މާޒިޔާއަށް ވީބީ އައްޑޫ އެފްސީގެ ރިކޯޑާ އަރާ ހަމަ ކުރެވިދާނެތަ؟

ވީބީއިން 2012 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗު ކާމިޔާބް ކުރުމަށް ފަހު އޭރުގެ އެޓީމްގެ ކޯޗު ކޭން ވަންލީ ޝީލްޑް އުފުލާލަނީ ---

ކަޕް ވިނާސް ކަޕް އުވާލުމަށްފަހު 2009 ވަނަ އަހަރު ތައާރަފްކުރި އެފްއޭ ޗެރިޓީ ޝީލްޑް މެޗުގެ އެންމެ ކާމިޔާބު ކްލަބްކީ ވީބީ އައްޑޫ އެފްސީއެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅެވޭ އެ މެޗު ވީބީން ވަނީ ޖެހިޖެހިގެން ތިން އަހަރު ކާމިޔާބުކޮށް ރިކޯޑެއް ހަދާފައެވެ. އެރިކޯޑާއި އަރާ ހަމަކުރުމުގެ ފުރުސަތު މިވަނީ މާޒިޔާ ސްޕޯޓްސް އަށް ވެސް ތަނަވަސް ވެފައެވެ.

ޗެރިޓީ ޝީލްޑް މެޗަކީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނާއި އެފްއޭ ކަޕް ޗެމްޕިއަން ޓީމްގެ ދެމެދުގައި ކުޅެވޭ މެޗެކެވެ. މިދިޔަ ސީޒަންގެ ލީގް ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް ނިކުންނާނީ އެފްއޭ ކަޕް ކާމިޔާބުކޮށްފައިވާ ކްލަބު ވެލެންސިއާއެވެ.

ޗެރިޓީ ޝީލްޑް މެޗު ކުޅެން ފެށިފަހުން ހަތް އަހަރު ފާއިތުވެފައިވާއިރު އެންމެ ފުރަތަމަ 2009 ވަނަ އަހަރު އެމެޗު ކާމިޔާބް ކުރީ 2-1ގެ ނަތީޖާ އަކުން ވީބީ ބަލިކޮށް ކްލަބް ވެލެންސިއާއިންނެވެ. ނަމަވެސް ޖެހިގެން އައި ތިން އަހަރު ވީބީން ވަނީ ޗެރިޓީ ޝިލްޑް މެޗު ކާމިޔާބުކޮށް ރިކޯޑް ގާއީމްކޮށްފައެވެ. އެ ތިން އަހަރު ވެސް ވީބީން ޝީލްޑް އުފުލާލާފައި ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. 2010 ވަނަ އަހަރު 3-2ގެ ނަތީޖާ އަކުން 2011 ވަނަ އަހަރު 4-1ގެ ނަތީޖާއަކުން އަދި 2012 ވަނަ އަހަރު 1-0ގެ ނަތީކާ އަކުން ވިކްޓަރީ ބަލިކޮށްފައެވެ. އެހެންކަމުން ރާއްޖޭގެ އެންމެ ދުވަސްވީ ކްލަބަށް ޗެރިޓީ ޝީލްޑް މެޗަކީ ވަރަށް ބީރައްޓިހި މެޗެކެވެ.

މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު މައިލޯ ޗެރިޓީ ޝިލްޑް މެޗު މާޒިޔާ އިން ކާމިޔާބް ކުރުމަށް ފަހު ޓްރޮފީއާ އެކު އުފާފާޅު ކުރަނީ --- ސަން ފައިލް ފޮޓޯ: ފަޔާޒް މޫސާ

ވޭތުވެދިޔަ ހަތަރު އަހަރު ޗެރިޓީ ޝީލްޑް މެޗުގެ ފައިނަލްގައި ވާދަކޮށްފައިވަނީ ނިއު ރޭޑިއަންޓާއި މާޒިޔާއެވެ. 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު މާޒިޔާ ބަލިކޮށް ނިއުއިން ޝީލްޑް އުފުލާލިއިރު ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަނަކީ މާޒިޔާއެވެ. މިއަދު ހަވީރު ކުޅޭ މެޗު މާޒިޔާއަށް ކާމިޔާބުކުރެވިއްޖެ ނަމަ މީގެ ފަސް އަހަރު ކުރިން ވީބީން ހަދާފައިވާ ރެކޯޑާ މާޒިޔާއަށް އަރާ ހަމަކުރެވުނީއެވެ.

މިއަދިގެ މެޗަށް ނިކުންނައިރު ވޭތުވެދިޔަ އަހަރު މާޒިޔާއިން ޝީލްޑް އުފުލާލިއިރު ތިބި ގިނަ ކުޅުންތެރިންތަކެއް ޓީމްގައި އެބަތިއްބެވެ. މާޒިޔާއިން ފެންނާނެ އެންމެ ބޮޑު ބަދަލަކީ އެޓީމްގެ ކޯޗެވެ. މިސީޒަނަށް އެޓީމް ނިކުންނަނީ ކްލަބުގެ ހަޔާތުގައި އައްޔަނުކުރި ފުރަތަމަ ބިދޭސީ ކޯޗާ އެކުއެވެ.

ކޯޗުގެ ބަސް

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާގެ ކޯޗުގެ މަގާމަށް ގެނެސްފައި މިވަނީ މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮވްސްކީއެވެ. އޭނާގެ އިރުޝާދުގެ ދަށުން ފަރިތަކުރާތާ މަހަކަށް ވުރެ ގިނަދުވަސްވީއެވެ. މިދިޔަ ސީޒަނުގައި ތިބި ގިނަ ކުޅުންތެރިންނާ އެކު ޓީމް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން މާޒިޔާއިން ވަނީ ބިދޭސީ މޮޅު ހަތަރު ކުޅުންތެރީން ޓީމްގައި ހިމަނާފައެވެ.

މެޗުގެ ކުރިން އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ސެކުލޮވްސްކީ ވަނީ އޭނާގެ ޓީމްގައި ހިމެނޭ ކުޅުންތެރީންނަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ.

"ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ވަރަށް ރަނގަޅު ސަޕޯޓެއް ލިބޭ. މާދަމާގެ މެޗުގައި އެ ކުޅުންތެރީންގެ އެންމެ ބެސްޓް ކުޅުން ދައްކައިފި ނަމަ މެޗު ކާމިޔާބު ކުރެވޭނެ. އަހަރެންގެ ފުރިހަމަ އިތުބާރު އެބައޮތް އެ ކުޅުންތެރިންނަށް،" ސެކުލޮސްކީ ބުންޏެވެ.

މާޒިޔާގެ ރިކޯޑް ހުއްޓުވަން ނިކުންނަ ވެލެންސިއާ

މާޒިޔާއާ ދެކޮޅަށް ނިކުން ވެލެންސިއާގެ ކޯޗިން ޓީމުން ގަބޫލު ކުރާ ގޮތުގައި އެޓީމަށް ވުރެ ހުރިހާ ގޮތަކުން މާޒިޔާ އޮތީ ކުރީގައެވެ. ސަބަބުތަކެއް ނެތި އެއް ނޫނެވެ. ގައުމީ ޓީމްގެ ގިނަ ކުޅުންތެރީން ތަކެއްގެ މައްޗަށް އެކުލެވޭ މާޒިޔާއާ އަޅައިބަލާއިރު ވެލެންސިއާއިން ޕްރެކްޓިސް ފެށީ ވެސް ވަރަށް ލަހުންނެވެ.

"ތިލަފަތަކަށް ލާ ކަމުގައިވާ ނަމަ އަޅުގަނޑުމެންގެ ބަޖެޓާއި މާޒިޔާގެ ބަޖެޓާ އަޅައިނުކިޔޭ ވަރު ބަރުދަަން ހުރި ޓީމެއްގެ އެއީ،" އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުންޏެވެ.

މާޒިޔާއާ އަޅައިބަލާއިރު ވެލެންސިއާއަށް ލިބޭ އެޑްވާންޓޭޖަކީ އެޓީމުން އޭއެފްސީ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ވާދަވެރި ދެެމެޗު ކުޅެފައިވުމުވެ.

ފެސްކޯ ގަބޫލު ކުރާގޮތުގައި ވެލެންސިއާއަށް އެ ދެމެޗު ކުޅެފައިވުމުގެ ފައިދާ ނަގައި މާޒިޔާގެ ރިކޯޑަށް ވަރުގަދަ ޗެލެންޖެއްދީ ކްލަބްގެ ހަޔާތުގައި ދެވަނަ ފަހަރަށް ޝީލްޑް އުފުލާލެވޭނެއެވެ.

comment ކޮމެންޓް