އައްޑޫ ސިޓީގެ ފަސް ރަށެއްގެ ނަރުދަމާ ގާއިމްކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި

އައްޑޫ އަތޮޅުގެ ފަސް ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުންފުނިތަކަކާ ހަވާލުކުރުމަށް މިއަދު ޝީބިލްޑިންގުގައި ބެއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގެ ފަސް ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ހަވާލުކޮށްފައި ވަނީ ސ. މަރަދޫ އާއި ސ. މަރަދޫފޭދޫ އާއި ސ. ފޭދޫ އާއި ސ. ހުޅުދޫ އާއި ސ. މީދޫގެ ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށެވެ.

މަރަދުއާއި މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށެވެ. އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާހީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް ޒިޔަތު އެވެ.

އައްޑޫ އަތޮޅުގެ ފަސް ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުންފުނިތަކަކާ ހަވާލުކުރުމަށް މިއަދު ޝީބިލްޑިންގުގައި ބެއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ޕްރޮޖެކްޓް އެމްޓީސީސީ އަށް ހަވާލުކޮށްފައި ވަނީ 130.65 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫގެ ދަށުން 38 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކުރެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ. އަދި 3387 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބަހައްޓާނެ ކަމަށެވެ. މަޝްރޫގެ މުއްދަތަކީ މިއަދުން ފެށިގެން 15 މަސް ދުވަހެވެ.

އެ ތިން ރަށުގެ އިތުރުން ހުޅުދޫ އާއި މީދޫގެ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. ބާރަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެ ކުންފުންޏަށް ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ 113.9 މިލިއަން ރުފިޔާ އަށެވެ.

އައްޑޫ އަތޮޅުގެ ފަސް ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުންފުނިތަކަކާ ހަވާލުކުރުމަށް މިއަދު ޝީބިލްޑިންގުގައި ބެއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ މަޝްރޫގެ ދަށުން 31.2 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި 1885 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބަހައްޓާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ، މިއަދާ ހަމައަށް އައި އިރު އައްޑޫގެ ރަށްރަށުގައި މިފަދަ ހިދުމަތެއް ގާއިމްކުރެވިފައި ނެތް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ޒައާމަތުގައި އެ މަޝްރޫއު އައްޑޫ ސިޓީގައި ގާއިމްކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫ އަތޮޅުގެ ފަސް ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުންފުނިތަކަކާ ހަވާލުކުރުމަށް މިއަދު ޝީބިލްޑިންގުގައި ބެއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި ރާއްޖޭގެ އެކި ސަރަހައްދުގައި ރައީސް ޔާމީން ކުރިއަށްގެންދަވާ ޕްރޮޖެކްޓް ތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާތައް ވާކަމަށް ވިދާޅުވެ މިނިސްޓަރު ރައީސް ޔާމީނަށް ޝުކުރު އަދާކުރެއްވި އެވެ.

comment ކޮމެންޓް