ސާކް ޔޫތް ސަމިޓުގެ ދިވެހި އެމްބެސެޑަރުކަން ރަފިއްޔާއަށް!

ސާކް ޔޫތް ސަމިޓް 2017 ގެ ދިވެހި އެމްބެސެޑަރު ކަމަށް އައިޝަތު ރަފިއްޔާ ވަނީ އައްުޔަންކޮށްފައި--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރީޖަނަލަ އެލަޔަންސް ފޯ ފޯސްޓަރިން ޔޫތް (ރަފީ) އެންޖީއޯގެ ފައުންޑާ އަދި ރައިސާ އައިޝަތު ރަފިއްޔާ، ސާކް ޔޫތް ސަމިޓު 2017ގެ ދިވެހި އެމްބެސެޑަރު ކަމަށް ހޮވައިފިއެވެ.

އިންޓަނޭޝަނަލް ޔޫތް ކައުންސިލުގެ (އައިވައިސީ) އެގްޒެކެޓިވް ކައުންސިލުން ރަފިއްޔާ އެމަގާމަށް އައްޔަން ކުރީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އެއް އަހަރުގެ މުއްދަތަކަށެވެ.

ރަފިއްޔާއަށް އެމަގާމު ލިބުމާ ގުޅިގެން އެ އައިވައިސީ އިން ވަނީ އޭނާއަށް މަރުހަބާއާއި ތަހުނިޔާ ދަންނަވާފައެވެ.

ރަފިއްޔާ އަކީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ފައުންޑާ މެމްބަރެކެވެ. އަދި އެޕާޓީގެ ޑެޕިއުޓީ ލީޑަރުވެސް މެއެވެ. އޭނާ ފާހަގަކުރެވެނީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ މަތީ މަގާމަކަށް ވަޑައިގަތް ފުރަތަމަ އަންހެން ބޭކަނބަލާގެ ގޮތުގައެވެ.

އަދި ސަރުކާރު ހިއްސާވާ ކުންފުނި، އެސްޓީއޯގެ ބޯޑުގައި މިނިވަން މެމްބަރެއްގެ ގޮތުގައި ސަރުކާރުން ވަނީ އޭނާ އައްޔަންކޮށްފައެވެ. މީގެ އިތުރުންވެސް ރަފިއްޔާއަކީ އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް، އަންހެނުން ބާރުވެރިކުރުވުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އަޑު އުފުލައި އެކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވަމުން އަންނަ ބޭކަނބަލެކެވެ.

ރަފިއްޔާއަށް ލިބިވަޑައިގެންފައިވާ އެވޯޑުތަކުގެ ތެރޭގައި ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓްގެ އިންޓަނޭޝަނަލް އެވޯޑް އޮފް ޑިސްޓިންޝަންއާއި، ވޯލް ވިމެން އޮފް ލީޑާޝިޕް ކޮންގްރެސްގެ އައުޓްސްޓޭންޑިން ވިމެން ލީޑާޝީޕް އެޗީވްމަންޓް އެވޯޑާއި ޔަންގް ވިމެން އެޗީވާ އެވޯޑާއި، ސްރީލަންކާގައި ބާއްވާ އޭޝިއާ ވިމެން އެކްސެލެންސް އެވޯޑްސްގެ ގޯލްޑަން ޓައިގާ އައުޓްސްޓޭންޑިން ވިމެން ލީޑާޝިޕް އެވޯޑު ހިމެނެއެވެ.

މީގެ އިތުރުންވެސް އޭނާއަށް އެކި އެވޯޑުތައް ލިބިފައިވެއެވެ. އޭގެ ތެރޭގައި އޭޝިއާ ވިމެން ލީޑާޝިޕް އެވޯޑްސް އިން ޔަންގް ވިމެން އިން ލީޑާޝިޕް އެވޯޑާއި މިދިޔަ އަހަރު ބޭއްވި ޖޫނިއާ ޗޭމްޕާ އިންޓަނޭޝަނަލްގެ ޓީއޯވައިޕީ އެވޯޑުގެ އިތުރުން ދިވެހި ސަރުކާރުން ރަފިއްޔާއަށް އެވޯޑު ކުރި ނޭޝަނަލް ޔޫތް އެވޯޑް ފޯ ވޮލެންޓަރިޒަމް އެވޯޑު ހިމެނެއެވެ.

ސާކް ޔޫތް ސަމިޓު އޮންނާނީ އަންނަ ޖޫން މަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ބުބާނޭސްވަރު ސިޓީގެ ސްވޮސްތީ ޕްރިމިއަމް ކޮންވެންޝަން ސެންޓަރުގައެވެ. އެ ސަމިޓުގެ މިއަހަރުގެ ޝިއާރަކީ "ޔޫތް ފޯ ގްލޯބަލް އެމްޕަވާމެންޓް" އެވެ.

comment ކޮމެންޓް