ބޮޑު ޖަލްސާއަކާއެކު ކައުންސިލް އިންތިހާބުގެ ކެންޕޭން ޕީޕީއެމުން ފަށައިފި

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ފަރާތުން ކާނިވަލް ސަރަހައްދުގައި ބޭއވި ބޮޑު ޖަލްސާ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދަވައި ދިނުމަށް ޕީޕީއެމުން ކެމްޕެއިން ފަށައިފި އެވެ.

"ހޭވައްލާ" ނަމުގައި ކާނިވަލް ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ބައެއް ކެނޑިޑޭޓުން ވާހަކަފުޅު ދައްކަވާފައިވެ އެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ވާހަކަފުޅު ހާއްސަކޮށްފައި ވަނީ ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވުމުގެ މުހިއްމުކަމާ ބެހޭ ގޮތުންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކުރުމަށް ފަށާފައިވާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށެވެ.

"މި މަސައްކަތް އަޅުގަނޑުމެން ކުރަންވާނީ ގައުމީ ޖިހާދެއްގެ ގޮތުގައޭ، މި މަސައްކަތް ކުރަންވާނީ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތެއްގެ ގޮތުގައޭ، މި މަސައްކަތް ކުރަންވާނީ ގައުމުގެ ތަރައްގީގެ ގޮތުގައޭ، މި މަސައްކަތް ކުރަންވާނީ ގައުމުގެ އަމާނާތެއް، ގައުމުގެ މަސްލަހަތަށް އަދި ގައުމުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ މަސްލަހަތަށްޓަކައޭ،" އަބްދުއްރަހީމު ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރާ ދެކޮޅު ކައުންސިލްތަކެއް އޮތުމުން ގައުމުގެ ތަރައްގީއަށް ހުރަސްއެޅުނު ކަމަށާއި ޕީޕީއެމާ އިދިކޮޅު ފަރާތްތަކަށް ފާރަވެރިވާން ޖެހޭ ކަމަށެވެ.

އިދިކޮޅު ފަރާތްތަކަަށް ފާޑުވިދާޅުވަމުން އަބަދުއްރަހީމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަކީ ގައުމުގެ ތަރައްގީއަށް ނޭދޭ ބައެއް ކަމަށެވެ. އަދި އެބޭފުޅުންނަކީ ގައުމުގެ މިނިވަންކަން ނަގާލަން މަސައްކަތްކުރާ ބައެއް ކަމަށާއި ގައުމުގެ ދީނީ ވަހުދަތު ގެއްލުވާލަން މަސައްކަތްކުރާ ބައެއް ކަމަށެވެ. އެހެން ކަމުންް އެއްބައިވަންތަކަމާއެކު މި ގައުމުގެ ދީނީ ވަހުދަތު ރައްކާކުރެވޭން ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

ތައުލީމީ ދާއިރާއަށް އައިސްފައިވާ ކުރިއެރުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ، ތިން އަހަރުގެ ތެރޭގައި ތައުލީމަށް ގެނެވުނު ބަދަލާއި އެކީގައި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރެވިފައިވާ ކަމަށާއި ފެންވަރު ރަނގަޅު ޓީޗަރުން ބިނާކުރެވިފައިވާނެ ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، އަޅުގަނޑު މި ދިވެހި ރައްޔިތުންގެެ އަރިހުން މި ސަރުކާރަށް އަދި ޕީޕިއެމަށް ވޯޓުލާން ޖެހޭ އެންމެ މުހިއްމު ބާރެއްގެ ގޮތުގައި ތައުލީމީ ދާއިރާއިން ފާހަގަކޮށްލާނީ މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގަ ގެނެވުނު ތަރައްގީގެ އަލީގައި 2016 ވަނަ އަހަރުގެ ސާނަވީ ތައުލީމުން މުޅި ދުނިޔޭގަ، މުޅި އޭޝިއާ ބައްރުގަ އެންމެ ކާމިޔާބު ނަތީޖާެއް މިއޮތީ ދިވެހިރާއްޖެ ހޯދާފަ،" މާފަންނު ދެކުނު ދާއިރާގެ މެންބަރު ވިދާޅުވި އެވެ.

ގައުމަށް ބޭނުންވާ ތަރައްގީ ގެނެވޭނީ ހުރިހާ އެންމެންގެ ވެސް އެއްބާރުލުން ލިބިގެން ކަމަށާއި މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުހައި ޕީޕީއެމްގެ ފަރާތުން ނުކުންނަ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށް އަބްދުﷲ ރިފާއު ގޮވާލެއްވިއެވެ.

comment ކޮމެންޓް