ޝަހީގުއަށް ސީއެސްސީގެ މެމްބަރުކަން ދޭން މަޖިލީހުން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމަށް ކުރިމަތިލީ އަށް މީހުންގެ ތެރެއިން، އެންމެ މަތިން މާކްސް ހޯދި ބ. ގޮއިދޫ ސޯސަންގެ އިބްރާހިމް ޝަހީގު މެމްބަރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި އެވެ.

މިއަދު މަޖިލީހަށް ހާޒިރުވި މެމްބަރުންގެ ތެރެއިން ޝަހީގު ސީއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް 49 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ. ޝަހީގު ސީއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ 23 މެމްބަރުންނެވެ.

ސީއެސްސީގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލި މީހުނާ އިންޓަވިއުކޮށް، އެ މީހުންނަށް މާކްސް ދިނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީންނެވެ.

ތައުލީމާއި ތަޖުރިބާ އާއި ނަޒާހަތްތެރި ކަމަށް ރިޔާއަތް ކުރުމަށް ފަހު އެ ކޮމެޓީން މާކްސް ދިން ފަރާތްތަކުގެ ތެރެއިން ޝަހީގަކީ ކޮމެޓީން ކަނޑައަޅާފައިވާ ކްރައިޓީރިއާ އިން ފާސްވި ހަމައެކަނި ފަރާތެވެ. މިނިވަން މުއައްސަސާތަކަށް ކަނޑައަޅާ މެމްބަރުން ފާސްވަން ޖެހޭނީ 75 ޕަސެންޓް މާކްސްއިންނެވެ. ޝަހީގަކީ އެ މިންގަނޑުން ފާސްވި ހަައެކަނި މީހާ އެވެ.

މެމްބަރުކަމަށް ކުރިމަތިލީ އެހެން ފަރާތްތަކަށް މާކްސް ލިބިފައި ވަނީ 69 ޕަސެންޓަށް ވުރެ ދަށުންނެވެ. މެމްބަރު ކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރޭގައި ރައީސް ޔާމީންގެ އާއިލީ ބޭފުޅެއް ކަމަށްވާ ޝަމްއޫން ހަމީދު ވެސް ހިމެނި ވަޑައިގަންނަވަ އެވެ.

ކޮމިޓީން މާކްސްދިން އިރު ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަމްރީނާއި އިންޓަވިއު އަދި ޕްރެޒެންޓޭޝަންގެ އިތުރުން ނާޒާހާތްތެރި ކަމަށް ވެސް މާކްސް ދީފައިވާނެ ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް