ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވަނީ

ރައީސް ޔާމީން އާއި ސައުދީ ރަސްގެފާން ސަލްމާން - ފައިލް ފޮޓޯ: ރައީސް އޮފީސް

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު، ވަރަށް އަވަހަށް ރާއްޖެ ވަޑައިގަތުމަށް ނިންމައިފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ސައުދީ ރަސްގެފާނު ދާދި އަވަހަށް ރާއްޖެ ވަޑައިގަންނަވަނީ ރަސްމީ ދަތުރުފުޅަކާއި ޗުއްޓީ ހޭދަ ކުރެއްވުމަށެވެ. އެޑްވާންސް ޓީމު މިހާރު ރާއްޖޭގައި އެބައުޅެއެވެ. ރަސްގެފާނު ވަޑައިގަންނަވާ ސީދާ ތާރީހެއް އަދި ނޭނގެއެވެ.

މިދިޔަ އޮކްޓޫބަރު މަހު ރައީސް އަބްދުﷲ ޔާމީން ސައޫދީއަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ ރަސްގެފާނަށް ވަނީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާފަ އެވެ.

މިދިޔަ މަހު ފަހުކޮޅު ފ. މަގޫދޫ ބަނދަރު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސައުދީ ސަރުކާރުގެ ވިޔަފާރީގެ ބޮޑު މަޝްރޫއެއް ފ. އަތޮޅުގައި ހިންގަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އެކަހަލަ މަޝްރޫއެއް މިހާތަނަށް ހެދިފައި ވަނީ ދުނިޔޭގެ ވެސް ތިނެއް ނުވަތަ ހަތަރު ދިމާލެއްގައިކަން ރައީސް ފާހަގަކުރެއްވި އެވެ. އެ ތަނަކީ އެކި ވައްތަރުގެ ސިނާއަތްތައް ގާއިމް ކުރެވިގެންދާނެ "ޓައުން ޝިޕެއް"ގެ ގޮތުގައި ރައީސް ޔާމީން ވަނީ ސިފަ ކުރައްވާފަ އެވެ.

ސައުދީގެ ކްރައުން ޕްރިންސްއެއްގެ ގޮތުގައި ހުންނެވިއިރު ވެސް ރަސްގެފާނު ސަލްމާން ވަނީ 2014 ވަނަ އަހަރު ރާއްޖެ ވަޑައިގެންފަ އެވެ.

comment ކޮމެންޓް