އިންޑޮނޭޝިއާގެ ލޯކަލް އިލެކްޝަން އޮބްޒާވް ކުރުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި، އެ ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް --- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ކުރިއަށްދާ 'އިލެކްޝަން ވިޒިޓަރ ޕްރޮގްރާމް'ގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ އެވެ.

ޖެނެރަލް އިލެކްޝަން ކޮމިޝަން އޮފް ދަ ރިޕަބްލިކް އޮފް އިންޑޮނޭޝިއާ (ކޭ.ޕީ.ޔޫ) އިން އިންތިޒާމުކޮށްގެން މިދިޔަ ހޯމަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި، އެ ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އެ ޕްރޮގްރާމަކީ، އިންޑޮނޭޝިއާގެ ލޯކަލް ކައުންސިލް އިންތިހާބު އޮބްޒާވް ކުރުމުގެ ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ޕްރޮގްރާމުން އިންޑޮނޭޝިއާގެ އިންތިހާބީ ނިޒާމަށް އަހުލުވެރިވެ، އެ ނިޒާމުގައި ހުރި ގޮންޖެހުންތަކާއި މެދު މަޝްވަރާކޮށް ރާއްޖޭގެ އިންތިހާބީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ދެނެގަތުމުގެ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަނސް ކޮމިޝަނުން ބުނީ، އެ ޕްރޮގްރާމުގެ މަގުސަދަކީ ތަފާތު އިންތިހާބީ ނިޒާމުތައް ދެނެގަތުމާއި، އެކި ގައުމުތަކުގައި އިންތިހާބު ބާއްވާ ގޮތްތަކުގެ މައުލޫމާތާއި ތަޖުރިބާ ބައިވެރިންގެ މެދުގައި ހިއްސާކޮށް އިންތިހާބީ ނިޒާމު ހަރުދަނާ ކުރުން ކަމަށެވެ.

އިންޑޮނޭޝިއާގެ ލޯކަލް އިލެކްޝަން އޮބްޒާވް ކުރުމުގައި ރާއްޖޭގެ އިތުރުން 28 ގައުމެއްގެ އިލެކްޝަންސް ކޮމިޝަނަކުން ބައިވެރިވެ އެވެ.

comment ކޮމެންޓް