ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓުންގެ ސަތޭކައަށްވުރެ ގިނަ މީހުން މަރާލައިފި

ޕާކިސްތާނުގެ ބަޔަކު ނަމާދުކުރާއިރު އެގައުމުގެ ސަލާމަތީ ބާރުތަކުން އެސަރަހައްދުގެ އަމަން ބަލަހައްޓަނީ

އިސްލާމް އާބާދު (ފެބްރުއަރީ 18): ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކަށް ނިސްބަތްވާ ސަތޭކައަށްވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް އެ ގައުމުގެ ސިފައިން ބުނެފި އެވެ.

ޕާކިސްތާން ސިފައިންގެ ނެރުނު އަސްކަރީ ބަޔާނެއް ބުނާ ގޮތުން މަރާލެވުނު މީހުންނަކީ ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ބޮންގޮއްވުންފަދަ ޓެރަރިސްޓް އަމަލުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނެވެ. މި މީހުން މަރާލީ ހަތިޔާރުއެޅި ޖަމާއަތްތަކާ ދެކޮޅަށް ސިފައިން ހިންގި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއްގައިކަމަށް ވެސް މިބަޔާން ބުނެއެވެ.

ޕާކިސްތާނުން އެ އޮޕަރޭޝަން ހިންގީ އެ ގައުމުގެ ދެކުނުގެ ސިންދު ސަރަހައްދުގައިވާ ސޫފީންގެ މަޒާރެއް ކަމަށްވާ ލާލް ޝުބްހާޒް ގަލަންދަރު އަށް އަމާޒުކޮށް އިއްޔެދިން ދިން ޓެރަރިސްޓް ހަމަލާއެއްގައި އާންމުންގެ 90 މީހުން މަރުވެ 250 އަށްވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެންނެވެ. އެ ޓެރަރިސްޓް ހަމަލާގެ ޒިންމާ އުފުލާފައި ވަނީ އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުންނެވެ. އައިއެސް ޖަމާއަތުން ގެންދަނީ އެޖަމާއަތުގެ ގޮތްޕެއް ޕާކިސްތާނުގައި ވެސް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގައި އައިއެސް އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ޕާކިސްތާނުގެ އެންމެ ބޮޑު ޓެރަރިސްޓް ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތެވެ.

ތާލިބާނުންނަކީ އައިއެސްއާ އެއް ބާވަތުގެ ހަރުކަށި ދީނީ ވިސްނުމެއް ގެންގުޅޭ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ވީނަމަވެސް ޕާކިސްތާނަށް ބާރާއި ނުފޫޒު ހިންގުމުގެ މައްސަލާގައި (ވެރިކަމުގެ އަރާރުގައި) މިދެ ޖަމާއަތަކީ ދުޝްމަން ދެ ޖަމާއަތެވެ. އެއްބަޔަކު އަނެއް ބަޔަކު ކާފަރުކުރާ ތަކްފީރީ ދެ ޖަމާއަތެވެ. ތާލިބާނުންނާއި އައިއެސް އިންވެސް ގެންގުޅެނީ އެބައެއްގެ ބާރާއި ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތްތަކާ އިދިކޮޅު ކޮންމެ މުސްލިމަކީ ސުންނީން ކަމަށްވިޔަސް އަދި ޝިޔައީން ކަމަށް ވިޔަސް އެއީ ކާފަރުން ކަމަށް ބަލައި އެބައެއްގެ ލޭ ހުއްދަ ކުރުމުގެ ހަރުކަށި ވިސްނުމެވެ.

އެ ދެ ޖަމާއަތުގެ ވާދަވެރިކަން އޮންނަނީ އިސްލާމީ ދުނިޔެއަށް އަތްގަދަކޮށް ކޮންމެ ޖަމާއަތަކުން ވެސް އެ ޖަމާއަތުގެ ބާރާއި ނުފޫޒު އިސްލާމީ ގައުމުތަކަށް ހިންގުމަށް ހިންގާ ކުރާ ލޭ އޮހޮރުވުމުގެ ޖަރީމާތަކުގައެވެ. އިސްލާމީ ބައެއް ގައުމުތަކުގެ މެދުގައި އޮންނަ ސިޔާސީ ވާދަވެރިކަމުގައި ބައެއް އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކުން އައިއެސް ޖަމާއަތަށް ސިއްރިޔާތުގައި އެހީވާކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން އިސްލާމީ ދުނިޔެ ހަލާކުކޮށްލުމުގެ މައި ސްޓްރެޓެޖީގެ ދަށުން އައިއެސް އަށް ނުސީދާ ގޮތެއްގައި ވާގިވެރިވާ ކަމުގެ ތުހުމަތު އެމެރިކާ އާއި އިސްރާއީލުގެ މައްޗަށް ވެސް ވަނީ ކުރެވިފައެވެ. އެމެރިކާ އާއި އިސްރާއީލުން މިކަން ދޮގުކުރިނަމަވެސް އައިއެސް އާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން ކުރާ ހަނގުރާމައަކީ ބޮޑު އޮޅުވާލުން ގަނޑެއްކަން ދަނީ ވަރަށް ރަނގަނޅަށް ހާމަވަމުންނެވެ.

އައިއެސް ޖަމާއަތުން ޕާކިސްތާނަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ޕާކިސްތާނުން ވަނީ އެ ގައުމާއި އަފްޣާނިސްތާން ގުޅިފައިވާ ސަރަހައްދީ ރޮނގު ބަންދުކޮށްފަ އެވެ. އިރާގާއި ސޫރިޔާގައި އައިއެސް ޖަމާއަތް ބަލިކަށިވަމުންދާއިރު އެޖަމާއަތުން ގެންދަނީ ޖިހާދުގެ ނަމުގައި އިސްލާމީ ގައުމުތަކުގެ ޒުވާނުން ހައްލައި އެޖަމާއަތުގެ ހަރުކަށި ފިކުރުގެ ޝިކާރައަކަށް މުސްލިމް ޒުވާނުން ހެދުމަށް ވަރުގަދަ ޕްރޮޕަގެންޑާތަކެއް ފަތުރަމުންނެވެ.

މިކަމުގެ ބޭނުމަކީ އިސްލާމީ ގައުމުތަކުގައި އެޖަމާއަތުގެ ގޮފިތައް އުފެއްދައިގެން ޓެރަރިސްޓް ހަމަލާތައްދީ މުސްލިމުންމަރައި އެމީހުން ބަލިކޮށް ނިކަމެތިކޮށްގެން އސްލާމީ ގައުމުތަކުގެ ވެރިކަމަށް އަތްގަދަ ކުރުމެވެ. އިރާގާއި ސޫރިޔާއާއި ލީބިޔާފަދަ ގައުމުތަކުގައިވެސް އައިއެސް ގެންދަނީ މި މަސައްކަތް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު