އިއްސެ ބޭނުން ވަނީ ހައިރައިޒަށް ޒުވާން ލީޑަރޝިޕެއް

ފެބްރުއަރީ 16، 2017: ދިވެހީންނަށް އެޕާޓްމެންޓު ހޯދުމަށް ފަހި ފުރުސަތްތަކާއެކު ލިވިން އެކްސްޕޯ 2017 ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައިނަލްއަގުވާމީ ވިޔަފާރީގެ ބާޒާރާ ރާއްޖެ ގުޅުވާލުމަށް މަސައްކަތް ކުރާ ދިވެހި ކުންފުނިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏަކީ ހައިރައިޒެވެ. އޮށަކުން ފަޅައިގެން ފުރާ ފުރިހަމަވާ ގަހެއްގެ މިސާލު ފަދައިން ހައިރައިޒްވެސް 'އިވޯލްވް' ވެގެން އައީ ގިނަ ހަރުފަތްތަކެއް ގިރާ ކުރުމަށްފަހު ގިނަ ގޮންޖެހުންތަކަކާ އެކުއެވެ. ނަމަވެސް މިހާރު ހުރަހެއް ނެތެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑެތި ބައެއް އިވެންޓުތައް އޯގަނައިޒް ކުރަނީ މިހާރު ހައިރައިޒުންނެވެ. ދެހާސް އަށް ވަނަ އަހަރު އެ ކުންފުނި އުފެދިގެން އައީ އުފެއްދުންތެރި، ތަފާތު ޚިޔާލުތަކެއްގެ ވެރި، އިސްމާއިލް ހަމީދުގެ މޭސްތިރިކަމުގެ ދަށުންނެވެ. އޭނާ އަކީ މިހާރު މަޝްހޫރު ހައިރައިޒް އިއްސެ އެވެ. އެންމެ އޭނާ ދަންނަނީ އެނަމުންނެވެ.

ކުންފުނީގެ ކުރީބޯއްޓަށް މިހާރު ބޭނުން ވަނީ ޒުވާން ލީޑަރޝިޕެކެވެ. މިއީ އިއްސެގެ ދުލުން އޭނާ ވިދާޅުވި ގޮތެވެ. އޭނާ ބޭނުން ވަނީ ފަހަތަށް ޖެހިވަޑައިގެން، ކުންފުނި ހިންގުން ޒުވާނަކާ ހަވާލު ކުރުމަށެވެ.

މި ލިއުމުގައި މި ހިމަނާލަނީ ހައިރައިޒް އިއްސެ "ސަން"އަށް ދެއްވި ޚާއްސަ އިންޓަވިއުގެ މުހިއްމު ބައިތަކެވެ.

ހައިރައިޒަކީ މިހާރު ރާއްޖޭގެ އެންމެ މަގުބޫލު އަދި އެންމެ މަޝްހޫރު އެއް ކުންފުނި. އެހެންވެ އަހާލާ ހިތްވޭ، ކިހިނެއްތޯ ހައިރައިޒް އުފެދިގެން އައީ؟

"މިކަން ކުރަން އަޅުގަނޑު ވަރަށް ޝައުގުވެރިކަން ހުރި އޭރު. އިވެންޓު މެނޭޖްކުރަން. އެހެންވެ އުފެއްދީ. ފުރަތަމަ އުފެއްދައިގެން އަޅުގަނޑުމެން ނެރުނީ ރާއްޖޭގެ ފުރަތަމަ ފްލޯޓިން މެގަޒިން. އެ ނެރުނީ 2006 ވަނަ އަހަރު. އެއަށްފަހު ފަހަރަކު އިވެންޓެއް ލޯންޗު ކުރަމުން 2008 ވަނަ އަހަރު ހައިރައިޒް އުފެއްދީ. ފެއްޓުނީވެސް އެ އޭރިއާގަ. ޕްރޮމޯޝަން އެންޑް މާކެޓިންގަ. އަޅުގަނޑުމެން މިއައީ ފަހަރަކުން ފަހަރަކުން އެއްޗެހިތައް ނެރެމުން މަޑުމަޑުން މަޑުމަޑުން"

ލިވިން އެކްސްޕޯގެ އިތުރުން ހައިރައިޒުން ބާއްވާ އެނުއަލް އިވެންޓުތަކަކީ ކޮބައިތޯ؟

"އެނުއަލްކޮށް މި ބާއްވަނީ މޯލްޑިވްސް އެފްއެންބީ ޝޯ، މޯލްޑިވްސް ލިވިން އެކްސްޕޯ. ވެކޭޝަންސް އެކްސްޕޯ، ސައުންޑްސް އޮފް މޯލްޑިވްސް، ސައުތް އޭޝިއަން ޓްރަވަލް އެވޯޑްސް (ސަޓާ). އެއީ އަދި ރީޖަނަލް އެވޯޑެއް. މިދިޔަ އަހަރު ލަންކާގަ ބޭއްވީ. މިއަހަރު ރާއްޖޭގަ. މިއަންނަ އަހަރު ނިއުދިއްލީގަ ބާއްވަނަ މިއުޅެނީ،"

ފެބްރުއަރީ 16، 2017: ދިވެހީންނަށް އެޕާޓްމެންޓު ހޯދުމަށް ފަހި ފުރުސަތްތަކާއެކު ލިވިން އެކްސްޕޯ 2017 ގެ ތެރެއިން - ސަން ފޮޓޯ/ ފަޔާޒު މޫސާ

މިކަހަލަ ތަފާތު އިވެންޓުތަކުގެ ކޮންސެޕްޓުތައް ކިހިނެއްތޯ ހައިރައިޒުން އުފައްދައި ދަމަހައްޓަނީ؟

"ފުރަތަމައިނުން އިވެންޓެއް ޕްލޭން ކުރާއިރު އަޅުގަނޑުމެން ލިޔަނީ އިވެންޓު ބާއްވާނެ ގޮތާއި، ބާއްވާނެ ދުވަހާއި އޭގެ ބައިވެރިވާނެ މީހުންނާ. ހައިރައިޒުން ގެންގުޅޭ ވަރަށް ބޮޑު ޕޮލިސީއެއް އޮންނާނެ. އަޅުގަނޑުމެންގެ ބައިވަރު އިވެންޓުތައް އޮންނަ އިރު ޕްރޮމޯޓް ކުރާނީ އެ އިވެންޓަކާ ގުޅޭ ދާއިރާއެއްގެ ކަންކަން.

"އައިޑިއާސް އަކީ އަބަދު އަންނަ އެއްޗެއް ދެއްތޯ. އެ ޝޯ އަކީ އަޅުގަނޑުމެން މިއަހަރު ބާއްވާނެ އެންމެ ބޮޑު އިވެންޓު،"

ހައިރައިޒަކީ މެނޭޖްމެންޓް ދާއިރާގަ ދިވެހިންގެ މެދުގަ ވަރަށް މަގުބޫލު ފަރާތެއް. ކިހިނެއްތޯ ދިވެހިންގެ މެދުގަ އިތުބާރު ހިފަހައްޓަނީ؟

"އަޅުގަނޑުމެންގެ ޕާޓްނާސް އާއި ސްޕޮންސާސް އަޅުގަނޑުމެންނަށް ވަރަށް އިތުބާރު ކުރޭ. ހައިރައިޒް ނަމްބަރ ވަން ވަނީ ހައިރައިޒުން ކުރަން ބުނީމަ އެކަމެއް ކުރާނެ މާތްﷲ އިރާދަކުރެއްވިއްޔާ. އެއީ އަޅުގަނޑުމެންގެ ފަސްޓު ޕްރިއޯރިޓީއަކީ. އަޅުގަނޑުމެން ކުރަން ބުނާ ކަންކަން އަޅުގަނޑުމެން ކުރާނެ.

"އަސްލު ހަގީގަތުގައި ބޭރަށް ނުކުމެ އެކަމެއް ކުރަން އުޅުނީމަ ނޫނީ އެކަމުގައި ކުރިއަރައިގެން ދާ ވަރެއް ނޭނގޭނެ. ޖެހޭނީ ޓްރައި ކުރަން. މިތާ ހުރެގެން ދެވޭނީ ކިހާ ހިސާބަކަށްތޯ ބަލައިގެން ނޭނގޭނެ. އެކަމަކު ހިނގަން ފެށީމަ އެނގޭނީ ދެވޭނެ ހިސާބެއް. އެއީ ހައިރައިޒް އަކީ."

ސަޓާ ފިޔަވައި ބައިނަލްއަގުވާމީ ފެންވަރުގެ އިތުރު އިވެންޓެއް ބާއްވަން އެބަ ވިސްނަން ތޯ؟

"ހައިރައިޒުން އެބަ މަސައްކަތް ކުރޭ ތިކަހަލަ އިވެންޓަކަށް. އޭގެ މައުލޫމާތު ފަހުން ޑިސްކްލޯސް ކުރާނަން. އެބަ ވޯކް ކުރޭ،"

ހައިރައިޒްގެ ތާރީޚުގަ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އެންމެ ފާހަގަކޮށްލެވޭ އިވެންޓަކީ ކޮބައިތޯ؟

"ތިގޮތަށް ފާހަގަކޮށްލާނެ ވަކި އިވެންޓެއް ނެތް. ހުރިހާ އިވެންޓެއްވެސް ކާމިޔާބު. އެހެން ނަމަވެސް އެންމެ ޖޯއިފުލް އިވެންޓަކަށް ފާހަގަކުރެވެނީ ވެކޭޝަންސް އެކްސްޕޯ. މިދިޔަ އަހަރު އަޅުގަނޑުމެންނަށް އިންޓްރޮޑިއުސް ކުރެވުނު ރާއްޖޭގެ އެންމެ ފުރަތަމަ ޓްރެވަލް ފެއާ. އެއީ ވަރަށް ޖޯއިފުލް އެއްޗެއް. މިއަހަރު އޮންނާނެ ޖުލައި މަހުގަ. މިފަހަރު އިންޑިއާއިންވެސް ބައިވެރިވޭ،"

ފެބްރުއަރީ 16، 2017: ދިވެހީންނަށް އެޕާޓްމެންޓު ހޯދުމަށް ފަހި ފުރުސަތްތަކާއެކު ލިވިން އެކްސްޕޯ 2017 ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައިރައިޒް ފާހަގަކުރެވެނީ ބައިނަލްއަގުވާމީ ފަރާތްތަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ކުންފުންޏެއްގެ ގޮތުގަ. އިވެންޓުތަކުގަވެސް ބޭރުގެ ބައިވަރު ފަރާތްތަކުން ބައިވެރިވޭ. ކޮބައިތޯ މިކަމުގެ ސިއްރަކީ؟

"ހައިރައިޒްގެ ފުރަތަމަ މެގަޒިން އަކީވެސް، ދިވެއްސަކު ހެދި ބައިނަލް އަގުވާމީ ފުރަތަމަ މެގަޒިން. ފްލޯޓިން އޭޝިއާ އަޅުގަނޑުމެން ރަޖިސްޓަރ ކުރީވެސް ސިންގަޕޫރުގަ. މާލެއަކު ނުކުރަން. ސިންގަޕޫރުގަ ރަޖިސްޓްރީ ކުރީ.

"އަޅުގަނޑުމެންގެ ފުރަތަމަ ޕަބްލިކޭޝަން އޭރިއާ އަކީވެސް ރީޖަނަލް. އަޅުގަނޑުމެން ނުވިސްނަން އަސްލު ލޯކަލީއެއް. ގްލޯބަލީ ވިސްނީ. ލޯކަލް ޓްރެންޑު އެބަޖެހޭ ބައިނަލްއަގުވާމީ ފެންވަރުގަ ދެއްކެން.

"އަޅުގަނޑުމެން ވަރަށް ގާތް ގުޅުމެއް ލަންކާއާއި އިންޑިއާ އާ، ދެން މިހާރު މި އެސްޓަބްލިޝް ކުރީ ނޭޕާލް އާ. އަޅުގަނޑު ދަނީ އެތަންތަނަށް ގޮސް އެތަންތަނުގަ މީހުންނާ މީޓް ކުރަން. ސިންގަޕޯ މެލޭޝިއާ ފަދަ ތަންތަނުގެ އެންމެ ބޮޑެތި އިވެންޓުތައް މެނޭޖުކުރާ ކުންފުނިތަކާ ގާތް ގުޅުމެއް އެބަ އޮތް އުފެދިފަ"

ކިހިނެއްތޯ ހައިރައިޒްގެ މުސްތަގުބަލް އޮތީ؟

"އަޅުގަނޑު ބޭނުން ވަނީ ޒުވާނަކު ހައިރައިޒް ހިންގަން. އަޅުގަނޑު ހުންނާނީ ފަހަތުގަ. މިހާރު އެބައި ޑިސްކަސް ކުރެވިގެން ދަނީ. ހަމަ ޖޮބަކަށް ގެންނަ ކުއްޖެއް އެމްޑީއަކަށް ހަދައިގެން ހައިރައިޒް ގެންދަން. އަޅުގަނޑު ދޭނީ އޮޕީނިއަންސް. އޭނަ ލައްވައި ޑްރައިވް ކުރުވާނީ."

ކިހާ ވަރެއްގެ ވޯކް ފޯސްއެއްތޯ ހައިރައިޒްގަ އޮތީ؟

"އަޅުގަނޑުމެން މިހާރުވެސް މި ގެންގުޅެނީ ވަރަށް ޔަންގު ޒުވާން ޓީމެއް. 18، 20 އޭޖުގެ ކުދިން މި ގެންގުޅެނީ. ޖުމްލަ 14 މުވައްޒަފުން މި ގެންގުޅެނީ. އަޅުގަނޑުމެން ބަލަނީ ޔަންގު ކުދިން ލައްވައި ޑިވެލޮޕް ކުރުވަން."

comment ކޮމެންޓް