ޕްރިންޓް އެންޑް އެޑްވަޓައިޒިން ޝޯ މިއަަހަރު

ހައިރައިޒްގެ ފައުންޑާ، އިސްމާއިލް ހަމީދު --- ސަން ފައިލް ފޮޓޯ

ރާއްޖޭގެ މަޝްހޫރު އިވެންޓް އޯގަނައިޒާ، ހައިރައިޒް އިން މިއަހަރު ތެރޭ އާ އިވެންޓެއް ލޯންޗު ކުރަން ނިންމައިފި އެވެ.

"ޕްރިންޓު އެންޑް އެޑްވަޓައިޒިން ޝޯ" ގެ ނަމުގައި މިއަހަރު ތެރޭ އާ އިވެންޓެއް ބާއްވަން ހަމަޖައްސާފައިވާކަން ހައިރައިޒްއިން އިއުލާން ކުރީ މިއަދު އާޓް ގެލެރީގައި ފެށި "ލިވިން އެކްސްޕޯ 2017"ގެ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

ހައިރައިޒްގެ ފައުންޑާ އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) "ސަން" އަށް ވިދާޅުވި ގޮތުގައި އެ އިވެންޓު ވެގެންދާނީ މިހާތަނަށް ހައިރައިޒުން ބާއްވާ އެންމެ ބޮޑު އިވެންޓަށް ކަމަށެވެ. އެ މައުރަޒުގައި ދައްކާލާނީ ރާއްޖޭގެ ޕްރިންޓިން އަދި އެޑްވަޓައިޒިން ދާއިރާގެ ޕްރޮޑަކްޓުތަކެވެ. އަދި އެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މާކެޓު ދެމެހެއްޓުމެވެ.

"އެ އިވެންތު ވެގެންދާނީ ހައިރައިޒުން މިއަހަރު ބާއްވާނެ އެންމެ ވަރުގަދަ އިވެންޓު. ރާއްޖޭގެ ވަރަށް ޑިމާންޑު އޮންނަ އެއްޗެއް ޕްރިންޓު ކުރުމާއި އެޑްވަޓައިޒް ކުރުމާއި ޓްރޮފީ ހެދުމާއި ދެއްތޯ. އެހެންވެ އެފަދަ ވިޔަފާރިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އިވެންޓެއް މި އިވެންޓަކީ،" އިއްސެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ އިވެންޓު އޮންނާނީ މިއަހަރުގެ މެދު ތެރޭގައި ނުވަތަ ފަހުކޮޅުގައި ކަމަށެވެ. ނަމަވެސް އޭގެ އިތުރު މައުލޫމާތެއް ނުދެއްވައެވެ. އިއްސެ ވިދާޅުވީ އޭގެ މައުލޫމާތު ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެ.

ހައިރައިޒް އަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ އެކި ދާއިރާތައް ޕްރޮމޯޓުކޮށް އެ ދާއިރާތަކުގައި ހިމެނޭ ވިޔަފާރިތަކަށް މާކެޓް ކުރުމުގައި އެހީތެރިވެދޭ ކުންފުންޏެކެވެ. އެގޮތުން ހައިރައިޒްގެ އިވެންޓުތައް ރާއްޖެ އާއި ރާއްޖެއިން ބޭރުގައިވެސް ބާއްވައެވެ.

ހައިރައިޒްއިން އިންތިޒާމު ކުރާ ބައިނަލް އަގުވާމީ އިވެންޓުތަކުގެ ތެރޭގައި ސައުންޑްސް އޮފް މޯލްޑިވްސް އާއި ސަޓާ އެވޯޑްސް ފަދަ އިވެންޓުތައް ހިމެނެއެވެ.

comment ކޮމެންޓް