އިބްރަހިމޮވިޗްގެ ހެޓްރިކުން އެޓިއެން އަތުން ޔުނައިޓެޑަށް ފަސޭހަ މޮޅެއް

އެޓިއެން ކޮޅަށް ލަނޑެއް ޖެހުމަށްފަހު ޔުނައިޓެޑްގެ އިބްރަހިމޮވިޗް އުފާފާޅުކުރަނީ: އޭނާ ވަނީ ރޭގެ މެޗުގައި ހެޓްރިކެއް ފުރިހަމަކޮށްފައި --- ފޮޓޯ/ އޭޕީ

ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗްގެ ހެޓްރިކުން ފްރާންސްގެ ސެއިން އެޓިއެންއާ ދެކޮޅަށް ކުޅުނު ޔޫރޮޕާ ލީގު ދެވަނަ ބުރުގެ މެޗުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ދެވަނަ ބުރުގެ ފުރަތަމަ ލެގު މެޗުގައި އެޓިއެންގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދާފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޔުނައިޓެޑްގެ ޕައުލް ޕޮގްބާއާއި އެޓިއެންއަށް ކުޅޭ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ފްލޮރެންޓިން ޕޮގްބާ ފެނިގެންދިޔައެވެ.

ޔޫރޮޕާ ލީގުގައި ޔުނައިޓެޑާއި އެޓިއެން ބައްދަލުކުރި މެޗުގައި ޕައުލް ޕޮގްބާއާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ފްލޮރެންޓިން ޕޮގްބާ: އެ މެޗުން ޔުނައިޓެޑް މޮޅުވީ 3-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ 15 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ޔުނައިޓެޑަށް އެލަނޑު ކާމިޔާބުކޮށްދިނީ އިބްރަހިމޮވިޗްއެވެ. ހިލޭ ޖެހުމަކުން އޭނާ ފޮނުވާލި ހަމަލާ އެޓިއެންގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ވިންސެންޓް ޕަޔޯޓްގެ ފައިގައި ޖެހިފައެވެ.

އެ ލަނޑަށްފަހު ވެސް ފުރަތަމަ ހާފުގެ ތެރޭގައި ލީޑު ފުޅާކޮށްލުމަށް ޔުނައިޓެޑަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 25 ވަނަ މިނެޓުގައި ޕޮގްބާ ދިން ބޯޅައަކުން މަޓާ ފޮނުވާލި އެ ހަމަލާ، އެޓިއެންގެ ކީޕަރު ސްޓެފާން ރުފްލާ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

އެޓިއެން ކޮޅަށް ލަނޑެއް ޖެހުމަށްފަހު ޔުނައިޓެޑްގެ އިބްރަހިމޮވިޗް އުފާފާޅުކުރަނީ: އޭނާ ވަނީ ރޭގެ މެޗުގައި ހެޓްރިކެއް ފުރިހަމަކޮށްފައި --- ފޮޓޯ/ އޭޕީ

މެޗުގެ 75 ވަނަ މިނެޓުގައި ޒްލަޓަން ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ މާކަސް ރަޝްފާޑް ފޮނުވާލި ހަމަލާ، ކީޕަރު ރުފްލާ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުންނެވެ. އޭނާ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ އެޓިއެންގެ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އިބްރަހިމޮވިޗް ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށް، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުންނެވެ. ޔުނައިޓެޑަށް އެ ޕެނަލްޓީ ލިބުނީ އެޓިއެންގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިބްރަހިމޮވިޗްއަށް ތިއޮފައިލް ކެތެރިން ކުރި ފައުލަކާ ގުޅިގެންނެވެ.

ސެއިން އެޓިއެންއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެޓިއެންގެ ދަނޑުގައެވެ.

comment ކޮމެންޓް