ފީނާގެ ތަޖުރިބާކާރު ކޯޗަކާއެކު އައްޑޫގައި ބޭސިކް ސްވިމިން ކޯޗިން ކޯހެއް ފަށައިފި

އައްޑޫގައި ކުރިއަށްދާ ބޭސިކް ސްވިމިން ކޯޗިން ކޯހުގެ ތެރެއިން --- ފޮޓޯ/ ސްވިމިން އެސޯސިއޭޝަން

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީތެރިކަމާއެކު ބައިނަލްއަގުވާމީ ސްވިމިން ފެޑެރޭޝަން (ފީނާ)ގެ ތަޖުރިބާކާރު ކޯޗެއްގެ ބެލުމުގެ ދަށުން އައްޑޫ ސިޓީގައި ބޭސިކް ސްވިމިން ކޯޗިން ކޯހެއް ފަށައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށްދާ އެ ކޯޗިން ކޯހަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްނެގުމާއެކު ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ކޯހެއް ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެއެވެ.

އެ ކޯހުގައި އިންސްޓަކްޓަރެއްގެ ގޮތުގައި ކިޔަވައިދެމުންދަނީ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ޖިއަންލޫކާ އަލްބެރާނީއެވެ. އެ ކޯހުގެ ތިއަރީ ސެޝަންތައް އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ޕްރެކްޓިކަލް ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫ ސްވިމިން ޓްރެކްގައެވެ.

ސްވިމިން އެސޯސިއޭޝަނުން ހިތަދޫގައި ބާއްވާމުންދާ އެ ކޯހުގައި ޖުމްލަ 20 މީހުން ބައިވެރިވަފައިވެއެވެ. އެ އެސޯސިއޭޝަނުން ކޯޗުން ތަމްރީން ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ކޯސްތައް ކުރިއަށްގެންގޮސްފައިވެއެވެ.

comment ކޮމެންޓް