އީރާނުގެ ރައީސް ގަލްފުގައި، ދެފަރާތް ސުލްޙަ ވުމަށް މަސައްކަތް ކުރަނީ

އީރާނުގެ ރައީސް ސަބާހުލްއަހްމަދާ ބައްދަލުކުރައްވަނީ

ކުވައިތު ސިޓީ (ފެބްރުއަރީ 16) : ސުންނީންނާއި ޝިޔައީންނަކީ އިސްލާމީ ވަހްދަތާއި އުޚުއްވަތްތެރިކަމުގައި ސުލްހަވެރިކަމާއި އެއްބަނޑު އެއްބަފާ ކަމުގައި އެތައް ގަރުނެއް ވަންދެން އުޅުނު ބައެއްކަމަށާއި މިހާރު ވެސް އެގޮތަށް ނޫޅެވެންވީ ސަބަބެއްނެތް ކަމަށް އީރާނުގެ ރައީސް ޑރ. ޙަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ކުވައިތަށް ރޫހާނީ އިއްޔެ ވަޑައިގެން ދެއްވި ބަޔާނެއްގައި ވިދާޅުވީ ސުންނީންނާއި ޝިޔައީންނަކީ މަޛްހަބީ ޚިލާފްތަކެއް ހުރި ދެބައެއް ނަމަވެސް އިސްލާމީ އުންމަތުގެ އެންމެ ބޮޑު ދެމަޛްހަބް ކަމަށާ ކޮންމެފަރާތަކުން ވެސް އަނެއް ފަރާތެއް ދީނީ ކަންކަން ތަފްސީރުކުރާގޮތް (ފިކުރަށް) އިހްތިރާމްކޮށްގެން އިސްލާމީ އުޚުއްވަތްތެރިކަމުގައި އުޅެވިދާނެކަން ކުރީގެ އިސްލާމީ ޚިލާފްތަކުން ފެނިގެން ގޮސްފައިވާކަމުގަ އެވެ.

އިސްލާމީ އެންމެ ބޮޑު ދެމަޒްހަބް ކަމަށްވާ ސުންނީންނާއި ޝިޔައީންނާ ދެމެދުގައިވާ އަރާރުންތަކަކީ މުސްލިމުންގެ މެދުގައި ދޭތެރެޖައްސައިގެން ފިތުނަ އުފައްދައިގެން ހަނގުރާމަތައް ކުރުވުމުގެ ބޭނުމުގައި ބޭރުގެ އިސްތިއްމާރީ ބާރުތަކުން އުފައްދައިގެން އުޅޭ އަރާރުންތަކެއް ކަމަށް ރޫޙާނީ ސިފަކުރެއްވި އެވެ. މިއަރާރުންތަކަކީ ސިޔާސީ އަރާތުންތަކެއް ކަމަށާ މިކަން ހައްލުކުރުމަށް އީރާނާއި ގަލްފުގެ ގައުމުތަކަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށް ވެސް ރޫޙާނީ ވިދާޅުވި އެވެ.

އީރާނުގެ ރައީސް އުމާންގެ ރަސްގެފާނާ އިއްޔެ ބައްދަލުކުރައްވަނީ

ރޫހާނީ އިއްޔެ ވަނީ ކުވައިތުގެ އަމީރު އައްޝައިޚް ސަބާހުލްއަހްމަދުގެ ދައުވަތަކަށް ކުވައިތަށް ވަޑައިގެން އަމީރާއި ކުވައިތުގެ އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވާފަ އެވެ. ކުވައިތަށް ވަޑައިގެންނެވުމުގެ ކުރިން ގަލްފުގެ އެހެން ގައުމެއްކަމަށްވާ އުމާނަށް ވަޑައިގެން އުމާންގެ ރަސްގެފާނު ގާބޫސުބިން ސައީދު އާވެސް ރޫހާނީ ބައްދަލުކުރެއްވި އެވެ. ރޫޙާނީ ގަލްފުގެ މިދެގައުމަށް ޒިޔާރަތް ކުރެއްވީ ސައޫދީ އާއި އީރާން ސުލްޙަ ކުރުވުމުގެ މަސައްކަތް ކުވައިތުން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

ކުވައިތުގެ ޚާރިޖީ ވަޒީރު އަދި ބޮޑުވަޒީރުގެ ނައިބު ސަބާހް ޚާލިދުލްހަމްދުއްސަބާޙް މިދިޔަ މަހު ވަނީ މިކަމަށް ޓަކައި އީރާނަށް ވަޑައިގެން ރައީސް ރޫޙާނީއާއި އީރާނުގެ އެހެން އިސްމަސްއޫލުވެރިންނާ ބައްދަލުކުރައްވާފަ އެވެ. މިދަތުރުގައި ކުވައިތުގެ އަމީރުގެ ސިޓީ ފުޅަކާއި ގަލްފު ކޯޕަރޭޝަން ކައުންސިލް ގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްލަތީފް ބިން ރާޝިދު އައްޒައްޔާނީގެ ސިޓީފުޅެއް ވެސް ކުވައިތުގެ ޚާރިޖީ ވަޒީރު އީރާނުގެ ރައީސަށް އެރުވި އެވެ.

ގަލްފުގެ އަރަބި ގައުމުތަކާއި އީރާނަކީ މުސްލިމް އަވަށްޓެރި ގައުމުތަކަކަށް ވިޔަސް ދެފަރާތުގެ ދެމެދުގައި ސިޔާސީ ކޯޅުންތައް ވަރަށްބޮޑެވެ. މިކަމުގެ ސަބަބުން ދެފަރާތުގެ އިތުބާރު ވަރަށްބޮޑަށް ގެއްލި އެއްބަޔަކު ދަނީ އެނެއްބަޔަކާ ދެކޮޅަށް ޓެރަރިޒަމްގެ ތުހުމަތާއި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރަ ކަމުގެ ތުހުމަތާއި ބާރާއި ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތުތައް ކުރަމުންނެވެ.

އީރާނާއި ގަލްފުގެ އަރަބި ގައުމުތަކުގެ ގުޅުންތައް އެންމެ ބޮޑަށް ގޯސްވެގެންދިޔައީ މިދިޔަ އަހަރުގެ ފަހުކޮޅު ސައޫދީ އަރަބިޔާ އިން އީރާނާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލުމާ އެކު އީރާނާ ދެކޮޅަށް ޖީސީސީގެ ގައުމުތަކާއި އަރަބި ގައުމުތައް ނެރުމަށް ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން މަސައްކަތް ފެށުމުންނެވެ. މިކަމުގައި ޖީސީސީގެ ދެގައުމު ކަމަށްވާ ބަހްރައިން އާއި ޔޫއޭއީ ސައޫދީކޮޅަށް ޖެހުނު ނަމަވެސް އަރަބި ގައުމުތަކުގެ ތެރޭން ސޫދާންއާއި ޖިބޫތީ ފަދަ ފަގީރު އަދި އަދި ސައޫދީންގެ އެހީއަށް ބޭނުންވެފައިވާ ދެތިން ގައުމެއް މެނުވީ އަރަބި އެހެން ގައުމެއް ސައޫދީންގެ ކޮޅަށް ޖެހިފައެއް ނުވެ އެވެ. އަދި އަރަބި ބޮޑެތި ގައުމުތައްކަމަށްވާ އީރާން، އިރާގް، މިސްރު، އަލްޖަޒާއިރު ފަދަ ގައުމުތަކަކީ ސައޫދީ އާ ގުޅުންތައް ގޯސްވެފައިވާ ގައުމުތަކެކެވެ.

ސައޫދީން އީރާނާ ގުޅުންތައް ކަނޑާލައި އީރާނާ ދެކޮޅަށް މަސައްކަތް ފާޅުގައި ފެށީ އީރާނުގައިވާ ސައޫދީ އެންބަސީއަށް އީރާނުގެ ބަޔަކު އަރައިގަނެ އެ އިމަރާތުގައި ހުޅުޖެހުމާގުޅިގެންނެވެ. މިކަންކުރީ ސައޫދީގެ ޝިޔައީ ދީނީ އިލްމުވެރިއެއްކަމަށްވާ ޝައިޚް ނިމްރުއްނިމްރު އަށް ސައޫދީ ސަރުކާރުން މަރުގެ އަދަބު ދިނުމާގުޅިގެން ސައޫދީ ސަރުކާރާ ދެކޮޅަށް ތެހެރާންގައި މުޒާހަރާކުރި އީރާނުގެ އާންމުންގެ ބައެކެވެ. އީރާން ސަރުކާރުން ވަނީ ހުޅުޖެހި މީހުން ހައްޔަރުކުރުމަށް ފަހު އެމީހުންގެ މައްޗަށް ޝަރީއަތް ހިންގުމަށް ޓަކައި މައްސަލަ ކޯޓަށް ފޮނުވާފަ އެވެ.

ސައޫދީގެ ޝިޔައީ ދީނީ އިލްމުވެރިއެއްކަމަށްވާ ޝައިޚް ނިމްރުއްނިމްރު އަށް ސައޫދީ ސަރުކާރުން މަރުގެ އަދަބު ދިނީ ސައޫދީ ސަރުކާރާ ދެކޮޅަށް އާންމުންގެ މެދުގައި ފިތުނަ އުފެދޭ ފަދަ އަމަލުތައް އޭނާ ހިންގެވި ކަމުގެ ކުށް ޝަރީއަތަށް ސާބިތުވެގެން ކޯޓުން މަރުގެ އަދަބު ދިނުމަށް ހުކުމް ކުރުމުން ކަމަށް ސައޫދީ ސަރުކާރުން ބުނެފައިވެ އެވެ.

ސައޫދީ އާއި އީރާނުގެ ސިޔާސީ ކޯޅުންތައް އެދެގައުމުން ވެސް މިހާރު ގެންދަނީ އެއީ ދީނީ އަދި މަޒްހަބީ ކަމެއް ކަމަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގައި މިދެގައުމުން ކުރެ ކޮންމެ ގައުމަކުންވެސް އެގައުމެއްގެ ދީނީ އިލްމުވެރިންގެ ބޭނުން ކުރަމުން ގެންދެ އެވެ.

އީރާނުން ސައޫދީ އާ ދެކޮޅަށް ނުކުތުމަށް ޝިޔައީންނަށް ހިއްވަރު ދޭއިރު ސައޫދީ ގެންދަނީ އީރާނާ ދެކޮޅަށް ނުކުތުމަށް ސުންނީންނަށް ހިއްވަރުދެމުންނެވެ. އަދި ކޮންމެ ބަޔަކު ވެސް ގެންދަނީ އަނެއްބަޔަކު ކާފަރު ކުރާ ހިސާބަށްވެސް ކަންތައްތައް ގެންދަމުންނެވެ. ނަމަވެސް އިސްލާމީ ދުނިޔޭގެ ދެބައި ކަމަށްވާ ޝިޔައީންނާއި ސުންނީންގެ މަޒްހަބީ ޚިލާފްތަކަކީ ސައޫދީ އާއި އީރާނުގެ ސިޔާސީ ވާދަވެރިކަމަށްވުރެ މާކުރީގެ ކަމެކެވެ. އަދި އެއީ މިދެގައުމުގެ ސިޔާސީ ކޯޅުންތަކަށްވުރެ މާފުޅާދާއިރާއެއްގެ ފިކުރީ މަޒްހަބީ އަދި ފިގްހީ ތަފާތުތަކެކެވެ.

ސައޫދީން ތުހުމަތުކުރާ ގޮތުގައި އީރާން ގެންދަނީ ސޫރިޔާއަށާއި އިރާގަށާއި ޔަމަނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ބާރާއި ނުފޫޒު ފަތުރަމުންނެވެ. އީރާން ތުހުމަތުކުރާ ގޮތުގައި ސޫރިޔާގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޖަމާއަތްތައް ނެރެ އެޖަމާއަތްތަކަށް ހަތިޔާރު ދީގެން ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެއްޓުވީ ސައޫދީންނާއި ގަތަރުންނެވެ. އަދި އިރާގުގައި ބޮންގޮއްވުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ގެންދާ އައިއެސް ފަދަ ޖަމާއަތްތަކަށް ވެސް ސިޔާސީ ބޭނުންތަކުގައި ސިއްރިޔާތުގައި ފައިސާއާއި ހަތިޔާރުފޯރުކޮށްދެނީ ވެސް ސައޫދީންނާއި ގަތަރުން ކަމަށް އީރާނުން ތުހުމަތު ކުރެ އެވެ.

ޔަމަންގައިވާ ސައޫދީންގެ މަދަދުލިބޭ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ހޫޘީ ޖަމާއަތަށް އީރާނުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ސައޫދީން ތުހުމަތުކުރާއިރު ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށްވަދެ ޔަމަނަށް ވައިގެ ހަމަލާތައް ދޭ މައްސަލައިގެ މަލާމާތް އީރާނުން ރައްދު ކުރަނީ ސައޫދީ އަށެވެ.

ސައޫދީގެ އަވަށްޓެރި އިރާގާއި ބަހްރައިންއަކީ ޝިޔައީންގެ އަޣްލަބިއްޔަތެއް އޮންނަ ދެ ގައުމެވެ. މީގެތެރެއިން އިރާގުގައި އީރާނުގެ ތާއީދު ލިބިފައިވާ ޝިޔައީން ވެރިކަންކުރާއިރު ބަހްރައިންގެ ވެރިކަން އޮންނަނީ ސައޫދީންގެ ތާއީދު ލިބިފައިވާ ބައިމަދު ސުންނީންގެ އަތުގަ އެވެ. ސޫރިޔާއަކީ ސުންނީންގެ އަޣްލަބިއްޔަތެއް އޮންނަ ގައުމަކަށްވާއިރު އެގައުމުގެ ވެރިކަން އޮންނަނީ އީރާނުގެ ތާއީދު ލިބިފައިވާ ބައިމަދު އަލަވީން (ޝިޔައީންގެ ވައްތަރެއް) ގެ އަތްމަތީގައެވެ.

އީރާނުން ސޫރިޔާގެ ވެރިކަން ދަމަހައްޓަން މަސައްކަތްކުރާއިރު ސައޫދީން ގެންދަނީ ބަހްރައިންގެ ޝާހީ އާއިލާގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. އަރަބި ދުނިޔޭގެ ހާލަތު މިހާރުއޮތް ގޮތުން އަރަބި ބޮޑެތި އަދި ބާރުގަދަ ގައުމުތައް ކަމަށްވާ އިރާގު ސޫރިޔާ މިސްރު އަލްޖަޒީ އިރު ފަދަ ގައުމުތައް ވަނީ ސައޫދީ އާ ވަރަށްބޮޑަށް ޖެހިފަ އެވެ. މީގެތެރެއިން އިރާގާއި ސޫރިޔާއަކީ ސައޫދީ އާ ވަރަށްބޮޑަށް ދުޝްމަން އަދި އީރާނާ ވަރަށް ގާތް ދެގައުމެވެ. މިސްރާއި އަލްޖަޒާއިރަކީ ސުންނީ ދެގައުމު ކަމަށްވިޔަސް އެދެގައުމާއި ސައޫދީންގެ ގުޅުންތައްވެސް ވަނީ ވަރަށް ގޯސް ހާލަތެއްގަ އެވެ.

އީރާނާއި ސައޫދީންގެ ސިޔާސީ ކޯޅުންތަކުގައި އަރަބި ބޮޑު އެއްވެސް ގައުމެއް ސައޫދީގެ ފަހަތަށް ގޮސްފައެއްނުވެ އެވެ. އަދި ސައޫދީ އާ އެންމެ ގާތް އިސްލާމީ ގައުމު ކަމަށްވާ ޕާކިސްތާން ވެސް ވަނީ ސައޫދީއާއި އީރާނުގެ ކޯޅުންތަކުގައި ވަކިކޮޅަކަށް ނުޖެހޭނެ ކަމަށްބުނެފަ އެވެ. މިމައްސަލާގައި ވަކިކޮޅަކަށް ޖެހުމުގެ ބަދަލުގައި ޕާކިސްތާން ގެންދަނީ އެދެގައުމު ސުލްޙް ކުރުވުމަށް ވެސް މަސައްކަތް ކުރަމުންނެވެ. މިކަމަށްޓަކައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މިދިޔަ އަހަރު އީރާނަށާއި ކުވައިތަށް ދަތުރުފުޅެއް ކުރެއްވި އެވެ.

ސައޫދީ އާއި އީރާނުގެ ސިޔާސީ ކޯޅުންތަކުގެ ނޭދެވޭ އަސަރު މުޅި އިސްލާމީ ދުނިޔެއަށް ދަނީ ފެތުރެމުންނެވެ. ސޫރިޔާއާއި އިރާގާއި ލީބިޔާއާއި ޔަމަން ފަދަ ގައުމުތަކުގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމަތަކުގެ ފަހަތުގައިވަނީ ވެސް އަރަބި ގައުމުތަކުގެ ދެމެދުގައިވާ ސިޔާސީ ވާދަވެރި ކަމާއި ސިޔާސީ ކޯޅުންތަކެވެ. މިކަމުގެ ސަބަބުން އަރަބީންގެ އަވަށްޓެރި ބާރުގަދަ ދެގައުމު ކަމަށްވާ ތުރުކީއާއި އީރާން ގެންދަނީ އަރަބި ގައުމުތަކުގެ ކަންކަމުގެ ތެރެއަށް ވަދެ އެދެގައުމުގެ މަސްލަހަތުތައް ފުޅާކުރަމުންނެވެ. އަދި ޚާއްސަކޮށް ސޫރިޔާއާއި އިރާގާއި ޔަމަންގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމަތަކުގެ ފަހަތުގައި ވަނީ ވެސް އީރާނާއި ސައޫދީ އާއި ގަތަރާއި ތުރުކީއާއި ރަޝިޔާއާއި އެމެރިކާއެވެ. މީގެތެރެއިން ރަޝިޔާއާއި ތުރުކީއާއި އީރާން އެލަޔަންސެއްގެ ގޮތަށް ސޫރިޔާގެ މައްސަލާގައި މިހާރު މަސައްކަތްކުރަން ފަށާފައިވާ އިރު އެމެރިކާއާއި އެމެރިކާއާ ގުޅިފައިވާ ސައޫދީ އާއި ގަތަރުގެ ދައުރު ސޫރިޔާގައި ދަނީ އެއްފަރާތްވަމުންނެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް