ނިއުގެ މެޗުތަކާއި ހަރަކާތްތައް ގުގުމާލަން ބިދަބިން އަދި ހަބޭސް

ނިއު ރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ އެންޓަޓައިންމަންޓް ޕާޓްނަރަކަށް "ބިދަބިން" ބޮޑުބެރު ގްރޫޕް ހަމަޖައްސައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ފޭސްބުކް

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ވަރުގަދަ ސްކޮޑެއް އެކުލަވާލާފައިވާ ނިއު ރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ އެންޓަޓައިންމަންޓް ޕާޓްނަރުންނަށް ރާއްޖޭގެ މަޝްހޫރު ދެ ބޮޑުބެރު ގްރޫޕް، ހަބޭސް އަދި ބިދަބިން ހަމަޖައްސައިފި އެވެ.

މިއީ ރާއްޖޭގެ ކުލަބަކުން އެންޓަޓައިންމަންޓް ޕާޓްނަރުން ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

އެންޓަޓައިންމަންޓް ޕާޓްނަރުން ހަމަޖެއްސުމާ ގުޅިގެން އެ ދެ ގްރޫޕާއެކު ސޮއިކުރި ނިއުގެ ބޯޑް ޑިރެކްޓަރު އަބްދުލް މުއިޒް މިރޭ ސަން އަށް ވިދާޅުވީ، އެ ދެ ގުރޫޕުގެ މެމްބަރުންނަކީ ވެސް ނިއުގެ ސަޕޯޓަރުން ކަމަށެވެ. އަދި ނިއުގެ އެންޓަޓައިންމަންޓް ޕާޓްނަރުންނަށް ވުމަށް އެދި ޝައުގުވެރިކަން އެ ދެ ގްރޫޕުން ފާޅުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ނިއު ރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ އެންޓަޓައިންމަންޓް ޕާޓްނަރަކަށް "ހަބޭސް" ބޮޑުބެރު ގްރޫޕް ހަމަޖައްސައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ފޭސްބުކް

"ހަބޭސް އަދި ބިދަބިންއަކީ ވެސް ނިއުގެ ފޭންސް. ބާޓާ ބޭސްއެއްގެ ދަށުން ދެ ފަރާތާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހުރިހާ ދާއިރާއެއް ގުޅިގެން ކުޅިވަރުގެ ރޫހާއެކު ފުޓްބޯޅަ ކުރިއެރުމަށް މަސައްކަތްކުރާނެ. އަދި ނިއުގެ މެޗުތަކަށް ސަޕޯޓަރުން ވެއްދުމާއި ފޯރިގަދަކުރުމުގެ އިތުރުން ނިއުގެ ހަފްލާތައް ކުލަގަދަކޮށް ފާހަގަކުރުމަށް އެ ދެ ގްރޫޕުން ހަރަކާތްތެރިވާނެ،" މުއިޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނިއުގެ އެންޓަޓައިންމަންޓް ޕާޓްނަރުންނަށް ވުމަށް ބައެއް ބޭންޑުތަކުން ވެސް ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށާއި ބައެއް ފަރާތާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ނިއުއާ ގުޅުމަށް ޝައުގުވެރިވާ ހުރިހާ ފަރާތަކަށް ވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

ޒުވާން ގިނަ މެމްބަރުންތަކެއް ހިމެނޭ ބިދަބިން ބޮޑުބެރު ގްރޫޕުގެ މެނޭޖަރު މުހައްމަދު އާސިމް (އާއްކޮ) ބުނީ، ނިއު ކަހަލަ ކުލަބާއެކު މަސައްކަތް ކުރަން ލިބުމަކީ އެ ގުރޫޕަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ބިދަބިންގެ އެއްބާރުލުން ނިއުއަށް ދޭނެ ކަމަށް އާއްކޮ ބުންޏެވެ.

comment ކޮމެންޓް