ޑޮލަރު ނެގުމަށް ހާއްސަ ތިން އޭޓީއެމް ބީއެމްއެލުން ހުޅުވައިފި

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ޑޮލަރު އޭޓީއެމް ހުޅުއްވަ އިދެއްވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ޑޮލަރު ނެގުމަށް ހާއްސަ ތިން އޭޓީއެމެއް ބީއެމްއެލުން ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ގާއިމްކޮށްފި އެވެ.

އެ އޭޓީއެމްތައް ގާއިމްކޮށްފައި ވަނީ ސެލްފް ސާވިސް ބޭންކިން އަށް ހާއްސަކޮށް އެ ބޭންކުން އާޓިފިޝަލް ބީޗް ސަރަހައްދު ބޮޑުތަކުރުފާނު މަގުގައި ހަދާފައި ހުރި އޭޓީއެމް ސެންޓަރުގަ އެވެ.

އެގޮތުން އެތަނުގައި މިހާރު ވަނީ ޑޮލަރު ނެގުމާއި ޖަމާކުރުމަށް ހާއްސަ ދެ އޭޓީއެމް އަކާއި ޑޮލަރު ނެގުމަށް ހާއްސަ އޭޓީއެމް އެއް ބަހައްޓާފަ އެވެ.

ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ބީއެމްއެލްގެ އޭޓީއެމް ސެންޓަރު --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޑޮލަރު ނެގުމަށް ހާއްސަ އޭޓީއެމްތައް ހުޅުއްވައިދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އޮޕަރޭޝަންސް ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްގައި ވަރަށް ގިނަ ފަރާތްތަކުން ޑޮލަރު ގެންގުޅުއްވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ވެސް ގިނަ ފަރާތްތަކަކަށް ޑޮލަރުން މުސާރަ އަދި އާމްދަނީ ލިބޭއިރު، އެފަދަ ފަރާތްތަކަށް ބްރާންޗުތަކަށް ނުގޮސް، އޭޓީއެމް އިން އެ ފައިސާ ނެގޭ ގޮތް ވުމަކީ އެ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ޑޮލަރު އޭޓީއެމް އަކުން ޑޮލަރު ނަންގަވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މީގެ ކުރިން ބީއެމްއެލުން ޑޮލަރު އޭޓީއެމް ބަހައްޓާފައި ވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ބޭންކްގެ ހެޑް އޮފީހުގަ އެވެ. އެތަނުގައި ދެ އޭޓީއެމް ބަހައްޓާފައި ހުރި އިރު އެއާޕޯޓްގައި ވެސް ޑޮލަރު ނެގުމަށް ހާއްސަ އޭޓީއެމް އެއް ބަހައްޓާފަ އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ހެޑް އޮފީހުގައި ބަހައްޓާފައި ހުރި ދެ ޑޮލަރު އޭޓީއެމް ބޭނުން ކުރެވޭނީ މިމަހު 25 ގެ ނިޔަލަށް ކަމަށެވެ.

ޝަރީފް ވިދާޅުވީ ބޭންކްގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ބޭންކުގެ ޑޮލަރު އޭޓީއެމުން ގާތްގަނޑަކަށް ހަލައްކަ އަށްވުރެ ގިނަ ޓްރާންސެކްޝަން ހަދާފައިވާ ކަމަށެވެ. އެކަމުން ވެސް އެނގިގެން ދަނީ ޑޮލަރު އޭޓީއެމްގެ މުހިންމުކަން ކަމަށް ޝަރީފް ވިދާޅުވި އެވެ.

ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ބީއެމްއެލްގެ އޭޓީއެމް ސެންޓަރުގައި ދެ އޭޓީއެމް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އޭނާ ވިދާޅުވީ ކުރިއަށް އޮތްތާގައި ވެސް ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އެ ބޭންކުން ގިނަ އިންވެސްޓްމަންޓްތަކެއް ކުރާނެ ކަމަށެވެ.

އެ އޭޓީއެމްތަކުން ދުވާލަކަށް 640 ޑޮލަރު ނެގޭނެ އެވެ. އަދި އަމިއްލަ ފަރާތްތަކަށް 25000 ދިވެހި ރުފިޔާއަށް ވާވަރަށް ޑޮލަރު ޖަމާކުރެވޭ އިރު ވިޔަފާރިތަކަށް 200000 ދިވެހި ރުފިޔާއަށް ވާވަރަށް ޑޮލަރު ޖަމާކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

comment ކޮމެންޓް