ވެލެންސިއާ ބަލިކޮށް މާޒިޔާއިން ވީބީގެ ރެކޯޑާ އަރައި ހަމަކޮށްފި

2017 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާ 1-0 ލަނޑުން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޝީލްޑް އުފުލައިލަނީ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން، އެފްއޭއެމުން ބާއްވާ ޗެރިޓީ ޝީލްޑް ފުޓްބޯޅަ މެޗުގައި، ކްލަބު ވެލެންސިއާ އަތުން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޝީލްޑް އުފުލާލައިފިއެވެ.

ކަޕް ވިނާސް ކަޕް އުވާލުމަށްފަހު 2009 ވަނަ އަހަރު ތައާރަފްކުރި އެފްއޭ ޗެރިޓީ ޝީލްޑް މެޗުގެ އެންމެ ކާމިޔާބު ކްލަބްކީ މީގެ ކުރިން، ވީބީ އައްޑޫ އެފްސީއެވެ.

ޗެރިޓީ ޝީލްޑް މެޗުގައި ލަނޑުޖެހުމަށްފަހު މާޒިޔާގެ ކެޕްޓަން އަސައްކޮ އުފާފާޅުކުރަނީ: މާޒިޔާއިން ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޗެރިޓީ ޝީލްޑް ޖެހިޖެހިގެން ތިންފަހަރު ކާމިޔާބުކޮށް ވީބީން ރެކޯޑެއް ގާއިމުކޮށްފައި ވާއިރު، އެ ތިން އަހަރު ވެސް ވީބީން ޝީލްޑް އުފުލާލާފައި ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. ނަމަވެސް މިއަދު މާޒިޔާއިން މިވަނީ ވީބީގެ އެ ރެކޯޑާ އަރައި ހަމަކޮށްފައެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ސީޒަން ހުޅުވާ މެޗު މާޒިޔާއިން ކާމިޔާބުކުރީ، އެންމެ ފުރަތަމަ ބޭއްވި ޗެރިޓީ ޝިލްޑްް މެޗު ކާމިޔާބު ކުރި ވެލެންސިއާ 1-0 ލަނޑުން ބަލިކުރުމަށް ފަހުއެވެ.

ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން: މާޒިޔާއިން ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މާޒިޔާއަށް ކާމިޔާބުކޮށް ދިނީ، އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އެވެ. އަސައްކޮ އެލަނޑު ކާމިޔާބުކުރީ، މެޗުގެ 70 ވަނަ މިނިޓްގައި މާޒިޔާއަށް ލިބުނު ހިލޭ ޖެހުމަކުން ރަކިޗް އުފެއްދި ހަމަލާ، ވެލެންސިއާގެ ވޯލްގައި ތިބި ކުޅުންތެރިން ގައިގައި ޖެހިފައި ޕެނަލްޓީ އޭރިޔާ ތެރެއަށް ދިޔަ ވަގުތު ލިބުނު ބޯޅަ ވަރަށް ރީތިކޮށް ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

ވޭތުވެދިޔަ ހަތަރު އަހަރު ޗެރިޓީ ޝީލްޑް މެޗުގެ ފައިނަލްގައި ވާދަކޮށްފައިވަނީ ނިއު ރޭޑިއަންޓާއި މާޒިޔާއެވެ. 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު މާޒިޔާ ބަލިކޮށް ނިއުއިން ޝީލްޑް އުފުލާލިއިރު ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަނަކީ މާޒިޔާއެވެ.

ޗެރިޓީ ޝީލްޑް 2017: މާޒިޔާއިން ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިފަހަރުގެ ޗެރިޓީ ޝީލްޑް މެޗަށް ހުށަހަޅާފައިވާ 100000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ، މާޒިޔާއިން ހުށަހެޅި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި ކުޑަކުދިންގެ ހިޔާއާއި ވެލެންސިއާއިން ހުށަހެޅި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި އެފްއޭއެމްއިން ހުށަހެޅި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާރކް). އެއިން ކޮންމެ އެންޖީއޯއަކަށް ވެސް 20،000 ރުފިޔާގެ މަގުން ބަހާލައިފައެވެ.

comment ކޮމެންޓް