ޓެކްސީ ޑުރައިވަރަކީ ބީރު މީހެއް، ނުބައި ތަނަކަށް ދެވުނީ އޮޅިގެން!

މާލޭ މަގެއްގައި ދުއްވާފައިދާ އުޅަނދުތަކެއް: -- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ފައިން ޓެކްސީއަށް އެރި އަންހެން ކުއްޖާ ބުނި ތަން ނޫން އެހެން ތަނަކަށް ގެންދެވުނީ ޑުރައިވަރަށް އަޑުނީވިގެން އޮޅިގެންކަމަށް އެޓެކްސީ ސެންޓަރުން ބުނެފިއެވެ.

މާލޭގައި ޓެކްސީއަކަށް އެރި އަންހެނަކު ދާން ބޭނުންވި ތަން ނޫން އެހެން ތަނަކަށް ގެންދިޔަ މައްސަލައެއް ފުލުހުންނަށް ހުށައެޅުމުން ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން އަންނަނީ ބަލަމުންނެވެ.

ފައިން ޓެކްސީ ސެންޓަރުން އެހާދިސާ ހިނގިގޮތް ކިޔައިދިން އޮފިޝަލަކު ބުނިގޮތުގައި އެޓެކްސީ ޑުރައިވަރަކީ އަޑުއިވުމުގައި މައްސަލަ ހުންނަ މީހެއް ކަމަށާއި އޮޅިގެން އެހެން ތަނަކަށް ގެންދެވުނީ އެހެންވެ ކަމަށެވެ.

އެ ހާދިސާ ހިނގައިދިޔަ ގޮތް، ޓެކްސީއަށް އެރި އަންހެން ކުއްޖާ ވަނީ ފޭސްބުކްގައި ޕޯސްޓުކޮށްފައެވެ. އޭނާ ބުނެފައިވަނީ ސޯސަން މަގުގައި ހުންނަ ޑީއެޗްއެލް ކައިރިން އޭނާ ޓެކްސީ ނެގީ ސްޓެލްކޯ ކައިރީގައި ހުރި ގެއަކަށް ދިއުމަށެވެ. ނަމަވެސް އެ ޓެކްސީ ޑްރައިވަރު އޭނާ ގެންދިޔައީ މެރީ ބްރައުން ކައިރީގައި ހުރި އަނދިރި ސަރަހައްދަކަށް ކަމަށް އޭނާ ލިޔެފައި ވެ އެވެ.

ފައިން ޓެކްސީގެ އޮފިޝަލް ބުނީ އެއަންހެން ކުއްޖާ ދާން ބޭނުންވެގެން ބުނީ ގ.ބެރިންމަދޫ ގެއަށް ކަމަށާއި ޑުރައިވަރު ހީކުރީ މޭރީބުރައުންއޭ ބުނީ ކަމަށެވެ.

"އަންހެން ކުއްޖާ ކިތަންމެ ވަރަކަށް ނުބައި ތަނަކަށޭ ތިދަނީއޭ ބުންޏަސް ބާރަށް ނުބުނަންޏާ އޭނާ އަކަށް ނީވޭނު، ދެން އަންހެން ކުއްޖާ ދޮރު ހުޅުވިތަނާ އޭނާ ޓެކްސީ މަޑުކުރި،" އޮފިޝަލް ބުންޏެވެ.

ޓެކްސީ ޑުރައިވަރު އެއްވެސް ގޯނާއެއް ކުރަން އުޅުނުކަމަކަށް އަންހެން ކުއްޖާވެސް ނުބުނެއެވެ.

ޓެކްސީ ދުއްވާތާ އެތައް ޒަމާނެއްވެފައިވާ އެޑުރައިވަރުގެ އެފަދަ އެއްވެސް މައްސަލައެއް މީގެ ކުރިން ހުށަނާޅާ ކަމަށާއި ނަމަވެސް ޑުރައިވަރާއި ބާރަށް ވާހަކަ ދައްކަންޖެހޭތީ ބައެއްފަހަރު ޝަކުވާ ލިބޭކަމަށް ފައިން ޓެކްސީއިން ބުންޏެވެ.

comment ކޮމެންޓް