ކައުންސިލް އިންތިހާބުގައި ސަރުކާރު ކޯލިޝަނަށް ތާއީދު ހޯދައިދޭން ރައީސް އެދިވަޑައިގެންފި

ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ސަލާމް ކުރައްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް، އެމްޑީއޭ އަދި ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.

"ހޭވައްލާ" ގެ ނަމުގައި މިރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކޯލިޝަނުގައި ހިމެނޭ ތިން ޕާޓީން ވާދަކުރައްވާ ކެނޑިޑޭޓުންނަށް ތާއީދުކުރުމަކީ "ފަނާކުރަނިވި ފިކުރަކުން ރާއްޖެ ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތަކަށް ނޫނީ ނުވާނެ" ކަމަށެވެ.

އެހެންކަމުން ކައުންސިލް އިންތިހާބުގައި ދިވެހި ހުރިހާ ރައްޔިތުން ސަރުކާރު ކޯލިޝަނަށް އެއްބާރުލުދީ ތާއީދުކޮށްދިނުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.

މިއަދު ހަމަޖެހުމުގެ ނޭވާއެއް ލަނީ ރާއްޖެއަށް އައިސްފައި އޮތް ހަމަޖެހުމާއި ތަރައްގީއާ ހަމައިން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވެސް "އެއްކަމަށް އެއްބަސްވަންޏާ ރާއްޖޭގެ ތަރައްގީއަށް އެއްބަސްވާން ވާނެ" ކަމަށެވެ.

ރާއްޖެ ވާންވަނީ މި ސަރަހައްދުގައި އެންމެ އަމާން އެންމެ ތަހުޒީމު ގައުމަށް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ޕީޕީއެމްގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަނީ ރަސްމީކޮށް އިފްތިތާހު ކޮށްފަ އެެވެ. ރައީސް ޔާމީން ވިދާޅުވީ ވަރަށް އަވަސް މުސްތަގުބަލެއްގައި އެމްޑީއޭގެ ކެމްޕޭން ވެސް ރަސްމީކޮށް އިފްތިތާހު ކުރެވިގެން ދާނެ ކަމަށެވެ.

comment ކޮމެންޓް