އައިޖީއެމްއެޗްގައި އަންހެނުންނާއި ފިރިހެނުން އެއް ވޯޑަކަށް، ފަރުދާއެއް ނުހުރޭ؟!

އައިޖީއެމްއެޗްގެ ވޯޑެއްގައި ބަލިމީހުން: ނިވާވެލާނެ ފަރުދާއެއް ނުހުންނާތީ ބަލިމީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން --- ސަންފޮޓޯ// ކިޔުންތެރިއެއް

ބަލިވެގެން އައިޖީއެމްއެޗްގައި އެޑްމިޓްކުރާ ބަލި މީހުން އެއީ އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް އެއް ވޯޑެއްގައި އެޑްމިޓްކުރުމާއި، ނިވާވެލާނެ އެއްވެސް ފަރުދާއެއް ނުހުންނަ ކަމަށް ބުނެ، ބަލި މީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މީގެ ކުރިން އައިޖީއެމްއެޗްގައި އަންހެނުންގެ ވޯޑަކާއި ފިރިހެނުންގެ ވޯޑެއް ވަކިން ހުރެ އެވެ. އަދި ވޯޑުގައި އޮތް ނަމަވެސް ބަލިމީހާ އަށް ނިވާވެލެވޭ ގޮތަށް އެނދުގެ ވަށައިގެން ފަރުދާއެއް ދަމާފައި ހުރެ އެވެ.

ވޭތުވެ ދިޔަ ހަފްތާގައި 'ސަން' އަށް ލިބިފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުން އަންހެނުންނާއި ފިރިހެނުން އެޑްމިޓްކޮށްފައި ތިބެނީ އެއް ވޯޑެއްގަ އެވެ. އަދި އެނދުގައި އޮންނަ ބަލިމީހާ އޮންނަނީ ހާމައަށް ފެންނާށެވެ.

"މިތާ އެޑްމިޓްކޮށްފައި އެބަތިބޭ އަންހެނުންނާއި ފިރިހެނުން. ދެން ފަރުދާއެއް ނީދޭ ނިވާވެލާކަށް އެހެންވެ، މި އޮންނަން ޖެހެނީ ބުރުގާ އަޅައިގެން،" އައިސީޔޫއިން ފަރުވާ ދިނުމަށް ފަހު ވޯޑަށް ބަދަލު ކުރި މީހަކު ކިޔައިދިނެވެ.

އޭގެ އިތުރުން ވޯޑުގައި ފަންކާތައް ހަލާކުވެ ހޫނުވާތީ ބައެއް ބަލިމީހުން ގެއިން އަމިއްލަޔަށް ފަންކާ ގެންގޮސްގެން ތިބިތަން ވަނީ ފެނިފަ އެވެ.

"މިތާ ނަރުހުން ކައިރި ހޫނުވެގެން ބުނީމާ ބުނީ އަމިއްލަޔަށް ފަންކާއެއް ގެނަޔަސް މައްސަލައެއް ނެތޭ،" ވޯޑުގައި ހުރި މީހަކު ބުންޏެވެ.

އޭގެ އިތުރުން އެއް ފްލޯއެއްގައި ހުންނަ ވޯޑުތަކަށް ޖުމްލަ ދެ ފާހާނާ ހުރުމަކީ ވެސް ބަލިމީހުންގެ ޝަކުވާ އެކެވެ. "ފާހާނާއަށް ވަންނަން ކިތަންމެ އާޖެންޓްކޮށް ބޭނުންވިޔަސް ވަރަށް ގިނައިރު މަޑުކުރަން ޖެހޭ" ކަމަށް އެޑްމިޓްކޮށްފައި ތިބި ބައެއް ބަލިމީހުން ބުންޏެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އައިޖީއެމްޗްގައި ޖާގައިގެ ދަތިކަން ހުރިގޮތުން އަންހެންނާއި ފިރިހެނުން ވަކި ވޯޑަކަށް ލެވެން ނެތް ކަމަށެވެ. އަންހެނުނަށާއި ފިރިހެނުންނަށް ވަކިން ވޯޑެއް މީގެކުރިން ބޭތިއްބި ނަމަވެސް މިހާރު އެޑްމިޓް ކުރާ މީހުން ގިނަވުމުން ޖާގަކުޑަވެ، ވަކި ކުރެވެން ނެތީ ކަމަށް އައިޖީއެޗުން ބުންޏެވެ.

"ބެޑްގެ ފަށައިގެން ފަރުދާއެއް ވެސް ބަހައްޓަން ޖެހޭނެ ކަން ގަބޫލުކުރަން. ޕްރައިވެސީ ލިބެންޖެހޭނެ ބަލިމީހާއަށް. ދެން ބަލިމީހާ އެގޮތަށް ރިކުއެސްޓްކޮށްފިއްޔާ ބެޑް ވަށައިގެން ސްކްރީންއެއް ދަމާލަދޭނެ ހުރި ވަރަކުން. އެކަމަކު ހުރިހާ ބަލިމީހުންނަށް ފޯރުކޮށްދޭ ވަރަށް ނުހުރެދާނެ." އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ތަނަށް ހޫނުވާތީ ބައެއް ޕޭޝެންޓުން ޝަކުވާ ހުށަހަޅާ ކަމަށާއި ހޫނުވާ ނަމަ ރިކުއެސްޓް ކުރުމުން "ލިބެންހުރި ވަރަކުން ސްޓޭންޑް ފޭން ފޯރުކޮށްދޭނެ" ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ތަނަކީ ވަރަށް ކުރިން ޑިޒައިންކޮށްގެން ހަދާފައި ހުރިތަނެއް ކަމުން ފާހާނާ ވެސް ދެ ފާހާނާ ހުންނަނީ ކަމަށާއި ޖާގައިގެ ދަތިކަމުން އިތުރު ބަދަލެއް ގެނެވެން ނެތީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ނިމުމުން އެހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެ ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ. އެ އިމާރާތް ނިމޭނެ ކަމަށް ލަފާކުރަނީ ފެށޭ އަހަރު މެދުތެރޭގަ އެވެ.

comment ކޮމެންޓް