ބަންގާޅު މުބާރާތުން ގައުމީ ޓީމަށް ކުޅެން ތިބި ކުޅުންތެރިންނަށް ތަޖުރިބާތަކެއް ލިބޭނެ: ނިޒާމްބެ

ބަންގާޅަށް ފުރުމުގެ ކުރިން ނިޒާމްބެ މީޑިއާތަކަށް މައުލޫމާތު ދެނީ --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ބަންގާޅުގައި އޮންނަ ޝެއިހް ކަމާލް އިންޓަނޭޝަނަލް ގޯލްޑް ކަޕްގައި ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބްގައި ތިބި ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް ގިނަ ތަޖިރިބާތަކެއް ލިބިގެންދާނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބަންގާޅުގައި ފަށާ އެ މުބާރާތަށް ފުރުމުގެ ކުރިން މީޑިއާތަކާ ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ މުސްތަގްބަލްގައި ގައުމީ ޓީމަށް އަރާނެ ފެންވަރުގެ ޒުވާން ގިނަ ކުޅުންތެރިންތަކެއް ޓީސީގައި އެބަތިބި ކަމަށާއި އެ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބުމަކީ ގައުމީ ޓީމަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.

"އާންމު ގޮތެއްގައި ދިވެހި ރާއްޖޭގައި ނުލިބޭނެ ފުރުސަތެއް މިއީ. ގައުމީ ޓީމުގެ ޖާޒީ ލާން ޖެހެނީ ބައިނަލްޣްވާމީ ތަޖުރިބާއަކާ ނުލާ. އެގޮތަށް ބަލާއިރު ފުދޭ ވަރަކަށް ރަނގަޅު ކަމެކޭ ބުނެވޭނީ. މީއީ ހަގީގަތުގައި ގައުމީ ޓީމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެ ކަމެއް،" ނިޒާމްބެ ބުންޏެވެ.

ޓީސީ ހިމެނޭ ގްރޫޕް އޭ ގައި ހިމެނެނީ ބަންގްލަދޭޝް ލީގު ޗެމްޕިއަން ޑާކާ އަބަހާނީ އާއި ކިރްގިސްތާންގެ އަލްގާ ބިޝްކެކް އަދި ދެކުނު ކޮރެއާގެ ޕޮޗެއޯން އެފްސީ އެވެ.

ނިޒާމްބެ ބުނީ އެ މުބާރާތުގައި ވާދަކުރުމަށް ޓީސީއަށް ފުރުސަތު ލިބުނު ހިސާބުން ފެށިގެން ތްމްރީންތަައް ކުރިއަށް ގެންދިޔައީ މުބާރާތަށް ޓާގެޓްކޮށްގެން ކަމަށާއި އަމާޒަކީ ތަށި ހިފައިގެން އެނބުރި ގައުމަށް އައުން ކަމަށެވެ.

"ވަރަށް ރަނގަޅަށް ތައްޔާރުވެގެން މުބާރާތަށް މިދަނީ. ގާތްގަޑަކަށް މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމުތަކެއްގެ ކުޅުން ބަލައިލިން. އެންމެ ފަހުން ކުޅުނު މެޗުތަށް ވެސް ބަލައިފިން. ބެލިއިރު ފުދޭވަރަކަށް ވަރުގަދަ ޓީމުތަށް ހުރީ ނަމަވެސް ފައިޓް ކުރެވޭ ވަރުގެ ޓީމްތަށް ހުރީ،" ނިޒާމްބެ ބުންޏެވެ.

އަންނަ މަހުގެ ދޭއްގެ ނިޔަލަށް ކުރިއަށް ގެންދާ އެ މުބާރާތުގައި ޓީސީ ކުޅޭ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ހަވީރު ނުކުންނާނީ ޑާކާ އަބަހާނީއާ ދެކޮޅަށެވެ.

comment ކޮމެންޓް