ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރާފައި --- ފޮޓޯ/ އެމްއެންޑީއެފް

ބ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ބ. ހިރުނދު ރިސޯޓުން ފުރައިގެން ހުޅުލެއަށް ދަތުރުކުރި ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި އެވެ.

އަނގިރި ޖޮއިންޓް ވެންޗާ ކުންފުނީގެ "އަނގިރި- 15" ނަމަކަށްކިޔާ އެ ކޮޅުވެއްޓި ފަރަށް އެރިއިރު އޭގައި ތިބީ ފަސް ދިވެހިންނާއި ތިން ބިދޭސީންނެވެ. ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެ އެވެ.

އެމްއެންޑީއެފުން ބުނީ، ކޮޅުވެއްޓި ފަރަށް އެރި ކަމުގެ މައުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ ރޭ ދަންވަރު ގާތްގަނޑަކަށް 2:00 ޖަހާކަންހާއިރު ކަމަށެވެ.

އަދި ވެރިފަރާތަށް އެހީތެރިވުމުގައި މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކޮޅުވެއްޓި ފަރަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާ އިރު، މީގެ ދެ ދުވަސް ކުރިން ވިހި މީހުނާ އެކު ދަތުރުކުރި ދޯންޏެއް މާލެ އަތޮޅު މަނިޔަފުށި ފަރަށް ވަނީ އަރައިފަ އެވެ.

comment ކޮމެންޓް