ޝޫޓިންއަށް "ނޯޓީ 40"ގެ ކުރޫ މިލަންދުއަށް

"ނޯޓީ 40"ގެ ބައެއް ތަރިން މިލަންދޫއަށް ދިއުމަށް ނޯޓު ހާބަރަށް ޖަމާވެފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ތެރޭގައި ނެރޭނެ އެންމެ ވަރުގަދަ އެއް ފިލްމު ކަމަށް ބެލެވޭ "ނޯޓީ 40"ގެ ޝޫޓިންއަށް ފިލްމުގެ ކުރޫ މިލަންދުށް މިއަދު ފުރައިފިއެވެ.

ފިލްމު، "ނޯޓީ 40" އަކީ އެންވިޝަން އެންޓަޓައިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން، މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީގް ޕްރޮޑިއުސްކުރާ ކޮމެޑީ ފިލްމެކެވެ.

ނޯޓީ40ގެ ޑައިރެކްޓަރު ޔޫެއްޕެ ސަން އަށް އިންޓަވިއު ދެނީ --- ފޮޓޯ/ ފަޔާޒު މޫސާ

ޝޫޓިން އަށް ފުރުމުގެ ކުރިން ނޯތުހާބަރުގައި ހުރެ ފިލްމުގެ ޑައިރެކްޓަރު، ރާއްޖޭގެ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) "ސަން" އަށް ބުނީ، މިލަންދޫއަށް މިއަދު ފުރި ޓީމުގައި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭ 13 ތަރިން ހިމެނޭނެ ކަމަށެވެ.

ނަމަވެސް މިއަދުގެ ފުރި ޓީމާއެކު ޕްރޮޑިއުސަރު ނިއުމާ އަދި އަލީ ސީޒަން ބައިވެރިއެއް ނުވެއެވެ. ޔޫއްޕެ ބުނީ، ނިއުމާ އަދި ސީޒަން ފަހުގެ ތާރީހެއްގައި ކުރޫއާ ގުޅޭނެ ކަމަށެވެ.

"މިލަންދޫއަކީ ފިލްމީ ފަންނާނުންނަށް ވަރަށް ތަރުހީބުދޭ ރައްޔިތުން ތަކެއް އުޅޭ ރަށެއް. ދެން މިފަހަރު ބެލެވުނީ ފިލްމުގެ ލޮކޭޝަންތައް އެރަށުގެ ލޮކޭޝަންތަކާއި ގުޅޭތީއާ އެކު މިލަންދޫއަށް ބޮޑަށް އަމާޒުވީ،" ފިލްމުގެ މަންޒަރުތައް މިލަންދޫގައި ނަގަން ނިންމި ސަބަބު ޔޫއްޕެ ބުންޏެވެ.

މިލަންދޫގައި ފިލްމުގެ ބޮޑުބައެއް ނަގަން ހަމަޖެހިފައިވާއިރު ދެން ހުރި ބައި ޝޫޓް ކުރާނީ މާލޭގައެވެ. ޔޫއްޕެ ބުނީ، ފިލްމުގެ ޝޫޓިންއަށް މިލަންދޫގައި މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.

މިއަހަރުގެ ތެރޭގައި ނެރޭނެ އެންމެ ވަރުގަދަ އެއް ފިލްމު، "ނޯޓީ 40" އިން ނިއުމާ، ޔޫއްޕެ، ސައީދު، މަނިކު އަދި ސީޒަންގެ އިތުރަށް ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ބާރަށް ފިޔަޖަހަމުން އަންނަ ތަރި މަރިޔަމް އައްޒަ، ފާތިމަތު އާޒިފާ (އަޒޫ)، އިބްރާހީމް ޖިހާދު(ޖިމީ) ފަދަ ތަރިން ފާހަގަކޮށްލެވެއެވެ.

ފިލްމު، "ނޯޓީ 40" އިން ފެނިގެންދާނެ ތަރި، މަރިޔަމް އައްޒަ ---

މުޅިން އަލަށް ދިވެހި ފިލްމީ ދާއިރާ އަށް މި ފިލްމުން ތަރިންތަކެއް ތައާރަފްވެގެންދާ އިރު ފިލްމުގެ ހުރިހާ މަސައްކަތެއް ނިމި އޯގަސްޓު މަހުގެ ދެވަނަ ދުވަހު ފިލުމު ރިލީޒު ކުރަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް