ފަހަތުންއަރައި ރެއާލަށް ފަސޭހަ މޮޅެއް

ރެއާލް އާއި ނަޕޯލީ ރޭ ކުޅުނު މެޗުގައި ރެއާލްގެ ޓޮނީ ކްރޫސް ބޯޅަ ހިފައިގެން ދަނީ --- ފޮޓޯ: އޭޕީ

އިޓަލީގެ ނަޕޯލީން ގޯލެއް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައި ތިން ގޯލު ކާމިޔާބުކޮށް 3-1ގެ ނަތީޖާ އަކުން ރެއާލް މެޑްރިޑް މޮޅުވެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދިއުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ.

ރެއާލްގެ ސެންތިއާގޯ ބެރްނަބިއުގައި ރޭ ކުޅުނު މެޗު ފެށިގެން އެޓީމުން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް އަށް ވަނަ މިނެޓްގައި ނަޕޯލީގެ ލޮރެންޒޯ އިންސީނިއާ ވަނީ އެޓީމަށް ލީޑް ނަގައިދީފައެވެ. އޭނާ އެ ގޯލު ކާމިޔބްކުރީ މެދު ރޮނގުމަތީ ހުރެ މާކް ހަމްސިކް ދިން ބޯޅައެއް ޕެނަލްޓީ އޭރިއާގެވެސް މާ ބޭރުގައި ހުރެ އެއްފަހަރުން ފޮނުވާލައިގެންނެވެ. އިންސީނިއާ އެ ބޯޅަ ފޮނުވާލީ ރެއާލްގެ ކީޕަރު ކާލޯ ނަވާސް ޕެނަލްޓީ ބޮކްސްގެ ބޭރުގައި ހުރުމުންނެވެ.

ނަޕޯލީން ލީޑް ނެގި ނަމަވެސް ރެއާލުން އައީ މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންނެވެ. ނަތީޖާއެއްގެ ގޮތުން 18 ވަނަ މިނެޓްގައި ރެއާލްގެ ޑެނިއަލް ކަވަހާލް ޕެނަލްޓީ އޭރިއާތެރެއަށް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ކަރިމް ބެންޒެމާ ރެއާލަށް ލީޑް ނަގައިދިނެވެ.

ރެއާލް އާއި ނަޕޯލީ ކުޅުނު މެޗުގައި ކަސަމީރޯ އަތުން ބޯޅަ ހޯދުމަށް ނަޕޯލީގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ

ރެއާލްގެ ދެވަނަ ގޯލު ޓޮނީ ކްރޫސް ކާމިޔާބުކޮށްދިނީ ޕެނަލްޓީ އޭރިއާ ރޮނގުމަތީ ކަހަލަގޮތަކަށް ހުރެ ކްރިސްޓިއާނޯ ރޮނާލްޑޯ ދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. އަދި އޭގެ ފަސް މިނެޓްފަހުން ރެއާލްގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ ކަސަމީރޯއެވެ. އޭނާ އެގޯލު ކާމިޔާބުކޮށްދިނީ ނަޕޯލީގެ ޕެނަލްޓީ އޭރިއާ ބޭރު ކަނުގައި ހުރެ ރީ ބައުންސްވި ބޯޅައެއް އެއްފަހަރާ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ނަޕޯލީގެ ދަނޑުގައި ކުޅޭ ދެވަނަ ލެގްގެ މެޗަކީ ފަސޭހަ ވާނެ މެޗެއް ނޫން ކަމަށާއި އެމެޗަށް ދާއިރު 3-1ގެ ނަތީޖާއަކުން ކުރީގައި އޮތުމަކީ ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.

"މުޅި މެޗުގައި ރަނގަޅު ފުރުސަތުތަކެއް ހޯދައި ރަނގަޅަށް ކުޅުނީ ވެސް ރެއާލުން. އެމީހުނަށް ގޯލެއް ކާމިޔާބު ކުރެވުނީ އަހަރެމެންގެ މިސްޓޭކުން. ނަމަވެސް ކުޅުންތެރިން ވަނީ އެމީހުނަށް އިތުރު ފުރުސަތެއް ނުދީ މެޗު ކާމިޔާބުކޮށްފައި،" ޒިދާން ބުންޏެވެ.

ރޭގެ މެޗުގައި ވަނީ ގިނަ ދުވަސްތަކަކު އަނިޔާގައި ހުރުމަށްފަހު ކުޅުމުގެތެރެއަށްއައި ރެއާލްގެ ޕެޕޭ ކުޅެން ނިކުމެފައެވެ. އޭނާ ކުޅެން ނިކުތީ ދެވަނަ ހާފްގެ 71 ވަނަ މިނެޓްގައި ކެޕްޓަން ސާޖިއޯ ރާމޯސްގެ ބަދަލުގައެވެ.

އެ ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގްގެ މެޗު އޮންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ރޭ އެވެ.

comment ކޮމެންޓް