ސްޕެއިންގެ 64 އަހަރުގެ އަންހެނަކު ދެ ކުދިން ވިހައިފި

64 އަހަރުގެ އަންހެން މީހާގެ ސިޒޭރިއަން ކުރިއަށް ގެންދާ ގޮތް ފެންނަ ވީޑިއޯއެއް ހޮސްޕިޓަލުން ވަނީ އާއްމުކޮށްފަ -- ފޮޓޯ: ރިކޮލެޓާސް ހޮސްޕިޓަލު

ބުރުގޮސް (ފެބްރުއަރީ 16): ސްޕެއިންގެ 64 އަހަރުގެ އަންހެނަކު ދެ ކުދިން ވިހައިފި އެވެ.

ސްޕެއިންގެ ބުރުގޮސްގެ ހޮސްޕިޓަލެއްގައި އެ އަންހެން މީހާ، އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ވިހާފައި ވަނީ ސިޒޭރިއަން ހަދައިގެންނެވެ. ސްޕެއިންގެ މީޑިއާތަކުން ބުނާ ގޮތުގައި އެ އަންހެން މީހާ ބަލިވެ އިނީ އައިވީއެފް ހަދައިގެންނެވެ.

ރިޕޯޓުތަކުގައިވާ ގޮތުން މީގެ ކުރިން 2012 ވަނަ އަހަރު، އޭނާގެ އުމުރުން 59 އަޙަރުގައި ވެސް އެ އަންހެން މީހާ ވަނީ އަންހެން ކުއްޖަކު ވިހައިފަ އެވެ. ނަމަވެސް އެކުއްޖާ ބަލަމުން ދިޔައީ އެކަހެރިކޮށްގެން، ސާފުތާހިރު ކަމަށް ނުބަލައި ކަމަށް ބުނެ ސޯޝަލް ސާވިސެސް އިން ވަނީ އެކުއްޖާ އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެއަންހެން މީހާ އަލަށް ވިހެއި ދެ ކުދިންނާ ބެހޭ ގޮތުން ސްޕެއިންގެ ކަމާ ބެހޭ ފަރާތްތަކުން އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެއަންހެން މީހާގެ ސިޒޭރިއަން ކުރިއަށް ގެންދިޔަ ރިކޮލެޓާސް ހޮސްޕިޓަލުން ބުނި ގޮތުގައި އަންހެން މީހާ އާއި ދެކުދިންގެ ހާލު ރަނގަޅެވެ. އަދި އަންހެން ކުއްޖާގެ ބަރުދަނުގައި 2.2 ކިލޯ ހުރި އިރު ފިރިހެން ކުއްޖާގެ ބަރުދަނުގައި 2.4 ކިލޯ ހުރި ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުމުރުން 62 އަހަރުގެ ސްޕެއިންގެ ޑޮކްޓަރަކު ވަނީ ސިއްހަތު ރަނގަޅު އަންހެންކުއްޖަކު ވިހާފަ އެވެ. އަދި މިދިޔަ އަހަރުގެ އޭޕްރިލް މަހު 70 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިންޑިއާ އަންހެނަކު ވަނީ އައިވީއެފްގެ އެހީގައި ކުޑަ ފިރިހެން ކުއްޖަކު ވިހައިފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް