ކަނޑުމަތީ އެކްސިޑެންޓެއްގައި ދެ ފަތުރުވެރިޔަކު މަރުވި މައްސަލާގައި މީހަކަށް ދައުވާ އުފުލައިފި

ކ. ގުޅިން ކ. މާފުއްޓަށް ކުރި ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި މަރުވި ދެ ފަތުރުވެރިން ---- ސަން ފައިލްް ފޮޓޯ

ކަނޑުމަތީ އެކްސިޑެންޓެއްގައި ދެ ފަތުރުވެރިޔަކު މަރުވި މައްސަލާގައި މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ފ. ނިލަންދޫ، އުނިމާގޭ އިބްރާހީމް ނާސިރުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ.

ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ހަވީރު އިބްރާހިމް ނާސިރުގެ ކެޕްޓަންކަމުގެ ދަށުން ދުއްވާ ސަންލިޓް 1 ލޯންޗްގައި ކ. ގުޅިން ކ. މާފުއްޓަށް ކުރި ދަތުރުމަތީގައި ބަލަންވާވަރަށް ނުބަލައި ދުއްވާފައި ދިޔުމުގެ ސަބަބުން އެ ދުވަހު ހަވީރު ކުޑަގިރި ޑައިވިން ޕޮއިންޓާ ދިމާއަށް ދުއްވާފައި ދިޔަ ފަރިހި2 ދޯނީގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގެ ސަބަބުން އެ ދޯނީގައި ތިބި ދެ ފަތުރުވެރިޔަކު މަރުވެފައިވާ ކަމަށް ވެސް އެ ދައުވާގައި ބުނެފައެވެ.

އެ މައްސަލައިގެ އަޑުއެހުންތައް އިއްޔެ ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ. ދައުލަތުން އެ މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

އެކްސިޑެންޓުގައި މަރުވީ 16 އަހަރުގެ ވިވިއަން ނަމަކަށް ކިޔާ މެލޭޝިޔާ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމަ އުމުރުން 42 އަހަރުގެ ނިކޯލް ސާއީ އެވެ. އޭނާ އަކީ ޗައިނާ އަށް ނިސްބަތްވާ އަންހެނެކެވެ. އެ ދެ މީހުން މާފުށި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.

އެ ދެ މައިން ރާއްޖެ އައީ ވިވިއަންގެ އުފަންދުވަސް ފާހަގަކުރުމަށެވެ.

comment ކޮމެންޓް