ހުޅުމާލޭގައި ދުއްވާ އުޅަނދުތަކުން ފީ ނުނަގަން ނިންމައިފި

ހުޅުމާލޭގެ މަގުމަތި -- ސަން ފައިލް ފޮޓޯ

ހުޅުމާލޭގައި ދުއްވަން ހުއްދަދީފައިވާ ހަތަރު ފުރޮޅުލީ އުޅަނދުތަކުން ފީ އެއް ނެގުމަށް އިއުލާން ކުރުމަށްފަހު އެ ފީ ނުނެގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނިންމައިފި އެވެ.

އެ ކުންފުނިން މިމަހުގެ 13 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ބޭނުން ކުރުމަށް އެކުންފުނިން ހުއްދަ ދީފައިވާ އުޅަނދުތަކުން ފީ އެއް ނަގަން ނިންމާފައިވާ ކަމަށާއި އެ ފީ ނަގާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ނަމަވެސް މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ފީ ނުނަގަން ނިންމައި 13 ވަނަ ދުވަހު ކުރި އިއުލާން ބާތިލްކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން އެޗްޑީސީން ހުއްދަ ދޫކުރާ އުޅަނދުތަކުން ނެގުމަށް ހަމަޖެއްސީ އަހަރެއްގެ މައްޗަށް 50 ރުފިޔާ އެވެ. އެއީ ހުޅުމާލޭގައި އުޅަނދު ދުއްވުމަށް އެޗްޑީސީން ދޫކުރާ ސްޓިކާއަށް ޗާޖު ކުރަން ނިންމި އަދަދެކެވެ.

ހުޅުމާލެއަކީ ގިނަ އަދަދެއްގެ ގެސްޓް ހައުސްތަކާއި ކުންފުނިތައް ހިންގައި ކޮންސްޓްރަކްޝަންގެ ދާއިރާއިން ކުރިއަރަމުން އަންނަ ރަށެކެވެ. އެރަށުގައި އެކި ވިޔަފާރިތަކުންނާއި އަމިއްލަ ފަރާތްތަކުންވެސް ގިނަ އަދަދެއްގެ ހަތަރު ފުރޮޅުލީ އުޅަނދުތައް ބޭނުން ކުރެއެވެ.

comment ކޮމެންޓް