ލަވައިގެ ތެރެއިން ބާކީ ހުރި ލަވަތަކަކީ ވެސް އެ ސްޓޫޑިއޯގެ އަމިއްލަ އުފެއްދުންތަކެއް ކަމަށެވެ. އަދި އެ ރާގުތައް މީގެކުރިން ބޭނުންކޮށްފައި ނުވާނެކަމުގެ ޔަގީންކަން ވެސް އެ ސްޓޫޑިއޯ އިން ދެއެވެ.

"އަދި އެ ލަވަތަކަކީ މި ސްޓޫޑިއޯ އިން މިހާތަނަށް އަލްބަމަކަށް ހޭދަ ނުކުރާހާ ވަގުތާއި ވަސީލަތް ބޭނުންކޮށްފައިވާ ލަވަތަކެއްކަން ވެސް ފާހަގަ ކުރަމެވެ. އަދި އެ ލަވަތައް ރިލީޒް ކުރުމުގެ ކުރިން މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޕީއެސްއެމް އަދި ލައިޝާއާ މަޝްވަރާ ކުރާނެ ކަމުގެ ޔަގީންކަން ވެސް ދެމެވެ،" ޓޮނިކް ލައިވް ސްޓޫޑިއޯއިން ނެރުނު ބަޔާނުގައި ވެއެވެ.

އެހެންކަމުން މިފުރުސަތުގައި ސްޓޫޑިއޯ އަށް އިތުބާރުކޮށް،އަލްބަމްގެ ބާކީ ހުރި ލަވަތަކުގެ މަސައްކަތް ނިންމާލުމަށްޓަކައި ޕީއެސްއެމް އަދި ލައިޝާގެ ފަރާތުން ފުރިހަހަމަ އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުކުރާ ކަމަށް ޓޮނިކް ލައިވް ސްޓޫޑިއޯ ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

ޓޮނިކް ލައިވް ސްޓޫޑިއޯއަކީ މިހާތަނަށް ރާއްޖޭގެ ފިލްމް އިންޑަސްޓްރީ އަށް ގިނަ އަމިއްލަ ރާގުތަކެއް ނެރެފައިވާ ސްޓޫޑިއޯ އެކެވެ. އެގޮތުން 2012 ވަނަ އަހަރު ރިލީސް ކުރި ކުޑައިއްބެގެ ސޯލޯ އަލްބަމް، "ރާގު"އަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އެ ސްޓޫޑިއޯ އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ކުޑައިއްބެގެ އަމިއްލަ ރާގަކަށް ކިޔާފައިވާ "ލޯބިކަން" ވީޑިއޯ އޯޑިއޯ ލަވަ މި މަހު 20 ގައި ރިލީޒް ކުރުމަށެވެ.

comment ކޮމެންޓް