ޗެރިޓީ ޝީލްޑް މެޗު: ދެ ޓީމުން ވެސް ސަޕޯޓަރުންގެ އެހީތެރިކަމަށް އެދެފި

ޗެރިޓީ ޝީލްޑް މެޗުގެ ކުރިން އިއްޔެ މެންދުރު އެފްއޭއެމް ހައުސްގައު ބޭއްވި ޕްރީ މެޗު ޕްރެސްގައި ވެލެންސިއާގެ ކޯޗު ފެސްކޯ(ކ) އަދި މާޒިޔާގެ ކޯޗު ސެކުލޮވްސްކީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދު ހަވީރު ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އާއި ވެލެންސިއާ ބައްދަލުކުރާ އިރު އެ މެޗު ކާމިޔާބްކުރުމަށް ޓަކައި ދެޓީމުން ވެސް ސަޕޯޓަރުންގެ އެހީތެރިކަމަށް އެދެފި އެވެ.

ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާއިން ވާދަކުރަނީ މިދިޔަ ސީޒަންގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. ވެލެންސިއާ ވާދަކުރަނީ ނިމިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ.

ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ވެލެންސިއާގެ ކޯޗު އަހަމަދު މުޖުތަބާ(ފެސްކޯ) ބުނީ ޗެރިޓީ ޝީލްޑް މެޗަކީ ކޮންމެހެން ނަތީޖާ ނެރެން ޖެހޭ މެޗެއް ކަމަށާއި އެޓީމްގެ ކުޅުންތެރިން ނިކުންނާނީ އެއީ ފައިނަލެއްކަމަށް ދެކިގެން ސަޕޯޓަރުންގެ އެދޭ ކަހަލަ ނަތީޖާއެއް ނެރެމަށް ޓަކައި ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ މަސަތްކަތަކީ ސަޕޯޓަރުން ނުވަތަ ކްލަބަށް ހެޔޮއެދޭ ބައެއް ހިތްހަމަ ޖައްސަައިދިނުމަށް ކުރާ މަސަތްކަތެއް. ފުޓްބޯޅަ އަކީ ސްޕެކްޓޭޓާސް ކުޅިވަރެއް. އެމީހުން ހިތްހަމަޖެހޭ ކަހަލަ ކަންތައްތަކެއް މީގެ ތެރޭގައި އިންވޯލް ވެގެން މި ކުރިއަށް ދިއުމުގެ ބާރުއޮތީ،" ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ އެ ފަދަ ނަތީޖާ ނެރެން ޖެހޭ މެޗުތަކުގައި ސަޕޯޓަރުން މާޔޫސްވާނެ ފަދަ ނަތީޖާއެއް ނުނެރެވޭތޯ ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި އުންމީދު ކުރަނީ ވީހާވެސް ގިނަ ބަޔެކު ދަނޑަށްގޮސް ޓީމަށް ސަޕޯޓް ދޭނެ ކަމަށެވެ.

މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮވްސްކީ ބުނީ އޭއެފްސީ ކަޕްގައި ވެލެންސިއާ އާއި ތިމްޕޫ ސިޓީ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ވެލެންސިއާ ސަޕޯޓަރުން ވަނީ އެޓީމަށް ވަރަށް ރަނގަޅު ތަރުހީބެއް ދީފައި ކަމަށާއި މިއަދުގެ މެޗު މާޒިޔާއިން ކާމިޔާބްކުރުމުގައި ސަޕޯޓަރުންގެ އެހީ އެޓީމަށް ވެސް ބޭނުންވާނެ ކަމަށެވެ.

"އަހަރެން ދިޔައިިން ވެލެންސިއާ މެޗު ބަލާލަން. އަހަރެންގެ ޓީމްގެ ކުޅުންތެރިންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ނެރުމަށް ސަޕޯޓަރުންގެ ސަޕޯޓަކީ ވަރަށް މުހިންމު އެއްޗެއް. އަހަރެން ގޮވާލަން މާޒިޔާއަށް ސަޕޯޓްކުރުމަށް ސަޕޯޓަރުން ދަނޑަށް ވަނުމަށް،" ސެކުލޮވްސްކީ ބުންޏެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބު ކުރާ ޓީމަކަށް ފައިސާ އެއް ނުލިބޭނެ އެވެ. އޭގެ ބަދަލުގައި ފަސް އެންޖީއޯއަކަށް ފައިސާގެ އެހިތޭރިކަން ދިނުމަށް ވަނީ ނިންމައިފަ އެވެ. އެއީ މާޒިޔާ އިން ހުށަހަޅާފައިވާ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި ކުޑަކުދިންގެ ހިޔާ އާއި ވެލެންސިއާ އިން ހުށަހަޅާފައިވާ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ. އަދި އެފްއޭއެމުން ހުށަހަޅާފައިވާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާރްކް) އެވެ.

ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އާއި ވެލެންސާއާ މިއަދު ހަވީރު ބައްދަލުކުރާ މެޗު އޮންނާނީ ގައުމީ ފުޓްބޯޅަ ދަނޑުގައި 4:00 ޖަހާއިރު އެވެ.

comment ކޮމެންޓް