ހުޅުމީދޫގައި އަލިފާން ނިއްވާ މަރުކަޒެއް އަޅަން ހަވާލުކޮށްފި

ހުޅުމީދޫގައި އަލިފާން ނިއްވާ މަރުޒަކަޒެއް ގާއުމް ކުރުމަށް އަމިން ކޮންސްޓްރަކްޝަންއާ އެކު އެއްބަސްވުމަށް ފަހު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ގައުމީ ދިފާއީ ބާރުގެ އަލިފާން ނިއްވާ މަރުކަޒެއް އައްޑޫ ސިޓީގެ ހުޅުމީދޫގައި އެޅުމަށް އަމިން ކޮންސްޓްރަކްޝަންއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ހެނދުނު ކޯސްޓްގާޑް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ގައުމީ ދިފާއީ ބާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު އެވެ. އަމިން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިފާއި ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ހުޅުމީދޫގައި އަލިފާން ނިއްވާ މަރުކަޒު އެޅުމަށް ހަވާލުކުރެވުނު އަމިން ކޮންސްޓްރަކްޝަން އަކީ ނަންހިނގާ އިތުބާރު އޮންނަ ކުންފުންޏެއް ކަމަށާއި އެ މަސަތްކަތުގެ ނަތީޖާ އެއްބަސްވުމުގައިވާ ގޮތަށް ފެނިގެންދާނެ ކަމަށެވެެ.

ހުޅުމީދޫގައި އަލިފާން ނިއްވާ މަރުޒަކަޒެއް ގާއިމް ކުރުމަށް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކުރަމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

"އަޅުގަނޑުމެން އުންމީދު މިކުރަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަސަތްކަތް ނިންމަވާ އަޅުގަނޑުމެންނަށް އިމާރާތް ލިބިގެންދާނެ ކަމަށް،" އާދަމް ޝަރީފް އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމީދޫގައި ފަޔާ އެންޑް ރެސްކިއު ހިދުމަތް ދިނުމަށް އަޅާ މަރުކަޒުގެ ސަބަބުން އެ ރަށާ ކައިރީގައި ހުރި އެހެން ރަށްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި މަސަތްކަތްތަކަކީ ސަރުކާރުގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރުޅޭ މީހުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމާއި ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ މަތިން ހާއްސަގޮތެއްގައި އައްޑޫގެ ތަރައްގީއަށް ކުރެވޭ މަސަތްކަތްތަކުގައި ސަރުކާރުން ދެއްވާ އިސްކަން ވަރަށް ބޮޑަށް ފާހަގަވެގެން ދާނެ ކަމެއް،" އާދަމް ޝަރީފު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލިފާން ނިއްވާ މަރުކަޒުތައް އަޅަމުންދާ ކަމަށާއި އެގޮތުން އދ. މާމިގިލީގައި އަޅާ މަރުކަޒު މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

comment ކޮމެންޓް