ސުޒޭން އަނެއްކާވެސް ވިކްޓަރީއާ ހަވާލުވެއްޖެ

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު އަލީ ސްޒޭން އެ ކްލަބާ އަލުން ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު އަލީ ސުޒޭން އަނެއްކާވެސް އެ ކްލަބާ ހަވާލުވެއްޖެއެވެ.

މި ސީޒަނަށް ވިކްޓަރީގެ ކޯޗުގެ މަގާމަށް ފުރަތަމަ ހަމަޖެއްސީ މުހައްމަދު ޝާޒްލީ (ޝާޒް)އެވެ. ނަމަވެސް ސީޒަން ފެށުމުގެ ކުރީން ވިކްޓަރީން މިވަނީ ކޯޗު އަލުން ބަދަލުކޮށްފައެވެ.

"ޕްރީ ސީޒަނަށްފަހު ކްލަބުގެ ކޮންޑިޝަން ބެލުމަށްފަހު އަޅުގަނޑުމެން ކޯޗު އެކަމާ މަޝްވަރާކުރާތާ ދުވަސްތަކެއް ވެއްޖެ. ކުޅުންތެރީންނާ ކޯޗިން ސްޓާފުންނާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުޅުނު. އެހެންވެ މެނޭޖްމަންޓާ މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއް މިއީ،" ޗެއާމަން އިބްރާހީމް ނަޒީމް ވިދާޅުވިއެވެ.

ނަޒީމް ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކުގައި ޝާޒްގެ ފަރާތުން ގިނަ އެހީތެރިކަމެއް ލިބިފައިވާ ކަމަށާއި އެކަމަށްޓަކައި އޭނާއަށް ކްލަބުގެ ކުޅުންތެރިންނާއި ސަޕޯޓަރުން އަދި މެނޭޖްމަންޓްގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑް ހޯދައިދިން ކޯޗު، ވިކްޓަރީއާ ހަވާލުވެފައި މިވަނީ ހަތަރު އަހަރަށް ފަހުއެވެ. މިއަދު މެންދުރުފަހު އެ ކްލަބުން އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ސުޒޭން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ސުޒޭން މިއަދު ވިކްޓަރީއާ އަލުން ގުޅުނު ނަމަވެސް، މީގެ ކުރީން އޭނާ ބުނެފައި ވަނީ މި ސީޒަންގައި އެއްވެސް ކްލަބަކަށް ކޯޗުކޮށްދޭން ނުވިސްނާ ކަމަށެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު ކޯޗުންގެ ތެރޭގައި ހިމެނޭ ސުޒޭން ވަނީ، އޭނާ އެންމެ ފަހުން ކޯޗުކޮށްދިން މާޒިޔާއަށް 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުވެސް ކާމިޔާބުކޮށްދީފައެވެ.

މީގެ ކުރީން ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެއް ބާރު ކަމަށްވާ، ވިކްޓަރީން ވަނީ މިސީޒަނަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން މީގެ ކުރީންވެސް އެ ކްލަބާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ތަޖްރިބާކާރު ކޯޗު އަލުން ޓީމާ ގުޅުމަކީ ވިކްޓަރީގެ ކުޅުތެރީންނާއި ސަޕޯޓަރުންނަށް ވެސް ލިބިގެންދާނޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

comment ކޮމެންޓް