އޮޅުވާލައިން ފައިސާ ހޯދަން ގުޅާ މީހުން މިހާރު ބުނަނީ ބަލި މީހަކަށް އެހީވެދޭށޭ

މީހަކު މޯބައިލް ފޯނު ބޭނުންކުރަނީ: ސަން ފައިލް ފޮޓޯ

އޮޅުވާލައިގެން ފައިސާ ހޯދަން ކުރާ ފޯންކޯލްތަކުގައި އެކިއެކި ބަލި މީހުންނަށާއި ޖަމިއްޔާތަކަށް އެހީވުމަށްކަމަށް ބުނެ ފައިސާ ހޯދަން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެކިއެކި ކުންފުނިތަކުން ހިންގާ ޕުރޮމޯޝަންތައްކަމަށް ބުނެ މީހުންނަށް ގުޅައިގެން ބޮޑެތި އިނާމްތައް ލިބޭނެ ކަމަށް ބުނެ ރީލޯޑާއި ފައިސާ ހޯދުމަކީ ކުރިންސުރެ އާންމު ކަމެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެފަދަ ކޯލްތަކުގައި މިހާރު އެކިއެކި ޖަމްއިއްޔާ ތަކާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި، ނުވަތަ ކުޑަކުދިންގެ ހިޔާ ފަދަ ތަންތަނަށް އެހީތެރިވުމަށް ކަމަށްބުނެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްދިނުމަށާއި ރީލޯޑް ހޯދުމަށް އެދެމުންދާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރާއްޖޭގެ އެއްވެސް ކުންފުންޏަކުން އަދި ޖަމިއްޔާއަކުންވެސް އެހީހޯދުމަށް ފޯނުތަކަށް ގުޅައި ރީލޯޑް ނުވަތަ ރާސްޓަސް އަޅައިދިނުމަކަށް ނޭދެއެވެ. އަދި ފައިސާ އެކައުންޓަށް ޖަމާކޮށްދިނުމަކަށްވެސް ނޭދެއެވެ.

ފާއިތުވި ތިން މަސް ތެރޭގައި މަކަރާއި ހީލަތުން ބޮޑެތި އަދަދު ތަކުން ރީލޯޑްކޮށް އަދި ރާސްޓަސް ހޯދާފައިވާ މައްސަލައާއި އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާ 23 މައްސަލައެއް ފުލުހުންނަށް ވަނީ ހުށައަޅާފައެވެ.

comment ކޮމެންޓް