ދައްތަ ބުނީ ކިޑްނީ ދޭނަމޭ، ބޭނުމީ އެހީއެއް

މޫސަ އެޑްމިޓްކޮށްފައި-- އޭނާގެ ދެ ކިޑްނީވެސް ވަނީ ފެއިލްވެފަ--

ބޮޑުވެގެން އައީ ދުޅަހެޔޮ ސިއްހަތާއި އުފާވެރިކަމާއެކުގައެވެ. އޭލެވަލަށް ތައުލީމް ހާސިލް ކުރުމަށްފަހު ވަޒީފާއަށް މާލެ ބަދަލުވިއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ އުފާވެރި މިނިވަން ދިރިއުޅުމެއް އުޅެމުންދިޔައެވެ. ނަމަވެސް ހައިރާން ކުރުވަނިވި ގޮތަކަށް ކުއްލިއަކަށް ހާލަތު މިވަނީ ބަދަލުވެފައެވެ. ބަލި އެނދުގައި އޮންނަންޖެހިފައެވެ.

ލ. މާވަށް، އިހާ، އުމުރުން އެންމެ 22 އަހަރުގެ މޫސާ އިސްމާއީލަކީ ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލަތަކަކާއެކު ދެ ކިޑްނީ ފެއިލްވެ ވޭނީ ދުނިޔެއެއްގެ ތެރޭގައި އުޅެމުންދާ ޒުވާނެކެވެ. އެ ބަލި ފާހަގަވީވެސް ހަމަ ކުއްލިއަކަށެވެ.

މޫސަ އޭނާގެ ޑޮކިއުމެންޓް ސަންގެ ނޫސްވެރިޔާއަށް ދައްކާލަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

އޭލެވަލް ނިންމުމަށްފަހު 2014 ވަނަ އަހަރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް މޫސަ ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި ވަޒީފާ އަދާކޮށްފައެވެ. އެއަށްފަހު އިސްލާމިކް ބެންކުގެ އެޑްމިންގެ ވަޒީފާއަކަށް ބަދަލުވީ މިދިޔަ އަހަރު ފެބުރުއަރީގައެވެ.

އަލާމާތަކަށް ޖެހުނީ ފިޓް

ސިއްހީ މައްސަލައެއް އޭގެ ކުރިން ފާހަގަވެފައިނުވާ މޫސަ މިދިޔަ އަހަރު އެއް ރޭ ނިދާފައި އޮއްވައި ފިޓް ޖެހުނެވެ. ވަގުތުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދިނެވެ. އަނެއްކާވެސް ކުޑަ ދުވަސްކޮޅެއްތެރޭގައި ފިޓް ޖެހުނެވެ. ދެ ފަހަރަށް ފިޓްޖެހުމާއެކު ވަޒީފާއަށް ވަގުތު ނުދެވޭތީ އޭނާ އުފަން ރަށް ކަމަށްވާ މާވަށަށް ދިޔައެވެ.

"ރަށަށް ގޮސް މިދިޔަ ރޯދަޔާއި އީދު ނިންމާފަ މާލެ އައީ، ރަށުގައި އުޅުނުއިރު ރަނގަޅު،... ސނގިރޭޓެއް ވެސް ނުބޮން، އެކަމަކު އެނާޖީ ޑްރިންކް ބޮއެ އުޅުނިން ގިނައިން،" މޫސަ ބުންޏެވެ.

މޫސަ ސުކޫލުގައި އުޅުނުއިރު ފުޓްބޯޅަ މެޗަކަށް ރެޑީވެގެން---

މާލެ އައިސް މާކަ ގިނަ ދުވަހެއްނުވެއެވެ. ބޮލުގައި ރިއްސަން ފެށިއެވެ. މޭނުބައިކޮށް ބޯއަނބުރަނީއެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ތަދުކަނޑުވަން ބޭސް ގުޅައެއް ކާލައިގެން އުޅުމުގެ ތެރޭގައި މޫސަގެ ހާލަތު މާބޮޑަށް ގޯސްވީއެވެ.

"ތެދުވެ ނޫޅެވުނީމަ ޑޮކްޓަރަށް ދިޔައީ، އެއީ މިދިޔަ ނޮވެމްބަރު 13ގަ، ޑޮކްޓަރު ބުނީ ބުލަޑް ޕުރެޝަރު މާ މައްޗޭ، އެހެންވެ އެޑްމިޓްކުރީ، އެއަށްފަހު ބައިވަރު ޓެސްޓްތައް ހެދި،" މޫސަ ކިޔައިދިނެވެ.

އެތައް ޓެސްޓެސް ހެދުމަށްފަހު ޑޮކްޓަރުން ވިދާޅުވީ އެ ޒުވާނާގެ ކިޑްނީ ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށެވެ. އިންޑިއާއަށް ދިޔައިމަވެސް ދިނީ ހަަމަ އެޖަވާބެވެ. މިހާރު އޭނާ ދުނިޔޭގައި އުޅެމުންދަނީ ހަފްތާއަކު ދެ ދުވަހު ޑައިލަސިސް ހަދައިގެންނެވެ.

މޫސަ ޑައިލަސިސް ހަދަނީ--

"ކިޑްނީ ވޯކްކުރަނީ 3 ޕަސެންޓަށް، އަޅުގަނޑުގެ ދެ ކިޑްނީވެސް މިވަނީ ފެއިލްވެފަ، ދެން ޖެހޭނީ ކިޑްނީ ބަދަލުކުރަންކަމަށް ޑޮކްޓަރު ވިދާޅުވަނީ، އެއް ކިޑްނީއިން ވެސް އުޅެވޭނެކަމަށް ވިދާޅުވި،" މޫސަ ރޮމުން ކަހަލަ ގޮތަކަށް ކިޔައިދިނެވެ.

ދައްތަ ބުނީ ކިޑްނީ ދޭނަމޭ، ބޭނުމީ ފައިސާ

އުފާވެރި ދިރިއުޅުމަކަށް އުންމީދުކޮށްކޮށް ހުރި އެޒުވާނާގެ އެއްބަނޑު އެއްބަފާ ދައްތަ ވަނީ ކިޑްނީ ދޭން އެއްބަސްވެފައެވެ.

"އާސަންދައިން ބުނީ ޑޯނާއެއް ހޯދަން. ދައްތަ ބުނި ކިޑްނީ ދޭނަމޭ، އެހެން ނަމަވެސް އަދިވެސް މިކަމަށް ވަރަށް ބޮޑު ޚަރަދެއް ދާނެ،" މޫސަ ބުންޏެވެ.

އާސަންދަ ލިބުނު ނަމަވެސް އެފަދަ ބަލިތަކަށް ބޭސް ފަރުވާ ކުރަން ރާއްޖެއިން ބޭރުގައި ތިބޭއިރު އަމިއްލައަށް ވެސް ބޮޑު ހޭދައެއް ކުރަންޖެހެއެވެ. އެއީ މިފަދަ ކަންކަމަށް ފަރުވާ ހޯދާން ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރާން ޖެހޭތީއެވެ.

މޫސަ އޭނާގެ ދައްތަ އާއި ކޮއްކޮއާއެކު--

މޫސަގެ އެއްބަނޑު އެއްބަފާ ދެ ދައްތައާއި އެއްބަނޑު ބޭބެއެއް ހުރެއެވެ. ދެން ހުރީ އުމުރުން ދުވަސްވީ މަންމައެވެ. ބައްޕަ ވަނީ މީގެ ދެ އަހަރު ކުރިން ނިޔާވެފައެވެ. މެދުފަންތީގެ އެ އާއިލާއަށް އެ ޚަރަދުތައް ބެލެހެއްޓުން ވަނީ ބޮޑު ކަމަކަށްވެފައެވެ. އެޒުވާނާގެ މުސްތަގުބަލަށް އެ އާއިލާއިން އެދެނީ ދީލަތި އެހީއަކަށެވެ.

މޫސައަށް އެހީވުމަށް:

މޫސަގެ ނަމްބަރު: 7725221

އެކައުންޓް ނަމްބަރު:

މޫސާ އިސްމާއިލް

ރުފިޔާ: ‎7704517722001

ޑޮލަރު: ‎7730000125172

ނޯޓް:

ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް