މޯލްޑިވިއަންގެ ސީ ޕްލޭން ބޭނުންކޮށްގެން ގެއްލުނު ޒުވާނާ ހޯދަނީ

މޯލްޑިވިއަންގެ ސީޕްލޭނެއް: އދ. ހުރުއެޅި ނަމަކަށް ކިޔާ ފަޅުރަށެއްގެ ކައިރިއަށް ހުއިފިލަނޑާ ނަގަން މޫދަށް ފޭބި ޒުވާނާ ހޯދުމުގެ މަސައްކަތް، އެމްއެންޑީއެފުން ވަނީ މޯލްޑިވިއަންގެ ސީ ޕްލޭނެއް ބޭނުންކޮށްގެން ވައިގެ މަގުން ފަށާފައި -- ސަން ފައިލް ފޮޓޯ

އދ. ހުރުއެޅި ނަމަކަށް ކިޔާ ފަޅުރަށެއްގެ ކައިރިއަށް ހުއިފިލަނޑާ ނަގަން މޫދަށް ފޭބި ޒުވާނާ ހޯދުމަށް މޯލްޑިވިއަންގެ ސީ ޕްލޭނެއް ބޭނުންކުރަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށާއި އެގޮތުން އެ މީހާ ގެއްލުނު ކަމަށް ބުނާ ސަރަހައްދުގައި ކޯސްޓްގާޑުގެ ދެ އުޅަނދެއް، ޑައިވަރުންނާ އެކު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ވައިގެ މަގުން ވެސް އެ ސަރަހައްދު ބެލުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑުން ފަށާފައިވާއިރު، އެކަމަށް ބޭނުން ކުރަމުން އަންނަނީ މޯލްޑިވިއަންގެ ސީޕްލޭނެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ށ. ޅައިމަގު، އެވަރެސްޓް، އުމުރުން، 23، އަހަރުގެ އަޙްމަދު ޖައިލަމެވެ. އޭނާ ގެއްލުނު ކަމަށް އެމްޑީއެފްއަށް މައުލޫމާތު ލިބުނީ އިއްޔެ 3:45 ހާއިރު އެވެ.

ރ. ދުވާފަރު "މަންފާ" ނަމަކަށް ކިޔާ ދޯނި އިއްޔެ ހުއިފިލަނޑާ ނަގަން ގޮސް އުޅުނީ ނުވަ މީހުންނާއެކުއެވެ. އެ ދޯނިން އެ ސަރަހައްދަށް ހުއިފިލަނޑާ ނަގަން ފޭބި ތިން މީހުންގެ ތެރޭގައި ހިމެނޭ އަހުމަދު ޖައިލަމް ފީނަން ފޭބިކަމަށް ވަނީ، އިއްޔެ މެނދުރުފަހު 1:15 ހާއިރު އެވެ. އަދި ޑައިވިންއަށް ފޭބީ މެންދުރު 2:00 ގައި މައްޗަށް އަރާ ގޮތަށް ކަމަށް އެ ދޯނިން މަޢުލޫމާތު ދީފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ ޖައިލަމް ހޯދުމުގެ މަސަތްކަތް ފެށީ، އޭނާއާއެކު ފީނަން ފޭބި ދެ މީހުން މައްޗަށް އެރިއިރު ވެސް، އޭނާގެ ހަބަރެއް ނުވުމުން ކަމަށެވެ.

ޑައިވިންއަށް ފޭބިއިރު، އަޙްމަދު ޖައިލަމް ލައިގެން ހުރީ ކަޅުކުލައިގެ ވެޓް ސޫޓަކާއި އަދި ކަޅުކުލައިގެ ބީސީޑީ (ޑައިވިންގ ޖެކެޓް) އެކެވެ. އަދި ހުދުކުލައިގެ ފިންސަކަށް އަރާފައި ހުރި އިރު، އަޅައިގެން ހުރީ ކަޅު ކުލައިގެ މޫނު މައްޗެކެވެ. މީގެ އިތުރުން އޭނާގެ އިސްކޮޅުގައި ފަސްފޫޓް ހަ އިންޗި ހުންނާނެ ކަމަށާއި ފީނަން ފޭބިއިރު ޖައިލަމްގެ އަތުގައި ރަތް ކުލައިގެ ބެލޫނެއް ވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޖައިލަމް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ވެސް އެކަން ބަލައިދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެއްވެސް ފަރާތަކުން ޖައިލަމާ ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ އެކަން އެފަރާތަށް އެންގުމަށް ވެސް ވަނީ އެދިފަ އެވެ.

comment ކޮމެންޓް