Sun Online
Ramadan 2017
މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ފަޔާޒު މޫސާ
މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތް ހަވާލުކުރި ގޮތް މާލިއްޔަތު ކޮމެޓީން ދިރާސާ ކުރަނީ

މުހައްމަދު ސިމާއު
ލިޔުނީމުހައްމަދު ސިމާއު

ރާއްޖޭގެ މައި ހޮސްޕިޓަލް ކަމަށްވާ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ދެކުނަށް އޮންނަ ބިމުގައި އަޅާ އެ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް އަޅަން ހަވާލުކުރި ގޮތް ދިރާސާ ކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމަވައިފި އެވެ.

އައިޖީއެމްއެޗްގެ 25 ބުރީގެ ބޮޑު އިމާރާތެއް އެޅުމަށް ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ޗެންގް ހުއާ ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެ އިމާރާތުގެ ޖުމްލަ އަގަކީ 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) އެވެ. އެ އަގުގެ ތެރެއިން 10 ޕަސަންޓަށްވާ ފައިސާ، އެޑްވާންސްގެ ގޮތުގައި ސަރުކާރުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އެއީ 14 މިލިޔަން ޑޮލަރު ނުވަތަ 215.88 މިލިޔަން ރުފިޔާ އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ހަވާލުކޮށްފައި ވަނީ އެކަމަށް އެކަށީގެންވާ އަގެއްގައިތޯ ބެލުމަށް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރެވުނެވެ. އަދި އެކަމަށް އައިޖީއެމްއެޗުންނާއި ރައީސް އޮފީސް އަދި ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިއާޔަތް ކުރައްވާފައިވެ އެވެ.

އެގޮތުން، ފިނޭންސް މިނިސްޓްރީ މިހާރު ހުރި ބިމުގައި 25 ބުރިއަށް ހަދާ 32500 އަކަފޫޓުގެ އެ އިމާރާތަށް ވުރެ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށްދާ ހަރަދު ބޮޑު ކަމަށް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތަކީ 123 މިލިއަން ޑޮލަރުގެ އިމާރާތެކެވެ. އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 36 މަސް ނުވަތަ ތިން އަހަރު ތެރޭގަ އެވެ. ކޮންޓެކްޓަރު ފައިނޭންސް ކުރާ ގޮތަށް އިމާރާތްކުރާ އެ އިމާރާތަށް ސަރުކާރުން އެ ކޮންޓްރެކްޓަރަށް ފައިސާ ދެއްކުމަށް 23 އަހަރު ލިބޭނެ ކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވަނީ އިމާރާތް އެޅުމަށް ލޯނު ނަގާ ނަމަ އަދާކުރަން ޖެހޭ އަހަރާއި އިންޓުރެސްޓަށް އަރާ އަދަދު ސާފުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

މި އަހަރުގެ ބަޖެޓު ފޮތުގައިވާ ގޮތުން، އައިޖީއެމްއެޗުގެ އިމާރާތް އެޅުމަށް ބޭރުގެ ލޯނުގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އިމާރާތަށް ބޭނުންވާ އިކުއިޕްމެންޓްސް ހޯދުމަށް ބޭރުގެ ލޯނު އެހީގެ ގޮތުގައި 74 މިލިޔަން ރުފިޔާ ހޯދުމަށް ހަމަޖެހިފައިވެ އެވެ.

ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުން ވަނީ އެ ލިޔެކިޔުންތައް ދިރާސާ ކުރެއްވުމަށް ވަގުތު ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެ މައްސަލަ ދިރާސާ ކުރެއްވުމަށް ސަބް ކޮމެޓީއަކަށް ފޮނުވައި ކަމާ ގުޅުންހުރި ތަޖުރިބާކާރުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ހުށަހެޅުނު އިރު، އޮޑިޓާ ޖެނެރަލްގެ އޮފީހަށް ފޮނުއްވުމަށް ވެސް ބައެއް މެމްބަރުން ހިޔާލު ފާޅުކުރެއްވި އެވެ.

މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން މާލިއްޔަތު ކޮމެޓީގެ މުގައްރިރު، ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ ދެން ބާއްވާ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި ގޮތެއް ނިންމައި އެކަމާ ގުޅޭ ގޮތުން ބަހުސް ކުރުމަށް ވަގުތު އަރުވަން ނިންމައިފަ އެވެ.

×
DB released.