ސްކޫލްތައް ހިންގުމުގެ ތަމްރީން ހޯދަން 15 ޕްރިންސިޕަލަކު މެލޭޝިޔާ އަށް ފުރައިފި

ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި ލީޑާޝިޕް ހުނަރުތައް އިތުރުކުރުމަށް ރާއްޖޭގެ ޕްރިންސިޕަލުންގެ ޓީމެއް މެލޭޝިޔާއަށް ހިނގައްޖެ އެވެ.

މެލޭޝިޔާގެ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވާސިޓީއާ ގުޅިގެން ކުރިއަށްދާ އެ ދަތުރަކީ ސްކޫލްތަކުގެ ހިންގުމާ ހަވާލުވެ ތިއްބަވާ ފަރާތްތައް ތަމްރީނު ކުރުމަށް މިދިޔަ އަހަރުން ފެށިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމްގެ ދަށުން އަތޮޅުތެރެއާއި މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުން އަދި ލީޑިން ޓީޗަރުން ހިމެނޭ ގޮތަށް 115 މީހުން ވަނީ މެލޭޝިއާއަށް ފޮނުވައި ތަމްރީން ހޯދައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބުނީ، މިދިޔަ ހޯމަ ދުވަހު މެލޭޝިއާއަށް ފުރި ޕްރިންސިޕަލުންގެ ތެރޭގައި ހިމެނެނީ މ، ފ، އއ. އަދި ޅ. އަތޮޅުގެ 15 ޕްރިންސިޕަލުން ކަމަށެވެ. އެ މީހުން ފުރިހަމަ ކުރާނީ ހަފުތާއެއްގެ ތަމްރީނެކެވެ.

މެލޭޝިއާއަށް ދިވެހި ޕްރިންސިޕަލުން ކުރާ ދަތުރުގައި މެލޭޝިޔާގެ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވާސިޓީ އާއި އެގައުމުގެ ބައެއް ސްކޫލްތަކަށް ޒިޔާރަތްކޮށް ހިންގުމުގެ ދާއިރާއާ ބެހޭ މައުލޫމާތު ހޯދާނެ ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ.

އަދި މެލޭޝިޔާގެ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވަސިޓީން ކުރިއަށް ގެންދާ އެކާވީސް ވަނަ ގަރުނުގެ ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިން ބައިވެރިވާނެ ކަމަށް ވެސް އެެ މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް