އަހަރެން ކޮންމެ ތަނެއްގައި ވެސް ކާމިޔާބު ހޯދިން، އަހަރެންނެކޭ އިންޑިއާނާ ޖޯންސްއެކޭ ތަފާތެއް ނެތް!

ޔޫރޮޕާ ލީގުގައި ސެއިން އެޓިއެން ކޮޅަށް ލަނޑެއް ޖެހުމަށްފަހު ޔުނައިޓެޑްގެ އިބްރަހިމޮވިޗް އުފާފާޅުކުރަނީ: އޭނާ ވަނީ ރޭގެ މެޗުގައި ހެޓްރިކެއް ފުރިހަމަކޮށްފައި --- ފޮޓޯ/ އޭޕީ

ސްވިޑަން ތަރި ޒްލަޓަން އިބްރިމޮވިޗް ކޮންމެ ތަނަކަށް ދިޔަޔަސް ކާމިޔާބު ހޯދޭ ކަމަށާއި އޭނާއަކީ ހޮލީވުޑް ކެރެކްޓަރު އިންޑިއާނާ ޖޯންސް ފަދަ މީހެއް ކަމަށް އިބްރަހިމޮވިޗް ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ސެއިން އެޓިއެންއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި އިބްރަހިމޮވިޗްގެ ފަރާތުން ހެޓްރިކެއް ފެނިގެންދިޔަ އެވެ. އޭނާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ތެރޭގައި ފެނިގެންދިޔައިރު، ފަހު ދެ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ ތެރޭގަ އެވެ.

އެ މޮޅާއެކު ޔޫރޮޕާ ލީގުގައި ކުރިއަށްދިއުމުގެ އުންމީދު އާކުރިއިރު، އެ ކްލަބަށް ލީގު ކަޕް އަދި އެފްއޭ ކަޕް ކާމިޔާބުކުރުމުގެ ފުރުސަތު ވެސް އަދި އެބައޮތެވެ.

މިސީޒަނުގައި ޔުނައިޓެޑާ ގުޅުނު އިބްރަހިމޮވިޗް، ފެށީ އިނގިރޭސި ކޮމިއުނިޓީ ޝީލްޑްއާއެކުއެވެ. މިސީޒަނުގައި ޔުނައިޓެޑާއެކު އިތުރު ކާމިޔާބީތަކެއް ހޯދުމަކީ އޭނާގެ އުންމީދެކެވެ.

"ކޮންމެ ޓްރޮފީއެއް ވެސް އަހަރެންނަށް ވަރަށް މުހިންމު. އަހަރެން ދިޔަ ކޮންމެ ތަނެއްގައި ވެސް ކާމިޔާބީތަކެއް ހޯދުނު. އަދި އަހަރެން މިތަނުގައި ކާމިޔާބީތަކެއް ހޯދިއްޖެނަމަ އިތުރަށް އުފާވާނެ. އަހަރެން ދަންން މީހެއްނަމަ، އެމީހަކަށް އެނގޭނެ އަހަރެން ގިނަ ކްލަބުތަކަކަށް ކުޅުނުކަމާއި އަހަރެންގެ އެންމެ ރަނގަޅު ކުޅުން ދައްކާކަން. އަހަރެން ދިޔަ ކޮންމެ ތަނަކުން ވެސް ކާމިޔާބީ ހޯދިން. އަހަރެންނަކީ އިންޑިއާނާ ޖޯންސްއެކޭ އެއްފަދަ މީހެއް،" އިބްރަހިމޮވިޗް ބުންޏެވެ.

އެކި ކްލަބުތަކަށް ކުޅެ، އެ ލީގުތަކުގެ ތަށިތައް އިބްރަހިމޮވިޗްއަށް ހޯދިފައިވީ ނަމަވެސް ބާސެލޯނާއާ އެކު ޔޫއެފާ ސުޕާ ކަޕް ފިޔަވާ އޭނާއަށް ސަރަހައްދީ މުބާރާތެއް ކާމިޔާބުކުރެވިފައެއް ނުވެ އެވެ.

comment ކޮމެންޓް