ކާށިދޫ ނެރުމަށްޗަށް އެރި ދޯންޏަކުން ލަކުޑިތަކެއް އޮޔާދާތީ ސަމާލުވާން އަންގައިފި

ރަށެއްގެ ފަރުމައްޗަށް ދޯންޏެއް އަރާފައި: ކާށިދޫ ނެރުމައްޗަށް އެރި ދޯންޏަކުން ގިނަ އަދަދެއްގެ ލަކުޑިތަކެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް ވަނީ އަންގާފައި -- ފައިލް ފޮޓޯ

ކ. ކާށިދޫ ނެރުމައްޗަށް އިއްޔެ ހަވީރު އެރި ދޯންޏަކުން ލަކުޑިތަކެއް ކަނޑަށް ބޭރުވެ އެތަކެތި އޮޔާދާތީ، ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން އަދުނާން މިއަދު ސަން އަށް ވިދާޅުވީ، އެ ދޯނި ކާށިދޫ ނެރުމައްޗަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ އިއްޔެ ހަވީރު 16:30 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވާ ކަމަށާއި އުޅަނދަށް ވެސް ބޮޑު ގެއްލުމެއް ނުވާކަމަށް އަދުނާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރޭ މެންދަމު 3:00 ހާއިރު ދޯނި ފުންކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ކަނޑަށް އެޅުނު ގިނަ އަދަދެއްގެ ލަކުޑިތައް އޮޔާދަނީ ބ. އަތޮޅާ ދިމާއަށް ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެ އެވެ.

ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދީގެން ދަތުރުކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކުރެ އެވެ.

comment ކޮމެންޓް