ޑި މަރިއާގެ މޮޅު ކުޅުމާއެކު ޕީއެސްޖީން ބާސާ ސައިޒްކޮށްލައިފި

ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ބާސާ ކޮޅަށް ޕީއެސްޖީގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު، އަންހެލް ޑި މަރިއާ އެޓީމުގެ ކުޅުންތެރީންނާއެކު އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި، ސްޕެއިންގެ ފުޓްބޯޅައިގެ ގަދަ ބާރު، ބާސެލޯނާ 4-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ އަތްދަށުވެއްޖެއެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ގަދަ 16ގެ ފުރަތަމަ ލެގު މެޗުގެ ދެ ހާފްގައި ވެސް އެޓީމުން ރަނގަޅު ކުޅުމެއް ދައްކާފައި ވާއިރު، މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ 18 ވަނަ މިނިޓްގައެވެ. ޕީއެސްޖީއަށް މެޗުގެ ކުރި ހޯދައިދިނީ އެޓީމަށް ލިބުނު ހިލޭ ޖެހުމެއް ވަރަށް ރީތިކޮށް ބާސާގެ ގޯލްތެރެއަށް ފޮނުވާލައިގެން އަންހެލް ޑި މަރިއާއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރީން، ޕީއެސްޖީން ވަނީ ބާސާގެ ގޯލް ދެވަނަ ފަހަރަށް ފޫއަޅުވާލައިފައެވެ. މެޗުގެ 40 ވަނަ މިނިޓްގައި އެލަނޑު ކާމިޔާބުކޮށްދިނީ ޖޫލިއަން ޑްރެކްސްލާއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ބާސާއާ ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރޭން. މި މެޗުން ބާސާ ބަލިވީ 4-0 ލަނޑުން -- ފޮޓޯ: އޭޕީ

ދެލަނޑުގެ ލީޑަކާއެކު ދެވަނަ ހާފު ފަށައިގެން 10 ވަރަކަށް މިނިޓް ތެރޭގައި ޕީއެސްޖީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ބާސާ ހާސްކަމެއްގެ ތެރެއަށް ފޮނުވާލައިފައެވެ. މެޗުގެ 55 ވަނަ މިނިޓްގައި ޕީއެސްޖީގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ޑި މަރިއާއެވެ.

ޑިމަރިއާ ވަނީ، މިސީޒަންގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މި ސީޒަން ވެގެން ގޮސްފައި ވަނީ އޭނާގެ އެންމެ ކާމިޔާބު އެއް ސީޒަންގެ ގޮތުގައެވެ.

ބާސާގެ މައްޗަށް ޕީއެސްޖީ ހޯދި މި ފުރިހަމަ ކާމިޔާބީގެ އެންމެ ފަހު ލަނޑު، މެޗުގެ 71 ވަނަ މިނިޓްގައި ކާމިޔާބުކުރީ އެޑިސަން ކަވާނީއެވެ.

ކްލަބު ފުޓްބޯޅައިގައި ދުނިޔޭގެ ސުޕަ ޕަވަރުގެ ގޮތުގައި މަޝްހޫރު ބާސާ، ރޭގެ މެޗުގައި މިސްރާބުގެއްލިގެން ދިޔައިރު، އެޓީމުގެ ވޯލްޑް ކްލާސް ކުޅުންތެރީން ކަމަށްވާ، ލިއޮނަލް މެސީ، ލުއިސް ސުއަރޭޒް އަދި ނޭމާގެ ފަރާތުންވެސް އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ބާސާއަކީ ޗެމްޕިއަންސް ލީގުގައި 4-0 ލަނޑުގެ ތަފާތުން ބަލިވި ހަތަރު ވަނަ ޓީމެވެ. މީގެ ކުރީން، އެ ނަތީޖާއިން ބަލިވި ޓީމުތަކުގެ ތޭރެގައި، 1994 ވަނަ އަހަރު މިލާން، 1997 ވަނަ އަހަރު ޑީނަމޯ ކިއެވް، އަދި 2013 ވަނަ އަހަރު ބަޔާން މިއުނިކް ހިމެނެއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ބާސާއާ ޕީއެސްޖީ ބައްދަލުކުރި މެޗަށް ފަހު އަންހެލް ޑި މަރިއާ ބާސާގެ ލިއޮނަލް މެސީއާ ސަލާމް ކުރަނީ. މި މެޗުން ބާސާ ބަލިވީ 4-0 ލަނޑުން -- ފޮޓޯ: އޭޕީ

ޕީއެސްޖީ ވެގެން ގޮސްފައި ވަނީ، ޗެމްޕިއަންސް ލީގުގައި ބާސާކޮޅަށް ހަތަރު ލަނޑު ޖެހި ހަވަނަ ޓީމަށެވެ. އެ ލިސްޓުގައި ހިމެނޭ އެހެން ޓީމު ތަކަކީ، މިލާން، ޑީނަމޯ ކިއެވް، ވެލެންސިއާ، ޗެލްސީ އަދި ބަޔާން މިއުނިކެވެ.

ޗެމްޕިއަންސް ލީގުގެ ތާރީޚުގައިވެސް، ނޮކްއައުޓް ސްޓޭޖްގެ ފުރަތަމަ ލެގުގެ މެޗެއްގައި ހަތަރު ލަނޑުގެ ތަފާތަކުން ބަލިވި ޓީމަކަށް ކުއާޓާއާ ހަމައަށް ދަތުރުކުރެވިފައެއް ނުވެއެވެ. އެހެންކަމުން، މާޗް 8ގައި މި ދެޓީމު ކުޅޭ ދެވަނަ ލެގު މެޗު ވެގެން ދާނީ، ލުއިސް އެންރީކޭގެ ޓީމަށް ވަރުގަދަ އިމްތިހާނަކަށެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ބާސާ، ނޮކްއައުޓް ސްޓޭޖަށް ދަތުރުކުރީ، ގްރޫޕް ސްޓޭގައި އެޓީމު ކުޅުނު ހަ މެޗުގެ ތެރޭން ފަސް މެޗު ކާމިޔާބުކޮށްގެންނެވެ. ގްރޫޕް ސްޓޭޖްގައި އެޓީމު ބަލިވީ، 3-1 ލަނޑުން، ބާސާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޮލާގެ މެންޗެސްޓާ ސިޓީ އަތުންނެވެ. މިއީ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖްގައި ބާސާކޮޅަށް 3 ލަނޑުވަން ފުރަތަމަ ފަހަރެވެ.

ބާސާ އަތުން ލިބުނު މޮޅާއެކު އެންމެ ބޮޑު އުފަލެއް ލިބޭނޭ އެއް ފަރާތަކީ ޕީއެސްޖީގެ ސްޕެނިޝް ކޯޗް އުނާއި އެމެރީއެވެ. އެގޮތުން އޭނާ ޕީއެސްޖީއާ ހަވާލުވުމުގެ ކުރީން، ބާސާއާ ދެކޮޅަށް 23 މެޗުގައި ކޯޗުކޮށްދީފައި ވާއިރު، މޮޅުވެފައި ވަނީ އެންމެ ފަހަރަކުއެވެ. އެހެން ނަމަވެސް އެމެރީ ވަނީ، ސެވިއްޔާއަށް ޖެހިޖެހިގެން ތިން ފަހަރު ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްދީ، ޔޫރަޕުގެ އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނިފައެވެ.

comment ކޮމެންޓް