ނޮކިއާ 3310 އަނެއްކާ ވެސް ލޯންޗު ކުރަނީ

ނޮކިއާ 3310 -- ފޮޓޯ: ގެޓީ

މޮބައިލް ފޯނުގައި ތާރީހުގައި ވެސް އެންމެ ވަރުގަދަ ފޯނުގެ ގޮތުގައި މަޝްހޫރުވެފައިވާ ނޮކިއާ 3310 އަނެއްކާ ވެސް ލޯންޗު ކުރަން ފިންލޭންޑުގެ ކުންފުންޏެއް ކަމަށްވާ އެޗްއެމްޑީ ގްލޯބަލްއިން ނިންމާފައިވާ ކަމަށް ޓެކްނޮލޮޖީއާ ބެހޭ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފި އެވެ.

ނޮކިއާ ބްރޭންޑްގެ އެކްސްކްލޫސިވް ރައިޓްސް މިދިޔަ އަހަރު ހޯދި އެޗްއެމްޑީ ގްލޯބަލްއިން ނޮކިއާ 3310 އަނެއްކާ ވެސް ލޯންޗު ކުރާނީ މިމަހުގެ ފަހުކޮޅު ބާއްވާ މޮބައިލް ވޯލްޑް ކޮންގެރެސްގައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ގިނަ އިރުވަންދެން ޗާޖު ހިފަހައްޓާ އަދި ފަސޭހައިން ހަލާކު ނުވާ 3310 އެންމެ ފުރަތަމަ ބާޒާރަށް ނެރުނީ 2000 ވަނަ އަހަރެވެ. މިފަހަރު އެފޯނު ބާޒާރަށް ނެރުމަށް ފަހު ވިއްކާނީ 62 ޑޮލަރަށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެމެޒޯންއިން މިހާރު ވެސް ލިބެން ހުންނަ 3310ގައި ހިމެނޭ ފީޗާތަކުގެ ތެރޭގައި ގަޑި، ކަލްކިއުލޭޓަރު، ރިމައިންޑާސް އަދި ހަތަރު ގޭމް ހިމެނެ އެވެ. އޭގެ ތެރެއިން ސްނޭކް ގޭމަށް ލިބުނު ތަރުހީބު ބޮޑު ކަމުން އައިފޯން، އެންޑްރޮއިޑް އަދި ވިންޑޯސް ފޯނުތަކަށް އެގޭމް ޑައުންލޯޑް ކުރެވޭ ގޮތް ވަނީ ހަދައިފަ އެވެ.

ނޮކިއާ 3310ގެ އިތުރުން، ހެޔޮ އަގުގައި ވިއްކާނެ ސްމާޓްފޯނުތައް ކަމަށްވާ ނޮކިއާ 3، 5، 6 ވެސް އެޗްއެމްޑީން ލޯންޗު ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް