ތައުލީމާ ބެހޭ ބިލަށް ތަފާތު ހިޔާލުތަކެއް

މަޖިލީހުގެ ޖަލްސާއެއގައި މެމްބަރުން --- ފޮޓޯ// މަޖިލިސް

މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ހުށަހަޅުއްވާފައިވާ ތައުލީމާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ތަފާތު ހިޔާލުތަކެއް ބިލާ ބެހޭ ގޮތުން މެމްބަރުން ފާޅުކޮށްފި އެވެ.

ސަރުކާރު މެމްބަރުން ބިލު ފުރިހަމަ ކަމަށް ވިދާޅުވެ، ބިލަށް ތައުރީކުރައްވާފައިވާ އިރު އިދިކޮޅު ބައެއް މެމްބަރުން ވަނީ ބިލުގެ ބައެއް މާއްދާތަކަށް ފާޑު ވިދާޅުވެ ވާހަކަ ފުޅުދައްކަވައިފަ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ތައުލީމީ ބިލުގައިވާ ގޮތަށް "ޓީޗާސް ރެޖިސްޓްރޭޝަން ކައުންސިލް"އެއް އޮންނަން ގިނަ މެމްބަރުންތަކެއް ވަނީ ތާއީދު ކުރައްވާފަ އެވެ.

ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ ރާއްޖޭން ބޭރުގެ ގިނަ ގައުމުތަކުގައި ވެސް ޓީޗަރުން ރެޖިސްޓްރީ ކުރާ ކައުންސިލެއް ނުވަތަ އެފަދަ މުއައްސަސާތައް ހަދާފައި ހުންނަ ކަމަށެވެ.

ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ---- ފޮޓޯ/މަޖިލީސް

އެއީ ޓީޗަރުންގެ ފެންވަރު ބެލުމަށާއި ފެންވަރު މަތި ކުރުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށް ޖަމީލް ވަނީ ވިދާޅުވެފަ އެވެ. އަދި ދެއަހަރުން އެއްފަހަރު ނުވަތަ ފަސް އަހަރުން އެއްފަހަރު ނަމަވެސް ޓީޗަރުން ފެންވަރު ހުރިތޯ ބަލާ އިމްތިހާނެއް ހެދުން ވެސް މުހިންމުކަން ޖަމީލް އުސްމާން ވަނީ ފާހަގަކުރައްވައިފަ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފް) ވިދާޅުވީ އިދިކޮޅު ޕާޓީއެއްގައި ހުރި ކަމުގައިވިޔަސް ތައުލީމީ ބިލަށް މަރުހަބާ ކިޔާ ކަމަށެވެ.

"ފުރަތަމަ ފަހަރަށް ތައުލީމުގެ ސިޔާސަތެއް ކަނޑައަޅައި މި މަޖިލީހުން ފާސްކުރާ ކުރުމަކީ ހެޔޮފާލެއް ކަމުގައި ނޫނީ އަޅުގަނޑު ނުދެކެން،" މަވޯޓާ ޝަރީފް ވިދާޅުވި އެވެ.

މަރަދޫ ދައިރާގެ މެމްބަރު އިބުރާހިމް ޝަރީފު (މަވޯޓާ) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ މަޖިލިސް

ނަމަވެސް ގާނޫނު މަޖިލީހުން ފާސްވި ކަމަށްވިޔަސް އެ ގާނޫނު ތަންފީޒު ނުވާނެ ކަމުގެ ބިރު ހިތުގައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ. އަދި ބިލުގައި ކުރުން މަޖުބޫރު ވާނެ ކަންތައްތަކެއް ނުކުރުމުން ދޭނެ އަދަބެއް ތަފްސީލުކޮށް ބަޔާންކޮށްފައި ނެތުމަކީ ވެސް ކަނބޮޑުވާ ކަމެއް ކަމަށް މަވޯޓާ ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު އެންމެ އުފާވަނީ ޕްރީސްކޫލް ތައުލީމު ކޮންމެ ކުއްޖަކަށް އޮތް ހައްގެއް ކަމުގައި މި ގާނޫނުގައި އޮތްއޮތުން. ހަމަ އެހެންމެ ސާނަވީ ތައުލީމު ލިބިދިނުމަށް އޮތް އޮތުމާއި ފަންނަނީ ތައުލީމު ލިބިދޭ ގޮތަށް ބަޔާންކޮށްފައި އޮތް އޮތުން ފާހަގަކޮށް އަޅުގަނޑު މަރުހަބާކިޔަން،" މަވޯޓާ ޝަރީފް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީ މެމްބަރުންގެ ތެރެއިން ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ތައުލީމީ ބިލަކީ މުހިންމު ބިލެއް ކަމަށެވެ. ނަމަވެސް ބިލަށް އިތުރުކުރަން ޖެހޭ ބައެއް ކަންކަން ހުރިކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ކުއްޖާއަށް ރަނގަޅަށް ކާންދީފައި ފޮނުވުމަށް ބިލުގައި ބުނާއިރު ބައެއް ފަރާތްތަކަށް 10 ރުފިޔާ އިންޓަވަލްއަށް ދީފައި ފޮނުވޭނެ ހާލަތުވެސް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެންކަމުން ގާނޫނުގައި ކުދިންނަށް "ދޮންކެޔޮ ވަކަކާއި ކިރުތައްޓެއް ދޭން" ހިމަނާލުން ރަނގަޅު ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިގެން އެބަހުރި މާލޭގެ ބޮޑެތި ސުކޫލުތަކުން ޓީޗަރުން ފަންޑު ހަދައިގެން އެހެން އަންނަ ކުދިންނަށް 10 ރުފިޔާ އިންޓަވަލްއަށް ދޭކަން،"

ނާޒިމް އިތުރަށް ވިދާޅުވީ ސުކޫލުން އޭ ރިޕޯޓެއް ހޯދުމަށް ވުރެ އޭ ރިޕޯޓުގެ ކުއްޖަކު ސުކޫލުން ތައްޔާރުކުރުން މުހިންމު ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު މިކުރަނީ ފޮތް ކިޔާ އޭ ރިޕޯޓް ހޯދުމެއް ނޫން. އެއަށްވުރެ ރަނގަޅޭ ރަނގަޅު ކުދިން ތައްޔާރު ކުރުން. ކްލާސް ރޫމް ސާފު ކުރުވަން ޖެހޭނެ. ކުއްޖާ ނުކުމެގެން އަންނަ އިރު މުޖުތަމައު ބަލަގަންނަ ކުއްޖެއް ގޮތުގައި ތަރުބިއްޔަތު ކުރުމަކީ އެންމެ މުހިންމު ކަންތައް." މެމްބަރު ނާޒިމް ވިދާޅުވި އެވެ.

ޕީޕިއެމްއަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ބިލު ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށެވެ. ނަމަވެސް ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ހުރިހާ މަރުހަލާއެއްގައި ވެސް ކިޔެވުން ލާޒިމް ކުރާ ގޮތަށް ބިލުގައި ހިމަނާލުން މުހިއްމުކަން އަމީތު ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް